ރޭމޯ މިފަހަރު ގެނެސްދެނީ "ސްޓްރީޓް ޑާންސާ"

ޑައިރެކްޓަރު/ކޮރެއޯގްރާފަރު ރޭމޯ ޑިސޫޒާ، އެކްޓަރު ވަރުން ދަވާން އާއެކު ޑާންސް ފިލްމެއްގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ވަރުން ރޭމޯ އާއެކު މީގެ ކުރިން 'އޭބީސީޑީ 2'ގައި މަސައްކަތް ކޮށްފައި ވުމުން ގިނަ ބަޔަކު ހީކޮށްގެން ތިބީ މިހާރު ކުރިއަށް ދަނީ 'އޭބީސީޑީ 3'ގެ މަސައްކަތް ކަމަށެވެ.

ނަމަވެސް މިފަހަރު ރޭމޯ ބެލުންތެރިންނާ ހަމައަށް ގެނެސްދެނީ މުޅިން ތަފާތު ފިލްމެކެވެ. އެއީ 'ސްޓްރީޓް ޑާންސާ" އެވެ.

ފިލްމުގައި ވަރުން އާއެކު ފެނިގެންދާނީ 'އޭބީސީޑީ 2' އިން ވެސް ފެނިގެން ދިޔަ ޝްރައްދާ ކަޕޫރެވެ.

ފިލްމުގެ ޝޫޓިން މިހާރު ފަށައިފައި ވާއިރު، ފުރަތަމަ ޝެޑިއުލްގެ މަސައްކަތް ވަނީ މުޅިން ނިމިފަ އެވެ. އަދި މި މަހުގެ 10 ވަނަ ދުވަހު ފިލްމުގެ ދެވަނަ ލީޑު ނޯރާ ފަތޭހީ އާއެކު ލަންޑަންގައި ފިލްމުގެ މަންޒަރުތައް ޝޫޓު ކުރަން ފަށާނެއެވެ.

އަންނަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލު ކަމަށާއި، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް