ސަލާމަތީ ފިޔަވަޅު އެޅުމަކީ ގަޟާގަދަރަށް އީމާންވުމާ ފުށޫއަރާ ކަމެއް ނޫން: ހުތުބާ

މީހުންތަކެއް ހެލްމެޓު އަޅައިގެން ސައިކަލު ދުއްވުމަށް ތައްޔާރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަލާމަތީ ފިޔަވަޅު އެޅުމަކީ ގަޟާގަދަރަށް އީމާންވުމާ ފުށޫ އަރާ ކަމެއް ނޫންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ވަރަށް ބޮޑަށް ދިވެހިން އިހުމާލުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ގޯތި ގެދޮރު އިމާރާތްކުރުމުގައި ހާއްސަކޮށް ފަރުވާ ކުޑަކަމަށް ބުނެފައިވެއެވެ. އަދި އިމާރާތް ކުރާ އިރު ސަލާމަތީ ފިޔަވަޅުތައް ނޭޅުމުން ވެއްޓޭ ތަކެތިން ޖެހި މީހުންނަށް ގެއްލުންވާ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

އެންމެހާ ކަންތައްތައްވެސް މެދުވެރިވަނީ މާތްﷲގެ އިރާދަފުޅާ އެކު ކަމުގައި ކަމަށްވީނަމަވެސް ސަބަބުތަކުގައި ހިފަން މިއަދުގެ ހުތުބާގައި ވަނީ އެދިފަ އެވެ. އަދި ސަބަބުތަކުގައި ހިފުމަކީ ގަޟާގަދަރަށް އީމާންވުމާ ފުށޫއަރާ ކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ހުތުބާގައި ނަގާފައި ވަނީ އުމަރުގެފާނު ޝާމްކަރައަށް ދަތުރުކުރައްވަނިކޮށް، އެތަނުގައި ތާއޫނުބަލި ފެތުރިފައިވާކަން އެނގިވަޑައިގެންނެވުމުން އެނބުރި މަދީނާއަށް ވަޑައިގެންނެވި ކަމެވެ. އަދި އެކަމާ ގުޅިގެން، އެކަލޭގެފާނު މާތްﷲގެ މިންވަރުފުޅަށް ފިއްލަވާވަޑައިގަންނަވަނީތޯ އަބޫ އުބައިދާ ސުވާލު ކުރެއްވުމުން ޖަވާބުގައި "މިވަޑައިގަންނަވަނީ މާތްﷲގެ މިންވަރުފުޅުން މާތްﷲގެ މިންވަރުފުޅަށް" ކަމަށް އުމަރުގެފާނު ވިދާޅުވިކަން ހުތުބާގައި ފާހަގަކުރިއެވެ.

"އިމާރާތް ކުރުމުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އަލިފާން ނިއްވާ ވަސީލަތްތަކާއި، ކަރަންޓާއި، ފެނާއި، ގޭހާއި އެ ނޫންވެސް ވަސީލަތްތަކަކީ ފެންވަރު ރަނގަޅު ވަސީލަތް ކަމުގައި ހަދަން ޖެހެ އެވެ. ކަނޑު ދަތުރުފަތުރު ކުރުމާއި މޫދަށް އެރި އުޅުމާއި، ފީނާ އުޅުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވާ މީހުންނާއި މަގު ހިނގާ މީހުން ވެސް ރައްކާތެރިވާނެ ޖެހޭނެއެވެ. އެއްގަމު އުޅަނދު ދުއްވާ މީހުން އެތަކެތީގެ ބުރަކި ރަނގަޅުތޯ، ތެޔޮ ހުރިތޯ، އަޑީތެޔޮ ބަދަލުކުރަން ޖެހޭތޯ، ފުރޮޅު ޓަޔަރު ހުރީ ސަލާމަތުންތޯ، ދަތުރު ފެށުމުގެ ކުރިން ބަލައި ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެންޖެހެއެވެ." ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ޓްރެފިކް ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާފައިދާ މީހަކު އެކްސިޑެންޓުވެ މަރުވުމުގެ ހުކުމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ އިލްމުވެރިޔާ އަލް މަރުހޫމް އަބްދުލްއަޒީޒް އިބުނު ބާޒުއާ ކުރެވެނު ސުވާލަކަށް ދެއްވި ޖަވާބުވެސް ހުތުބާގައި ފާހަގަކުރިއެވެ.

"ޝައްކެތް ނެތް ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މަރާލުމުގައި އޭނާ ބައިވެރިވެއްޖެކަން ކަށަވަރެވެ." އިބުނު ބާޒުއާ ހަވާލާދީ ހުތުބާގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، ކުއްލި ހާދިސާތަކާއި މުސީބާތްތަކުން ސަލާމަތްވާނެ ގޮތާއި އަމަލު ކުރާނެ ގޮތްތައް ދަރީންނަށް ދަސްކޮށްދީ އެކުދިން އެެކަންތައްތަަކައް ހާނުވަން ޖެހޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ސްކޫލުތަކުގައި އެކަންކަމަށް ތަމްރީނު ޕްރޮގްރާމުތައް ބާއްވަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އިސްލާމްދީނުގައި އިންސާނާގެ ހަޔާތައް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ޝަރީއަތުގެ އެންމެހާ ހުކުމްތައް ބިނާވެފައި ވަނީ އިންސާނާގެ މަސްލަހަތާއި ނަފްސު ހިމާޔަތްކޮށް ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މައްޗަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް