މި ހާލަތުގައިވެސް ބާރުގަދަ ވިޔަފާރިވެރިން އިސްކުރަނީ އަމިއްލަ މަސްލަހަތު: ލޭބާ ޕާޓީ

އޭޕްރީލް 24، 2020: ރޯދަމަހުގެ ފުރަތަމަ ދުވަހު އެހެން އަހަރުތަކުގެ ރޯދަމަހާ ހިލާފަށް މާލެތެރެ އޮތީ ފަޅުވެފަ. ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް 19ގެ ސަބަބުން އެންމެ ލޮކްޑައުންގައި ތިބެން ޖެހި، ރޯދަ ކުރުކުރަން ހަވީރު ފިނި ބުރުޖަހަން ނިކުނަންނަ މަގުތައް ވަނީ ފަޅުވެ މުޅި ރަށުތެރެ ހިމޭންވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެއަށް އަދި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތި ހާލަތުގައި ވެސް ބާރުގަދަ ވިޔަފާރިވެރިިން މަސައްކަތް ކުރަމުން އަންނަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިން ބުނެފިއެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އެންމެހާ މަސައްކަތްތެރީންނާއި، އިގްތިސޯދަށް ވެސް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުންރާއްޖޭގައި ވެސް އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާތައް ގެއްލި، މުސާރަތައް ކުޑަވެ، އިޖުތިމާއީ ރައްކާތެރިކަމަށް ލޮޅުން އަރައިފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ޕާޓީން ބުނީ އެގޮތަށް ވަޒީފާ ގެއްލޭ ކޮންމެ މީހަކީ އާއިލާ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިިވާ މީހަކަށް ވާއިރު، މިފަދަ ގޮތަކަށް ވަޒީފާއިން ވަކިކޮށްލެވުމަކީ ގިނަ އާއިލާތަކެއް ނިކަމެތިވެ، ހާލުގައި ޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމަށެވެ.

ނަމަވެސް މި ހާލަތުގައި ވެސް ބައެއް ބާރުގަދަ ވިޔަފާރިވެރިން މަސައްކަތް ކުރަމުން އަންނަނީ އެމީހުންްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ލޭބާ ޕާޓީން ވަނީ ބުނެފައެވެ.

"ބާރުގަދަ ވިޔަފާރިވެރިން، އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ބޭނުމުގައި ސިއްހީ ދާއިރާގެ މުވައްޒަފުންްގެ ކިބައިން އެދެމުންް ދަނީ ކޮންމެ ހާލެއްގައިވެސް، މި ބަލި މައިތިރިކޮށް އެބައިމީހުންގެ އަމިއްލަ މަންފާއަށްއަށް، އިގްތިސޯދު ކުރިއަށް ގެންދިއުމަށެވެ." ޕާޓީގެ ބަޔާނުގައިވެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވެސް އެމީހުންގެ އަމިއްލަ އާއިލާއާ ވަކިވެ، އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ތިބެ މި ނުރައްކާތެރި ބަލިން ގައުމު ރައްކާތެރިކުރުމަށް ކެނޑިނޭޅި ހަރަކާތްތެރިވާ ފަރާތްތަކަށް ވާއިރު، އެފަރާތްތަކުންް ކުރާ ބުރަ މަސައްކަތް ގިނަ ބަޔަކަށް ވިސްނިފައިނުވާ ކަމަށް ލޭބާ ޕާޓީން ބުނެފައިވެއެވެ.

ލޭބާ ޕާޓީން ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ގައުމުގެ ސަލާމަތީ ހިދުމަތްދޭ ފަރާތްތަކަކީ މި ނުރައްކާތެރި ހާލަތުގައި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވާއިރުު، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައިފައެވެ.

ސަރުުކާރުން އެހީ ވާންވީ ކުދި ވިޔަފާރިތަކަށް، މުއްސަނދިންނަކަށް ނޫން!

ލޭބާ ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ މި ދަނޑިވަޅަކީ ކޮންމެހެން އެހީތެރިކަން ބޭނުންޖެހޭ ފަރާތްތަކާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، އިޖުތިމާއީ ރައްކާތެރިކަމަށް އިސްކަން ދޭންޖެހޭ ވަގުތު ކަމުން ބޮޑެތި ވިޔަފާރިވެރިންނާއި ބޭންކުތަކާއި ބޮޑެތި ކުންފުނިތަކަށް ހަރަދުކުރުމަށް ސަރުކާރުން އިސްކަން ދިނުމުގެ ބަދަލުގައި މަސައްކަތްތެރީންނާއި ިކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ހާލަތުގައި ލިބުނު ގެއްލުންތަކަށް އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުން ބޭނުންތެރި ކަމަށެވެ.

އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ ފަރާތްތަކަށް ގެއްލުން ނުވާ ގޮތުގެ މަތިން ދިގު މުއްދަތަކަށް ވިޔަފާރި ހިންގުމަށް އެހީތެރިވުމުގެ އަސާސް ގެންގުޅުމުގެ އިތުރުން، އެ ފަރާތްތަކުގެ ވިޔަފާރިއާއި މުވައްޒަފުންގެ ވަޒީފާތައް ދަމަހައްޓައި ކުރިއެރުވުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް ލޭބާ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނީ ރައްޔިތުންނަށް އެހީތެރިވުމުގެ ނިޔަތުގައި ލޯނުތައް ދެއްކުން ފަސްކޮށް އިންޓަރެސްޓް އަރާގޮތަށް ބެހެއްޓުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމުގައި ނުބެލެވޭނެ ކަމަށާއި އެހެންކަމުން ކޮވިޑް19 އާ ގުޅިގެން، ރައްޔިތުން ބޭންކުތަކުން ނަގާފައިިވާ ލޯނުތައް ކުރިއަށް އޮތް ހަ މަހަށް އިންޓްރެސްޓް ނުހިނގާ ގޮތަށް ލަސްކުރުމަށް ގޮވާލާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެގެން ގޮސްފައިވާއިރު، މި ދަނޑިވަޅުން އަރައިގަތުމަށްޓަކައި ޓެކްސް ނެގުމުގެ ސިޔާސަތަށް ބަދަލު ގެންނަން ޖެހުމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަދި ހަމައެކަނި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިިވާ ނިކަމެތީންނާއި މުޖުތަމައުގައި ހަވާސާވެ އެކަހެރިވެފައިިވާ ފަރާތްތަކަށް އިސްކަންދީގެން އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައިި މިވަގުތަށް މުހިންމު ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޒިންމާދާރު މަސައްކަތްތަކެއް ކުރަން ވެސް ލޭބާ ޕާޓީން ވަނީ ގޮވާލައިފައެވެ.

އެގޮތުން މި ދަނޑިވަޅަކީ އިގްތިސޯދު، ތަފާތު ދާއިރާތަކަށް ފުޅާކޮށް، މަސްވެރިކަމާއި ިދަނޑުވެރިކަމަށް ހާއްސަ އަހަންމިއްޔަތެއް ދީ، ފެހި އިގްތިސޯދެއް ބިނާކުރުމަށްޓަކައި އިންސާނީ ވަސީލަތްތަކާއި މުއައްސަސާތައް ތަރައްގީކޮށް، ތިމާވެށްޓާ ރައްޓެހި އީޖާދުތަކާއި އިގްތިސޯދީ ހަރަކާތްތަކަށް އިސްކަންދޭންޖެހޭ ވަގުތެއް ކަމުގައި ބުނެފައިވެއެވެ.

ސަރުކާރުން މި ހާލަތުގައި ވިސްނަންވީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި އެއްވެސް ކަހަލަ ޝަރުތެއް ނެތި އާންމު ދިރިއުޅުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި، އިންޓަނެޓް އަދި ބޯހިޔާވަހިކަން ކަށަވަރުކޮށް ރައްކާތެރި އައިސޮލޭޝަން ފެސިލިޓީތައް ގާއިމުކުރުމަށް މުހިންމު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

އަދި މި ބައްޔަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއްކަމުން، ކާނާ ހޯދުމުގައިި ކުރިމަތިވެދާނެ ދަތިތަކަށް ވިސްނައި ކާނާ ހޯދުމުގައި ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ ދަނޑުވެރިކަން އިތުރުކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް