ތާއްޖުއްދީން ސްކޫލަށް މި އަހަރު 30 އަހަރު ފުރުމާ ގުޅިިގެން އެ ސްކޫލުން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.
އެ ސްކޫލަށް 30 އަހަރު ފުރުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ތިރީިސް އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް، އިއްޔެ އެ ސްކޫލުން ވަނީ ރަސްފަންނުގައި ހާއްސަ އެސެމްބްލީއެއް ވެސް ބާއްވައިފައެވެ. އެ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަތެވެ.

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން އިއްޔެ ރަސްފަންނުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން --- ފޮޓޯ: ޓުވިޓާ
ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު "ސަން" އަށް ވިދާޅުވީ އެ ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން ވަރަށް ކުލަ ގަދަކޮށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން މި އަހަރަށް ވަކި ހާއްސަ ލޯގޯއެއް ތައާރަފްކޮށް އަދި ކުރީގެ ދަރިވަރުންނާއި އަދި ބެލެނިވެރިން ހިމެނޭގޮތަށް އަންނަ މަހު ދެ ވަނަ ދުވަހު ހާއްސަ ދުވުމެއް ބާއްވާގޮތަށްވެސް ހަމަޖައްސައިފައިވާ ކަމަށް ބަޝީރާ ވިދާޅުވިއެވެ.

ތާޖުއްދީން ސްކޫލަށް 30 އަހަރު ފުރުމާ ގުޅިގެން އިއްޔެ ރަސްފަންނުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން --- ފޮޓޯ: ޓުވިޓާ
" އޭގެ އިތުރުން ތިމާވެއްޓަށް އަހުލުވެރިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމަކާއި އަދި ކުދިންނަށް އެކި ކަހަލަ ވެލިއުސްތައް ދަސްކޮށްދޭނެ ޕްރޮގްރާމްތައް މުޅި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައި." އޭނާ ވިދާޅުވިއެވެ.
އަދި މި އަހަރު ހާއްސަ ފެއާއަކާއި އަދި ތާޖުއްދީން ސްކޫލުގެ ޓީޗަރުން، ދަރިވަރުންނަށް ވަރަށް ހާއްސަ ޝޯއެއް ހުށަހަޅާދޭނެ ކަަމަށްވެސް ބަޝީރާ ވިދާޅުވިއެވެ.