ސްޕެނިޝް ލީގުގެ އެއްވަނާގައި އޮތް ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުން އެއްވަރުވެ، ޕޮއިންޓު ގެއްލުވާލުމާ ގުޅިގެން ފަރަގު ކުޑަ ކުރަން އެތްލެޓިކޯ މެޑްރިޑް އަށް ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލި އިރު ފަހަތުން ރެއާލް މެޑްރިޑް އަރާ ހަމަކުރުމާއި ގާތަށް ޖެހިލައިފި އެވެ.
ރޭ ސްޕެނިޝް ލީގުގައި އެތްލެޓިކޯ މެޑްރިޑް އާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗު ނިމުނީ 0-1ގެ ނަތީޖާ އަކުން ރެއާލް ބެޓިސް ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ބެޓިސް އަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ކަނަލެސް އެވެ.
ޗެލްސީއިން ލޯނުގެ އެއްބަސްވުމެއްގެ ދަށުން ދާދި ފަހުން އެތްލެޓިކޯއާ ގުޅުނު އަލްވަރޯ މޮރާޓާ ހިމަނައިގެން ރޭ ކުޅުނު މެޗުން ބަލިވުމާ އެކު 18 މެޗުން ބަލިނުވެ، އެ ޓީމުން ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފަ އެވެ.
މީގެ އިތުރުން އެތްލެޓިކޯގެ އަވައްޓެރި ރެއާލް މެޑްރިޑް ވަނީ ރޭގެ މެޗުން ވެސް މޮޅުވެ ތާވަލުގެ ދެވަނަ އަށް އެރުމަށް ކުރަމުންދާ އުންމީދު އިތުރަށް ވަރުގަދަކޮށްފަ އެވެ. އެ މެޗުން މޮޅުވެ ރެއާލުން ވަނީ ދެ ވަނާގައިވާ އެތްލެޓިކޯ މެޑްރިޑްއާއި ދެ ޕޮއިންޓުގެ ލީޑަކަށް ފަރަގު ކުޑަކޮށްފަ އެވެ.
ރޭގެ މެޗުގައި ރެއާލް އަށް ގޯލު ޖަހައިދީފައި ވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ކަރިމް ބެންޒީމާއާއި މި ސީޒަނަށް އަލަށް ގުޅުނު ޒުވާން ކުޅުންތެރިޔާ ވިނިޝަސް ޖޫނިއާގެ އިތުރުން މަރިއާނޯ ޑިއަޒް އެވެ.
ވޭތުވެ ދިޔަ ދެ ތިން ސީޒަނުގައި ބެންޒީމާގެ ކުޅުމާއި ދޭތެރޭ ރެއާލްގެ ގިނަ ސަޕޯޓަރުންތަކެއްގެ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް މިހާރު އޭނާ ހުރީ ތަފާތު ފޯމެއްގަ އެވެ. މި ސީޒަނުގައި އެނަ ވަނީ 10 ގޯލު ސްޕެނިޝް ލީގުގައި ޖަހައިފަ އެވެ. މިދިޔަ އަހަރުގެ މުޅި ސީޒަނުގައި އޭނާއަށް ޖެހިފައި ވަނީ ފަސް ގޯލެވެ.
ރެއާލް މެޑްރިޑްއަށް މި ސީޒަނަށް އަލަށް ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ވިނިޝަސް ޖޫނިއާގެ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އޮއްސަމުން ދާއިރު އޭނަ ކުޅޭ ކޮންމެ މެޗަކުން ދަނީ ތަފާތު ދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކުރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ ފެންވަރު ވިނިޝަސް ގައިގަ އެެބަހުއްޓެވެ.