ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން ހާއްސަ ލަވައެއް އިފްތިތާހްކޮށްފި

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން ހާއްސަ ލަވައެއް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމއިްޔާތުގެ ތެރެއިން--- ފޮޓޯ: ކަލާފާނު ސްކޫލް

ކަލާފާނު ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން ހާއްސަ ލަވައެއް އެ ސްކޫލުން އިފްތިތާހްކޮށްފިއެވެ.

ކަލާފާނު ސްކޫލު ވުޖޫދަށް އައީ 25 ޖުލައި 1989 ވަނަ އަހަރުއެވެ.

މިއަދު ހަވީރު ހެންވޭރު ދަނޑުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ލަވަ އިފްތިތާހްކޮށްދެއްވީ ޔޫތު މިނިސްޓަރު އަދި އެ ސްކޫލުގެ ކުރީގެ ދަރިވަރު އަހުމަދު މަހުލޫފެވެ.

އެ ލަވަ ހައްދަވާފައިވަނީ އެ ސްކޫލުގެ ކުރީގެ ދިވެހި މުދައްރިސެއް ކަމަށްވާ އަހުމަދު ނާސިހުއެވެ. އެ ލަވަ ކިޔާފައިވަނީ އެ ސްކޫލުގެ ކުރީގެ ހަތަރު ދަރިވަރުންނެވެ. އެއީ ޒިޔާން އާސިމް، ހަމޫދު އަހުމަދު، މަރިޔަމް ރިފާން ހަސަން ރަޝީދު އަދި މުހައްމަދު އިޝާންއެވެ.

ލަވަ ހެދި ފަރާތާއި އަދި ލަވަކިޔުންތެރިންނަށް ހާއްސަ އެވޯޑެއްވެސް މިއަދު ވަނީ އަރުވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ސްކޫލުން ވަނީ 30 އަހަރު ފުރުމާ ގުޅިގެން ހެދި ރަމްޒީ ދިދައެއްވެސް މަހުލޫފަށް އަރުވައިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހުލޫފު ވަނީ އޭނާ އެ ސްކޫލުގައި އުޅުނު ދުވަސްވަރުގެ ހަނދާންތައް ހިއްސާކޮށްފައެވެ.

"ފުޓްބޯޅައިގެ ވާހަކަ ދައްކާއިރު ފުޓްބޯޅައާ ގުޅުވާލީމަ އަޅުގަނޑު ހަންދާންވޭ އަޅުގަނޑު ކަލާފާނު ސްކޫލުގެ އަންޑާ 11 ފުޓްބޯޅަ ޓީމަށް ކުޅުނުއިރު އިންޓަ ސްކޫލު މުބާރާތް މާދަން އޮންނަންޏާ އޭރު ބައްޕަ ކައިރީގައި ރޮއެގެން އަޅުގަނޑަށް ލިބޭނެ އާ ބޫޓެެއް ކޮންމެ ފަހަރަކު މުބާރާތެއް. އެހެންވީމާ ފުރަތަމަ މެޗް އޮންނަ ދުވަހު އަޅުގަނޑު ނިދާނީ ކަލާފާނު ސްކޫލުގެ ޖާޒީ ލައިގެން ބޫޓަށް އަރައިގެން." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސްކޫލުގެ ގޯތިތެރޭގައި ޓާފްއެއް އެޅުމަށް ސްކޫލުން ބޭނުންކަން އެނގިފައިވާ ކަމަށާއި އަދި ޔޫތު މިނިސްޓަރު ކަމުގައި ދެމި ހުރެއްޖިނަމަ އެކަން ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް