ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
"މައުމޫމުން ރިފޯމް މޫވްމެންޓް" ނަމުގައި އެ މަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ސިޔާސީ މަސައްކަތްތަކެއް ކުރަމުން އައި ނަމަވެސް އަލަށް އުފައްދާ ޕާޓީގެ ނަމުގެ ގޮތުގައި ހުށަހަޅާފައިވަނީ "މޯލްޑިވްސް ރިފޯމް މޫވްމެންޓް" އެވެ.
އެމްއާރުއެމް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވިއެވެ.
"އިލެކްޝަނުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ހާ އަވަހަކަށް މެންބަރުން ހޯދުމުގެ މަސައްކަތް ފަށާނަން،" އަލީމް ވިދާޅުވި އެވެ.
ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން މީގެ ކުރިން ވަނީ ދެ ސިޔާސީ ޕާޓީއެއް އުފައްދާފަ އެވެ. އެންމެ ފުރަތަމަ އުފެއްދި ޑީއާރުޕީގެ އެތެރޭގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ޕާޓީ ދޫކޮށް ޕީޕީއެމް އުފެއްދި އެވެ.
ނަމަވެސް އޭރު ވެރިކަން ކުރަމުން އައި ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކޮށް އެ ޕާޓީން ވަކިކޮށްފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓުމުންނެވެ.
ޕީޕީއެމް، ރައީސް މައުމޫންއާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ އެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ނިމިގެން ގޮސްފައިވަނީ ރައީސް މައުމޫނާ ދެކޮޅަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއާ އެއްކޮޅަށެވެ. އަދި ރައީސް މައުމޫން ކުރީން އުފެއްދެވި ޑީއާރުޕީ ވެސް މިއަދު އޮތީ ރައީސް ޔާމީނަށް ތާއީދުކުރާ ޕާޓީއެއްގެ ގޮތުގައެވެ.