މުވައްޒަފުންގެ ޔޫނިއަންތައް ހެދުމަށް ލޭބާ ޕާޓިން ގޮވާލައިފި

ލޭބާ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ސިޔާސީ ގޮތުން މުވައްޒިފުންނާ މެދު ފިޔަވަޅު އެކުން އަދިވެސް ނިމުމަކަށް ނާންނަ ކަމަށް އެޕާޓިން ބުނޭ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ސިޔާސީ ގޮތުން މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާ ކަމުގެ ކަންބޮޑުވުންތައް އަންނަމުންދާ ކަމަށާއި ގާނޫނާ ހިލާފު އެފަދަ އަމަލުތައް ހުއްޓުވުމަށް ހުރިހާ މަސައްކަތްތެރީން ހިމެނޭ ޔޫނިއަންތައް އުފެއްދުމަށް މޯލްޑިވްސް ލޭބާ އެންޑް ޝޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ގޮވާލައިފި އެވެ.

އިލެކްޝަން ކޮމިޝަންގައި އަލަށް ދަފުތަރު ކުރި ލޭބާ ޕާޓީން ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ބޭނުމަށް މުވައްޒަފުންނާ މެދު ތަފާތު ފިޔަވަޅު އަޅައި، ވަޒީފާގެ ބިރުދައްކައި ހެދުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ފަދަ އަމަލުތަކަށް ނިމުމެއް ނައިސް، އެފަދަ އަމަލުތައް ހިނގަމުންދާ ކަމުގެ ކަންބޮޑުވުންތައް އެ ޕާޓީއަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

"ގާނޫނާ ހިލާފު އެފަދަ އަމަލުތަކަށް ފުރުސަތު ނުދިނުމަށް، އެންމެހާ މަސައްކަތްތެރީން އެކުވެރިވެ، އެކަތިގަނޑަކަށްވެ، މަސައްކަތްތެރީންގެ ޔޫނިއަންތައް އުފެެއްދުމަށް މިޕާޓީން ގޮވާލަން،" ލޭބާ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެއްވެސް ފަރާތަކަށް ގާނޫނާ ހިލާފަށް ނުހައްގުން ފިޔަވަޅު އަޅައި، ވަޒީފާއިން ވަކިކޮށްފިނަމަ، އެ ފަރާތްތަކަށް ސިޔާސީ އަދި ގާނޫނީ ގޮތުން ހައްގު ހޯދުމަށް އެޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރާ ލޭބާ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

"މިފަދަ ކަންބޮޑުވުންތަކާއި ޝަކުވާތައް މި ޕާޓީއާ ހިއްސާކޮށް، މި ޕާޓީން އެހީތެރިކަމަށް އެދިލައްވާ ފަރާތަކުން [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މި ޕާޓީގެ ހޮޓްލައިން ނަމްބަރު 7476000 އަށް ގުޅުއްވައިގެން،" މައްސަލައާ ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމަށް އެޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް