ބީޖޭޕީގެ ލީޑަރުންނާ ސުވާލުކުރުމުން ހަމަލާދީފާނެތީ، ނޫސްވެރިން ތިބީ ހެލްމެޓު އަޅައިގެން!

ބީޖޭޕީގެ ލީޑަރުންނާ ސުވާލު ކުރަން ދިޔަ ނޫސްވެރިން ހެލްމެޓު އަޅައިގެން -- ފޮޓޯ: އެންޑީޓީވީ

ދިއްލީ (ފެބްރުއަރީ 7): އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ މެމްބަރުންނާ ސުވާލު ކުރުމުން ހަމަލާ ދީފާނެތީ ކަމަށް ބުނެ، ނޫސްވެރިންތަކެއް ހެލްމެޓު އަޅައިގެން ތިބެ ބީޖޭޕީގެ ލީޑަރުންނާ ބައްދަލުކޮށްފި އެވެ.

އިންޑިއާގެ ރައިޕޫރުގައި ބީޖޭޕީގެ ލީޑަރުން ބޭއްވި ބައްދަލުވުމަކަށް ނޫސްވެރިން ހެލްމެޓު އަޅައިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެ ޕާޓީގެ ބައްދަލުވުމެއްގައި ނޫސްވެރިއަކަށް ބަޔަކު ހަމަލާ ދިން ފަހުންނެވެ. އިއްޔެގެ ބައްދަލުވުމުގައި ހެލްމެޓު އަޅައިގެން ތިބި ނޫސްވެރިން ބުނި ގޮތުގައި އޭގެ ބޭނުމަކީ ސަރުކާރަށް މެސެޖެއް ފޮނުވުމެވެ. އަދި ނޫސްވެރިންނަށް ހަމަލާއެއްދީފާނެތީ ރައްކާތެރިވުންވެސްމެ އެވެ.

"އެއީ އިވެންޓެއް ނުވަތަ ޕްރެސް ކޮންފަރެންސެއް ނުވަތަ ކިތަންމެ ކުޑަ އޯޑިއޯކޮޅެއް ނަގަން ދިޔަ ނަމަވެސް، އަޅުގަނޑުމެންގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމަކަށް ޖާގައެއް ނުދޭނަން،" ރައިޕޫރުގެ ޕްރެސް ކްލަބްގެ ރައީސް ޑާމޫ އަމިދާރޭ ވިދާޅުވި އެވެ.

އަމިދާރޭ ލަފާ ކުރެއްވި ގޮތުގައި އިއްޔެގެ އިހުތިޖާޖުގައި 600 ވަރަކަށް ނޫސްވެރިން ބައިވެރިވި އެވެ.

ބީޖޭޕީގެ ލީޑަރުންގެ ބައްދަލުވުމުގައި ނޫސްވެރިން ހެލްމެޓު އަޅައިގެން -- ފޮޓޯ: ޓުވިޓާ

އޮންލައިން ނޫހެއް ކަމަށްވާ ދަ ވޮއިސެސްގެ ނޫސްވެރިޔާ ސުމަން ޕާންޑޭއަށް މިދިޔަ ހޮނިހިރު ދުވަހު ބަޔަކު ހަމަލާ ދިނީ ރައިޕޫރުގައި ބީޖޭޕީގެ ޑިސްޓްރިކްޓު ލެވެލުގެ ލީޑަރުން ބޭއްވި ބައްދަލުވުމެއްގައި އެވެ.

ޕާންޑޭ ބުނި ގޮތުގައި އޭނާއަށް ހަމަލާ ދިނީ ބީޖޭޕީގެ ލީޑަރުންގެ މެދުގައި އުފެދުނު ދެބަސްވުމެއްގެ ވީޑިއޯއެއް ނަގައި، އެވީޑިއޯ ޑިލިޓު ކުރަން ދެކޮޅު ހެދުމުންނެވެ. ޕާންޑޭ ބުނި ގޮތުގައި އޭނާއަށް ހަމަލާ ދިން މީހުންގެ ތެރޭގައި ރައިޕޫރުގައި ހުންނަ ބީޖޭޕީގެ ލީޑަރު ރާޖީވް އަގަރުވާލް ވެސް ހިމެނެ އެވެ.

އެހާދިސާގައި ޕާންޑޭގެ ބޮލަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. އަދި ބައްދަލުވުމުގެ ބައިވެރިން ވަނީ އޭނާ ނެގި ވީޑިއޯ ޑިލިޓުކޮށްފަ އެވެ. އެހާދިސާއާ ގުޅިގެން އެހެން ނޫސްވެރިން ވަނީ ފުލުހުންނަށް ޝަކުވާ ހުށަހަޅައި ޕާންޑޭއަށް ހަމަލާ ދިން މީހުން ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާކޮށްފަ އެވެ.

އަދި އެހާދިސާއާ ގުޅިގެން ރައިޕޫރުގައި ހުންނަވާ ބީޖޭޕީގެ ތަރުޖަމާނު ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ ސިއްރު ބައްދަލުވުމެއް ކަމަށާއި، ބައްދަލުވުމުގެ ވީޑިއޯ ނަގަން ދިނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި އެއަށް ފަހު ނޫސްވެރިން މީޓިން ރޫމް ދޫކޮށް ދިޔުމަށް އެދުނު ކަމަށް ވިދާޅުވެފަ އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް 2018ގައި އިންޑިއާ އޮތީ 180 ގައުމުގެ ތެރެއިން 138 ވަނައިގަ އެވެ. އެއީ މިޔަންމާ އާއި އަފްގާނިސްތާނަށް ވުރެ ވެސް ފަހަތުގަ އެވެ. އެލިސްޓުގެ އެންމެ ފަހަތުގައި އުތުރު ކޮރެއާ އޮތް އިރު އެއް ވަނައިގައި އޮތީ ނޯވޭ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް