ޕައިލެޓުންގެ ބައެއް މަސްއޫލިއްޔަތުތައް އަމީން އަތުން ނަގައިފި

މޯލްޑިވިއަންގެ ޑިރެކްޓަރު ޕައިލެޓް އެޕަރޭޝަންސް މުހައްމަދު އަމީން ---

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންގެ ބެލުމުގެ ދަށުގައި އޮތް ޕައިލެޓުންގެ ބައެއް މަސްއޫލިއްޔަތުތައް އޭނޭގެ އަތުން ނަގައިފި އެވެ.

ޕައިލެޓުން އިއްޔެ އިހުތިޖާޖު ކޮށްފައި ވަނީ އަމީން މަގާމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން އަމީން މަގާމުން ވަކި ކުރި ކަމަށް ބައެއް ނޫސްތަކުގައި ބުނި ނަމަވެސް އެއީ ދޮގު މައުލޫމާތެއްކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

އެމައްސަލާގައި މިހާތަނަށް އަމީން މަގާމުން ދުރުކުރުން އަދި ސަސްޕެންޑް ކުރުން ފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަން އެނގިފައިވެ އެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަން އެނގިފައިވެ އެވެ.

" އަމީން ހުރި އަދިވެސް އެ މަގާމުގައި. އެ ޑިޕާޓްމެންޓްގެ މަސައްކަތްތައް ބަހާލި މުވައްޒަފުންގެ މެދުގައި. އަމީންގެ މަގާމުގެ މަސްއޫލިއްޔަކަށް އެއްވެސް ބަދަލެއް ނާދޭ، ޕައިލެޓުންނާ ގުޅުން ހުރި ބައެއް ކަންކަން އެހެން މުވައްޒަފުންނާ ހަވާލުކުރީ." މޯލްޑިވިއަންއިން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

އަމީން މަގާމުން ދުރު ނުކުރަނީސް ވަޒީފާއަށް ނުނިކުރުންނަން ރޭ ޕައިލެޓުން ނިންމި ނަމަވެސް މިއަދު ޕައިލެޓުން ވަނީ ވަޒީފާއަށް ނުކުމެފަ އެވެ. މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް 'ސަން' އަށް ވިދާޅުވީ މޯލްޑިވިއަންގެ ހުރިހާ ޕައިލެޓުން ވެސް ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. އަދި ޝެޑިއުލްޑް އެއްވެސް ފްލައިޓަކަށް ބުރޫ ނާރައި ކުރިއަށްދާ ކަމަށް ވަސީމް ވިދާޅުވި އެވެ.

އަދި މޯލްޑިވިއަންގެ އެމްޑީ ރިވްޒީ އަދި ޑީއެމްޑީ ޖެނިފާ ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ރޭ ޕައިލެޓުންނާ ބައްދަލުކޮށްފައިވާ ކަމަށް ވެސް ވަސީމް ވިދާޅުވި އެވެ.

އަމީނާ މެދު ޕައިލެޓުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ހަޑިހުތުރު ބަހުން މުވައްޒަފުންނާ ވާހަކަ ދެއްކުމާއި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތު ކުރެ އެވެ.

comment ކޮމެންޓް