ނާދިރާ ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ

ނާދިރާ. ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެ ކަން ވަނީ އިއުލާނު ކުރައްވާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރައްވާ އާމިނަތު ނާދިރާ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ނާދިރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވައިފި ކަމަށެވެ. މަސައްކަތް ކުރައްވާނީ ދާއިރާގެ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށާއި ރައްޔިތުންގެ އަޑު އިއްވުމުގައި ވެސް ސާބިތުކަމާ އެކު ދެމިހުންނަވާނެ ކަމަށް ނާދިރާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ނާދިރާގެ ޓްވީޓަށް މަރުހަބާ ވިދާޅުވެ ރައީސް މައުމޫން ވަނީ ކާމިޔާބީ އަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަން ނާދިރާ ނިންމަވައި އެކަން އިއުލާނު ކުރައްވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ އެކްޓިކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި، އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވި މީކާއިލް ނަސީމްގެ އިތުރުން މިހާރު ދާންދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރު އަހުމަދު އައްސަދު ވެސް ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާނެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި އެންމެ ފަހުން ތަމްސީލު ކުރެއްވީ މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. ކެބިނެޓު ވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ އިރުކޮޅެއް ކުރިން މަހުލޫފު ވަނީ މެންބަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި މަސައްކަތްކުރައްވާ ނާދިރާ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އިރު ރައީސް މައުމޫންގެ ތާއީދާޢެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި 108 ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ރައީސް މައުމޫން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޓިކެޓު ކަށަވަރުވާ ބޭފުޅުންގެ ނަންތައް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށާއި ކުރިމަތި ލައްވާނެ ދާއިރާތަކާއި ކެންޑިޑޭޓުން ނިންމަވާނީ، އެބޭފުޅުންގެ އިލްމާއި ތަޖުރިބާ އަދި ގާބިލިއްޔަތު ހުރިމިންވަރަކަށް ބާލައި އެކަމަށް ހާއްސަ ކޮމެޓީ އަކުން ކަމަށް ވެސް މައުމޫން އިއްޔެ ވިދާޅުވި އެވެ.

މައުމޫން ވަނީ އަނެއްކާ ވެސް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި އެކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވާލައިފަ އެވެ. އެ ފުރުސަތު މި މަހު 21އާ ހަމަ އަށް ދެމި އޮންނާނެ އެވެ.

comment ކޮމެންޓް