ކުޅަދާނަ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް"ގެ ޓިކެޓް ބުކް ކުރަން ފަށައިފި އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޝަފީގު "ސަން"އަށް ބުނީ ފިލްމުގެ ޓިކެޓް ބުކް ކުރުން ހުޅުވާލައިފައިވާނެ ކަމަށާއި ވަރަށް އަވަހަށް ޓިކެޓް ވިއްކަން ހުޅުވާލާނެ ކަމަށެވެ. އަދި މި ވަގުތު ކުރިއަށްދަނީ ޓިކެޓް ޕްރިންޓްކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ބުންޏެވެ.
ޝަފީގު އިތުރަށް ބުނީ ފިލްމުގެ ޓިކެޓް ބުކް ކުރަން ބޭނުންވާ ނަމަ 7384040 މެސެޖުކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށާއި މެސެޖުގައި ޓިކެޓް ބޭނުންވާ ޝޯ އޮންނަ ތާރީހާއި ބޭނުންވާ ޓިކެޓްގެ އަދަދު ވެސް މެސެޖުގައި ހާމަކުރަން ޖެހޭކަމަށެވެ.
"ފޯޓީ ޕްލަސް" އަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.
ހެއްވާ މަޖާ އަދި ބިރުވެރި އެތައް މަންޒަރެއް "40 ޕްލަސް"ގެ ޓްރެއިލާއިން ފެންނަ އިރު އެ ފިލްމު ވާނީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމަށެވެ.
ތ. ބުރުނީގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "40 ޕްލަސް" ޕްރޮމޯޓް ކުރަނީ ހޭޝްޓެގް "ދަ ބިގެސްޓް މޫވީ އޮފް ދަ 2019"ގެ ގޮތުގަ އެވެ.
ޔޫއްޕެގެ އަމިއްލަ ސްލްރީންޕްލޭއަކަށް ހަދާފައިވާ އެ ފިލްމު ރިލީޒްކުރާނީ މި މަހު 27 ގަ އެވެ.
"ފޯޓީ ޕްލަސް"ގައި މެއިން ކާސްޓުންގެ ގޮތުގައި ފެންނާނީ ނޯޓީ ފޯޓީގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ.
ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.