އިންޓަނެޓް އަގުހެޔޮކުރަން ކުރަން ޖެހޭ ދިރާސާގެ މަސައްކަތް ފަށައިފި

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް -- --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ރާއްޖޭގައި މިހާރު އިންޓަނެޓް ދެމުންގެންދާ އަގުތައް ބޮޑުކަމުގެ ޝަކުވާތައް އިތުރުވެފައިވާތީވެ، އެ ހިދުމަތުގެ އަގުތައް ކުޑަ ކުރަން ކުރަން ޖެހޭ ދިރާސާގެ މަސައްކަތް ފަށައިފި އެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް މިއަދު "ސަން" އަށް ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ޖެހޭ ދިރާސާތައް ކޮމިއުނިކޭޝަން އޮތޯރިޓީ އިން މީގެ ދެ ދުވަސްކުރިން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ އިންޓަނެޓްގެ ހިދުމަތް ދޭ 26 ގައުމެއްގެ ސާމްޕަލް ނަގާފައި. އެ ސާމްޕަލިން ނެގި އިރު އަޅުގަނޑުމެން ބެލިން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކާއި އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ހިދުމަތްދޭ އަގުތަކާއި އެ ގައުމުތަކުގެ އާބާދީއާ ފަދަ ކަންތައްތަކަށް،" މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ އެ 26 ގައުމުގެ ސާމްޕަލްތަކަށް ބެލި އިރު ރާއްޖެ ހިމެނެނީ އިންޓަނެޓް އެންމެ އަގު ބޮޑު ހަތް ވަނަ ގައުމުގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭގެއިން ރާއްޖޭގެ އިންޓަނެޓްގެ އަގު ވަރަށް ބޮޑުކަން އެނގޭ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިރާސާގެ ކަންތައްތައް ބެލުމަށް ފަހު އިތުުރަށް ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ބެލުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެ ދިރާސާ ފުރިހަމަ ކުރުމަށް ފަހު އިންޓެނެޓްގެ ހިދުމަތްދޭ ފަރާތްތަކާ އެކު މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފުރިހަމަ ޔަގީންކަން އެބައޮތް އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަަމަށް. އުއްމީދަކީ އެކަށީގެންވާ ހެޔޮ އަގެއްގައި އިންޓަނެޓްގެ ހިދުމަތް ދިނުން." މަލީހް ވިދާޅުވި އެވެ.

comment ކޮމެންޓް