ޝަރުއީ ނިޒާމް އޮތީ ވަރަަށް ފުރިހަމަކޮށް، އިސްލާހުކުރާކަށް ނުޖެހޭ: ފަރުހާދު

އައްޑޫ ސިޓީގެ މީދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރުހާދު. ޜާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރަން ނުޖެހޭކަމަށް އޭނާ ވިދާޅުވި --- ސަން ފޮޓޯ: މުހައްމަދު އަވުޝަން އިލްޔާސް

ރާއްޖޭގެ ޝަރުއީ ނިޒާމް އޮތީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެ ނިޒާމް އިސްލާހުކުރަން ނުޖެހޭކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަރުހާދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފަރުހާދަަށް ވަނީ އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ޓިކެޓް ދީފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަރުހާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތިޚާބުގެ ކެމްޕޭންގައި އެމްޑީޕީން ގެންގުޅޭ ސްލޯގަން، އެޖެންޑާ19 އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުކުރަން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުން އެޖެންޑާ 19 އަކާ އެނެކައްޗެއްގެ ބޭނުމަކީ ސީދާ ހުދުމުހުތާރުވުން އެނޫން އެއްވެސް ކަމެއް ނެތް. ޝަރުއީ ނިޒާނެއް ރާއްޖޭގައި އިސްލާހުކުރާކަށް ނުޖެހޭ. މިވަގުރު ޝަރުއީ ނިޒާމް ރާއްޖޭގައި ވަރަށް ފުރިހަމަކޮށް އޮތީ އެހެންވީމާ އެދައްކަނީ އެއްވެސް ތާކުންތާކު ނުޖެހޭ ދަޅަ. ތިމާމެންގެ އަތުތެރެއަށް ޖުޑިޝިއަރީ ނުލެވިގެން އެވާހަކަ ދައްކަނީ" ފަރުހާދު ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތަށް ބެލިނަމަވެސް އެ ޕާޓީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށާއި އެ ޕާޓީއަކީ މިގައުމަށް ހެޔޮ އޯގާތެރިވެރިކަމެއް ގެނެސްދޭނެ ޕާޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަރުހާދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމް ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުނުކުރެވިގެން ބައެއް ބޭފުޅުން ތުރުތުރު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ބޭނުމަކީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ލެވޭނެގޮތް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމުގައި ކެބިނެޓް މިނިސްޓަރުންނާ ބޮޑުވަޒީރާ ހުރިހާ އެއްޗެއް މަސްހުނިވެފައި ޖުޑިޝަރީވެސް އޭގެތެރެއިން އެޕޮއިންޓްވެ ތިން ބާރުން މަސްހުނިވެގެންދާނެ ކަމަށް ފަރުހާދު ވިދާޅުވިއެވެ.

comment ކޮމެންޓް