ބާލިން ފިލްމް ފެސްޓިވަލުގައި "ގަލީ ބޯއީ" އަށް ބޮޑު ތަރުހީބެއް!

ރަންވީރު ސިންގް އަދި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ، ޒޯޔާ އަޚްތަރުގެ ފިލްމު 'ގަލީ ބޯއީ' ޖަރުމަނުގައި ކުރިއަށްދާ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ޕްރިމިއާ ކޮށްފި އެވެ.

އެ ފެސްޓިވަލުގައި 'ގަލީ ބޯއި' އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ފިލްމު ބެލި ގިނަ މީހުން ރަންވީރާއި އާލިއާގެ އިތުރުން ޒޯޔާގެ ކުޅަދާނަ ކަމަށް ވެސް އަންނަނީ ތައުރީފު ކުރަމުންނެވެ.

އެގޮތުން ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގެ އާޓިސްޓިކް ޑައިރެކްޓަރު ކެމެރަން ބެއިލީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 'ގަލީ ބޯއީ' އަކީ ބާލިން ފިލްމު ފެސްޓިވަލުގައި ފާއިތުވި 20 އަހަރު ދުވަހު އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމު ކަމަށެވެ.

ފިލްމު ޕްރިމިއާ އަށް "ހައުސް ފުލް" ވެފައިވާ ކަމަށާއި، އެވަރުގެ ތަރުހީބެއް މިވީ 20 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ފެނިފައި ނުވާ ކަމަށެވެ.

'ގަލީ ބޯއީ' ގައި ރަންވީރު ފެނިގެންދާނީ 'މުރާދު' ކިޔާ އިންޑިއާގެ މުމްބާއީގެ ސްލަމް އަށް ނިސްބަތްވާ ރެޕާ އެއްގެ ރޯލުންނެވެ. އެ ފިލްމަކީ އިންޑިއާގެ އަންޑަގުރައުންޑް ރެ ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދައިފައިވާ ފިލްމެކެވެ.

ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން ދެން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ، ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް އަދި އަމްރުތާ ސުބާޝްއެވެ. ފިލްމު ރިލީޒްކުރާނީ ފެބުރުއަރީ 14 ވަނަ ދުވަހު އެވެ.

comment ކޮމެންޓް