ރާއްޖޭގައި މިހާތަނަށް ރަސްމީ ގޮތެއްގައި އިންތިޒާމުކޮށްގެން ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް އިއްޔެ ބ. އަތޮޅު އޭދަފުށީގައި ފަށައިފި އެވެ.
ސްވިމިން މޯލްޑިވްސްގެ އިސްނެގުމުގެ މަތިން ޓުއަރިޒަމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެން ފަށާފައިވާ އެ އިވެންޓް އަކީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކުގެ އިތުރުން ފަޅުރަށްތައް ހިމަނައިގެން އެއް ރަށުން އަނެއް ރަށަށް ފަތައިގެން ޖުމްލަ 23 ރަށަކަށް ދަތުރު ކުރުމަށް ފަހު ނިންމާލާ ގޮތަށް ފަށާފައިވާ ހަރަކާތެކެވެ.

ބ. އޭދަފުށީގައި އިއްޔެ ފެށުނު ބާ ބީއާރް ކުރޯލް އިވެންޓުގެ ބައިވެރީން -- ސަން ފޮޓޯ / އަބްދުﷲ އައިމަން
އެ ހަރަކާތުގައި ރަސްމީ ގޮތެއްގައި އަށް ފަރާތަކުން ބައިވެރިވާ އިރު އެ ދުވަހަކު ފެތުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މީހުންނަށް ވެސް އެ ޓީމާ އެކު ފެތުމުގެ ފުރުސަތު އޮންނާނެ އެވެ.
އިއްޔެ އެ ހަރަކާތް ފެށުމުގެ ގޮތުން ހަރަކާތުގައި ބައިވެރިވާ އަށް ފެތުންތެރިންގެ ޓީމާ އެކު އޭދަފުށީ ރައްޔިތުންގެ ޓީމެއް ވަނީ ފަތާފައި އެ ރަށާއި އެންމެ ގާތުގައި އޮންނަ ސޮނެވާ ރިސޯޓަށް ގޮސްފަ އެވެ.
އެ އިވެންޓު ރާވައި ހިންގުމުގައި އެންމެ އިސްދައުރެއް އަދާ ކުރަމުންދާ އެއް ފަރާތް ކަމުގައިވާ، ގާނޫނީ ވަކީލު ހުސައިން ޝަމީމް އެ ހަރަކާތް ރަސްމީކޮށް ފެށުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ވިދާޅުވީ އިއްޔެ ފެށި ޕްރޮގްރާމް އަކީ ހަމަ އެކަނި އެ ސަރަހައްދުގައި ކުރިއަށް ގެންދާނެ ހަރަކާތްތަކެއް ނޫން ކަމަށާއި އެހެން އަތޮޅުތަކުގައި ވެސް އެފަދަ ހަރަކާތްތައް ހިންގާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ރަށެއްގައި ފަތާނެ ރަނގަޅު އިންތިޒާމުތަކެއް ހޯދައިދޭނެ ކަމަށް އާ ސަރުކާރުގެ މެނިފެސްޓޯގައި ވާކަން ޝަމީމް ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފެތުމުގެ މުހިންމު ކަން ހާމަ ކުރުމުގެ ގޮތުން ރާއްޖޭގައި ކޮންމެ ރައްޔިތަކީ ވެސް ފަތަން ދަންނަ މީހަކަށް ހެދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދިވެހި ޕާސްޕޯޓް ވެސް ދީގެން ނުވާނެ، ސިވިލް ސާވިސްގެ ވަޒީފާ ވެސް ދީގެން ނުވާނެ ފަތަން ނޭނގޭ މީހުންނަށް." ޝަމީމް ވިދާޅުވި އެވެ.

ބ. އޭދަފުށީގައި އިއްޔެ ފެށި ބީއާރު ކުރޯލް އިވެންޓުގައި ފެތުން ތެރިން ފަތަން ފެށި މަންޒަރު -- ސަން ފޮޓޯ / އަބްދުﷲ އައިމަން
އެ ހަފުލާ ފެށުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގައި އިސްތިހާރު ކުރަން ބޭނުން ވަނީ ތަފާތުު ގިނަ ޑައިވާސް ހަރަކާތްތައް ރާއްޖޭގެ ރަށް ރަށުގައި ބާއްވައިގެން ކަމަށެވެ.
މި ވެރިކަމުގައި ފަތަން ދަސް ކުރުމާއި ފެތުން ކުޅިވަރެއްގެ ގޮތުގައި މިހާރަށް ވުރެން އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ކުރިއަށް އޮތް ދެ މަސް ތެރޭގައި މިކަމަށް ހާއްސަ ޓެކްނިކަލް ޓީމެއް ޓުއަރިޒަމް މިނިސްޓްރީގައި އެކުލަވާލާނެ ކަމަށް އެ ބޭފުޅާ ވަނީ ވިދާޅުވެފަ އެވެ.
އަދި މިފަދަ ގިނަ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށް ޓަކައި މުއައްސަސާތަކާއި ކުންފުނިތަކުން ބާރު އެޅުމަކީ ރާއްޖޭގެ މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް މީހުން ގިނައިން ހޭލުންތެރި ވާނެ ކަމެއް ކަމަށް އެ ބޭފުޅާގެ ވާހަކައިގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މާޗް މަހުގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށިގެން އެންމެ ދެކުނާއި ހަމައަށް ޕެރަ މޯޓާސްގެ އެހީގައި ދިވެހި ރާއްޖެ ދޫންނެއްގެ ލޮލުން ފެންނަ ފަދައިން މުޅި ދުނިޔެއަށް ދައްކާނެ ކަމަށް އެ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.