ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ މިއަދު ފަށައިފި އެވެ.

މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިސްނަގައިގެން ބާއްވާ މަހާސިންތާއެކެވެ. އެ މަހަސިންތާ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ފެށި އެ ކޮންފަރެންސް އިފްތިތާހް ކޮށްދެެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ "މަދަރުސީ އިސްވާރުކަން ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން" އެވެ.

މިއަދުގެ މަހާސިންތާ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުން ފެންވަރުގެ ބޭފުޅުންނާއި އަދި އެޑިއުކޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެ އެވެ.

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްތްރީ

އެ ކޮންފަރެންސްގައި މަދަރުސާތައް ހިންގުމުގައި މިއަދު ދިމާވެފައިވާ އެކިއެކި ގޮންހެހުންތަކާއި މިގަރުނުގައި ދެކެމުންމިދާ ހަލުވި ބަދަލުތަކާ އެކަންކަމުން ދަރިވަރުންނަށް ކުރަމުންދާ އަސަރުތަކާ މެދު އިލްމީ މަޝްވަރާތަައް ކުރެވި އެކަންކަން ކުރިމަގުގައި ބައްޓަން ކުރާނެ ތަސައްވަރެއް އެކަށައެޅިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ސްކޫލުތައް ކާމިޔާބުކޮށް ގެންދެވޭނީ ސްކޫލުތަކުގެ ވެރިންގެ ހިންމަތާ މިންނަތުންކަން ޔަގީންވާ ކަމަށެވެ.

"ތައުލީމީ ދާއިރާގައި ދިރާސާ ކުރައްވާ ބޭފުޅުން ތަކުރާރުކޮށް އެ ބެފުޅުންގެ ދިރާސާތަކުން ދައްކާ ކާމިޔާބު ސްކޫލެއް ކަމަށް ވެއްޖިއްޔާ ކާމިޔާބު ޕްރިންސިޕަލެއް އެ ސްކޫލުގައި ހުންނާނެ. ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެފައި އެެބަހުރި ކާމިޔާބު ސްކޫލެއް ދައްކާށޭ އެތަނުން ކާމިޔާބް ޕްރިންސިޕަލެއް ދައްކާނަމޭ." ރަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް