އިންތިހާބުގައި ވާދަނުކުރައްވަން މަސީހު ނިންމަވައިފި

ފެބްރުއަރީ 7، 2019: އާއަހަރުގެ މަޖިލީސް ފެށުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

މަސީހު މަޖިލިސް އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވާފައިވާކަން މަސީހާ ގާތް ބޭފުޅަކު ވަނީ ސަން އަށް ޔަގީންކޮށްދީފަ އެވެ.

ކޮންގްރެސް ޕާޓީގެ ވަގުތީ ހިންގާ ކޮމެޓީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ އިންތިހާބުގައި ވާދަ ނުކުރައްވަން މަސީހު ނިންމެވުމަކީ މަސީހުގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ.

"އެގޮތަށް ނިްނމެވުމަކީ މަސީހުގެ އަމިއްލަ ނިންމެވުމެއް. ވަރަށް ދުވަސްވެއްޖެ އެގޮތަށް ވިސްނަވާތާ، ދިރިއުޅުމުގެ ކަންތައް މިވަގުތު ހުރިގޮތުންނާ އެކު އެގޮތަށް ނިންމެވީ،"

މުންދު ވިދާޅުވީ ޕީޕީއެމް ކޯލިޝަނުން އެ ދާއިރާ އަށް ހުރި އެހެން އޮޕްޝަންތަކަށް ވިސްނާ ކަމަށެވެ. އެހެން ޕާޓީއަކުން ނެރޭ ކެންޑިޑޭޓަކަށް ރާއީދު ކޮށްފާނެ ކަމުގެ އިޝާރާތެއް ވެސް މުންދު ދެއްވި އެވެ.

މަސީހު މަޖިލީހަށް ވާދަ ނުކުރައްވަން ނިންމެވިއިރު ޕީޕީއެމް އިން ވާދަކުރަން ނިންމާފައިވާ ބައެއް ދާއިރާތައް ޖުމްހޫރީ ޕާޓީ އަށް ދޫކޮށްލަން ނިންމާފައިވާ ކަމަށް ވަނީ ވާހަކަ ދެކެވެން ފަށައިފަ އެވެ.

އެގޮތުން އއ. މަތިވެރި ދާއިރާގެ ޓިކެޓުދީފައިވާ ކުރީގެ ނޫސްވެރިޔާ އާމިނަތު ލަޔާލުގެ އަތުން ޕީޕީއެމްގެ ޓިކެޓު ނަގާފައިވާ އިރު ޖުމްލަ 25 ދާއިރާ އަކުން ޖޭޕީ އަށް ތާއީދު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް އެނގިފައިވެ އެވެ.

"ޓިކެޓެއް ނުވެއް އަތުލާ އެކަމަކު ބުނީ އަމިއްލަޔަށް ވާދަ ނުކުރަން ނިންމާށޭ. ކެމްޕެއިން ވެސް ހުއްޓާލަންއަންގާފައި އޮތީ. ޕީޕީއެމުން ބޭނުންވަނީ ޕީޕީއެމުން އެ ދާއިރާތަކަށް ވާދަ ނުކުރާ ކަމަށް ނިންމައި ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރަން." ޕީޕީއެމުން ކެމްޕެއިން ހުއްޓާލަން އެންގި އެހެން ކެންޑިޑޭޓެއް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާ އެކު ކޯލިޝަން ހެދި ކަމުގެ ވާހަކަތަކެއް ބައެއް ފަރާތްތަކުން ދަނީ ދައްކަމުންނެވެ. ނަމަވެސް ޖޭޕީއިން ބުނީ އެއްވެސް ކޯލިޝަނެއް ހަދައިފައިނުވާނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅިގެން ޕީޕީއެމުން ވަރަށް އަވަހަށް މީޑިއާއަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އޭރުން ހުރިހާ ތަފްސީލެއް ރަނގަޅަށް އެނގިގެންދާނެ ކަމަށެވެ.

comment ކޮމެންޓް