ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް"ގެ ޓިކެޓް މި މަހު 12 އިން ފެށިގެން އޮލިމްޕަހުން ގަންނަން ލިބޭނެކަމަށް ޕްރޮޑިއުސަރު ޝަފީގު ބުނެފިއެވެ.
ޝަފީގު "ސަން"އަށް ބުނީ ޓިކެޓް ވިއްކަން މި މަހު 12 ގައި ފެށި ނަމަވެސް ފިލްމުގެ ޓިކެޓަށް މިހާރު ބުކް ކުރެވޭނެ ކަމަށެވެ. ޓިކެޓްގެ ބުކިންނަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
ޝަފީގު ބުނީ ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ނަމަ 7384040 މެސެޖުކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށާއި މެސެޖުގައި ޓިކެޓް ބޭނުންވާ ޝޯ އޮންނަ ތާރީހާއި ބޭނުންވާ ޓިކެޓްގެ އަދަދު ވެސް މެސެޖުގައި ހާމަކުރަން ޖެހޭކަމަށެވެ.
ޓިކެޓް ލިބެންހުންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 ފެށިގެން 18:00 އަދި ރޭގަނޑު 20:00 ފެށިގެން 22:00އަށެވެ.
ފިލްމު ޕްރިމިއާކުރާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
"ފޯޓީ ޕްލަސް" އަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.
ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.
ތ. ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގަ އެވެ.
ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.