ސިއްދީގާއި ފަޒުލް ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ ކާމިޔާބު ކޮށްފި

ސިއްދީގު އަދި ފަޒުލް: އެ ދެ ބޭފުޅުން ވަނީ ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައި --- ސަން ފޮޓޯ

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގާއި އެމްޑަބްލިއުއެސްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު، ޕީޕީއެމް އާއި ގޮންގްރެސް ޕާޓީ ގުޅިގެން ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.

ސިއްދީގު ކާމިޔާބު ކުރެއްވީ ތުލުސްދޫ ދާއިރާގެ ޕްރައިމަރީއެވެ. އަދި ފަޒުލް ކާމިޔާބު ކުރެއްވީ ފެލިދޫ ދާއިރާގެ ޕްރައިމަރީއެވެ.

ހަތަރު ކެންޑިޑޭޓުން ވާދަކުރެއްވި ތުލުސްދޫ ދާއިރާގެ ޓިކެޓް ސިއްދީގު ކާމިޔާބު ކުރެއްވީ 203 ވޯޓާ އެކުއެވެ. ދެވެނައަށް ދިޔަ ނާއިފް ޝައުކަތަށް ލިިބިވަޑައިގަތީ 136 ވޯޓެވެ. ތިން ވަނައަށް ދިޔަ އާދަމް އިޔާޒަށް 78 ވޯޓު ލިބިވަޑައިގެންނެވިއިރު ފާތިމަތު ޝަމްނާޒް އަލީ ސަލީމަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.

ފެލިދޫ ދާއިރާގެ ޕްރައިމަރީގައި ފަޒުލްއާ އެންމެ ކައިރިން ވާދަކުރެއްވި އަހްމަދު ނާޒިމް (ހެރިސް އައްމަޑޭ) އަށް ލިބިވަޑައިގަތީ 66 ވޯޓެވެ. ފަޒުލްއަށް 216 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ފެލިދޫ ދާއިރާއަށް ދެން ވާދަކުރެއްވި އަބްދުލް މުހައިމިން ނަސީރަށް ލިބިވަޑައިގަތީ 43 ވޯޓެވެ.

ޕީޕީއެމް ކޯލިޝަނުން މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުން:

މުލަކު ދާއިރާ: މަރިޔަމް ޖުހައިނާ ސާދިގް، ހ. ސޭޑީޔާޑް، މާލެ (241 ވޯޓް)

ކިނބުދޫ ދާއިރާ: އަހްމަދު ހަލީލް، ހުވަނދުމާގެ، ތ. ކަނޑޫދޫ (177 ވޯޓް)

މަކުނުދޫ ދާއިރާ: ޔަޝަފާ އަބްދުލްޣަނީ، ރޯޒަރީ، ހދ. މަކުނުދޫ (312 ވޯޓާ)

އަލިފުށި ދާއިރާ: އަހްމަދު ހުސައިން، ދަފްތަރު ނަންބަރު 3840، މާލެ (195 ވޯޓް)

މީގެ ކުރިން ފުވައްމުލަކު އުތުރު ދާއިރާއާއި ނޮޅިވަރަމް ދާއިރާގެ ޕްރައިމަރީވެސް ބާއްވަން ހަމަޖެހިފައި އޮތީ މިއަދު އެވެ. އެހެން ނަމަވެސް، މިއަދު އެ ދެ ދާއިރާގެ ޕްރައިމަރީ ނުބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް