ވާވޭގެ ފަތްޖަހާލެވޭފޯނު މިމަހު 24ގައި ދައްކާލާނެ

ވާވޭއިން އާންމުކުރި ޓީޒާ

އަނެއްކާ ވެސް ފޯލްޑަބަލް ނުވަތަ ފަތްޖަހާލެވޭ ފޯނުގެ ޒަމާނެއް އަންނަނީ އެވެ. ފޯނު އުފައްދާ ކުންފުނިތަކުން އެންމެ ވާދަވެރިކަމާ ޢެކު މިހާރު ކުރަނީ މި މަސައްކަތެވެ. އެއްބަޔަކު އަނެއްބަޔަކަށް ވުރެ ވަރުގަދަ، މޮޅު ފޯލްޑަބަލް ފޯނެއް ނެރެވޭތޯ މަސައްކަތް ކުރަނީ އެވެ.

މާ ނަން މަޝްހޫރު ނޫން ބައެއް ކުންފުނިތަކުން މިހާރު ވަނީ އެ ކުންފުނިތަކުގެ ފޯލްޑަބަލް ފޯނު ދައްކާލައިފަ އެވެ. މަޝްހޫރު ކުންފުނިތަކުގެ ތެރެއިން ވާވޭ އާއި ސެމްސަންގަކީ އެންމެ ބާރަށް ފޯލްޑަބަލް ފޯނުތަކުގެ ވާހަކަ ދައްކާ މީހުންނެވެ. ސެމްސަންގަށް ވުރެ ކުރިން ވާވޭ އިން މިވަނީ އެމީހުންގެ ފޯލްޑަބަލް ފޯނު ލޯންޗުކުރާނެ ދުވަސް އިއުލާނުކޮށްފަ އެވެ.

ޓެކްގެ ދުނިޔެގައި ވަރުގަދަ ވާވޭ އިން އެމީހުންގެ ފަތްޖަހާލެވޭ ފޯނު ދައްކާލަން ނިންމާފައި ވަނީ މިމަހުގެ 24ގައި މޯބައިލް ވޯލްޑް ކޮންގްރެސްގަ އެވެ. މި ފޯނާ ގުޅޭ މާ ގިނަ ވާހަކަތަކެއް އަދި އާންމުވެފައެއް ނުވެ އެވެ. އަގު އުޅޭނީ ހާހެއްހައި ޑޮލަރުން ފެށިގެން ކަމަށްވެ އެވެ. ފޯނުގެ ޑިޒައިންކަމަށް ބުނާ ޑިޒައިނެއްގެ ފޮޓޯ ލީކުވެފައިވީ ނަމަވެސް އެއީ އަސްލު ވެސް ވާވޭގެ ފޯނުގެ ޑިޒައިންކަމެއް އަދި ޔަގީނެއް ނުވެ އެވެ.

ނަމަވެސް ވާވޭ އިން ވަނީ މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) 2019 އާ ގުޅޭ ޓީޒާއެއް ދައްކާލައިފަ އެވެ. ވާވޭގެ ޓީޒާ އިން ފެންނަނީ ވީ ޝޭޕަށް އިންނަ "ފަތްޖަހާލެވޭ" ފޯނެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. ސްލޯގަންއެއްގެ ގޮތުގައި ލިޔެފައި ވަނީ ކަނެކްޓިން ދަ ފިއުޗާ އެވެ.

comment ކޮމެންޓް