ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އަރިފް ޑްރަގް ކޯޓަށް ބަދަލުކޮށް ސިވިލް ކޯޓުން ދެ ގާޒީ އަކު އަދި ފެމިލީ ކޯޓުން ގާޒީއަކު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލު ކުރުމަށްވެސް ޖޭއެސްސީއިން މިއަދު ވަނީ ނިންމާފަ އެވެ.
ގާޒީ އާދަމް އާރިފަކީ ގިނަ ދުވަހު ޕީޖީ އޮފީގައި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓައެއްގެ މަގާމުގައި ހުރި ބޭފުޅެކެވެ. އަދި ފަހުން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ދުވަސްކޮޅަކު ހުންނެވި އެވެ.
އަލީ ރަޝީދަކީ ކުރީގެ ޖިނާއީ ކޯޓުގައި ގާޒީކަން ކޮށްފައި ހުރި ބޭފުޅެކެވެ. އަދި ފަހުން ސިވިލް ކޯޓުގެ އިސް ގާޒީ ކަން އަދާކުރެއްވި އެވެ. އިސްގާޒީ ކަމުގައި ހުންނަވައި އަމިއްލަޔަށް އެދިގެން ޑްރަގް ކޯޓަށް ބަދަލުވި އެވެ.
ހުސައިން ފާއިޒް ރަޝާދަކީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެމަގާމަށް ކުރިމަތި ލައިގެން އޭނާ ގާޒީ ކަމަށް އައްޔަން ކުރެވުނީ މިދިއަ އަހަރު އެޕްރީލް މަހު އެވެ.