އިޓަލީގެ ގަދަ ދެބާރު ލަދުވެތި ގޮތަކަށް ބަލިވެ ކޮޕާ އިޓާލިއާގެ ކުއާޓާއިން ކަޓައިފި

ރޭ އެޓްލަންޓާ ކައިރިން ޔުވެންޓަސް ބަލިވު މެޗުގެ ތެރެއިން -- ފޮޓޯ / ނިކޮލަސް މެގީ

އިޓަލީގެ ގަދަ ދެ ބާރު ކަމަށްވާ ޔުވެންޓަސް އާއި ރޯމާ ރޭ އިޓަލިއަން ލީގު ކަޕުގައި ލަދުވެތި ގޮތަކަށް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަނުން ޔުވެންޓަސް. އެޓްލަންޓާއާއި ވާދަކޮށް ބަލިވީ 0-3 ގެ ނަތީޖާ އަކުންނެވެ. އަދި ފިއޮރެންޓިނާޢާއި ރޯމާ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 1-7 ގެ ބޮޑު ބައްޔަކާއެކު ރޯމާ ބަލިވެގެންނެވެ.

ރޭ އެޓްލަންޓާ ކައިރިން ޔުވެންޓަސް ބަލިވު މެޗުގެ ތެރެއިން -- ފޮޓޯ / ނިކޮލަސް މެގީ

އަމިއްލަ ދަނޑުގައި ކުޅެ ޗެމްޕިއަން ޔުވެންޓަސް ކޮޅަށް މެޗުގެ ފުރަތަމަ ހާފުގައި ވެސް އެޓްލަންޓާއިން ވަނީ ދެ ގޯލު ޖަހާފައެވެ. މި ގޯލުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓިމޮތީ ކަސްޓާނިއާ އަދި ދުވަން ޒަޕަޓާއެވެ.

ކޮލަންބިއާގެ ފޯވާޑް ޒަޕަޓާ ވަނީ ރޭގެ މެޗުގައި އިތުރު ގޯލެއް ވެސް ޖަހާފައެވެ. އެންމެ ފަހުން ކުޅުން 10 މެޗުގައި އޭނާ ވަނީ 17 ގޯލު ޖަހާފައެވެ. ރޭގެ މޮޅާއި އެކު އެޓަލްންޓާ ވަނީ އިޓާލިއަން ލީގު ކަޕުގެ ސެމީއަށް ދަތުރު ކޮށްފައެވެ. އެ ކުލަބު ސެމީގައި ކުޅެން ޖެހޭނީ ރޭގެ މެޗުގައި ބޮޑު މޮޅަކުން ރޯމާގެ މައްޗަށް ކުރި ހޯދި ފިއޮރެންޓީނާއެވެ.

މިސިމިލިއާނޯ އެލެގްރީ ގެ ކޯޗު ކަމުގެ ދަށުގައ ޔުވެންޓާސް އިން ވަނީ މި މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ. ރޭގެ މެޗުގައި ރެފްރީއާ ދިމާލަށް ބަދު ބަސް ބުނުމުގެ ސަބަބުން އެލެގްރީ ވަނީ ބެންޗުން ފޮނުވާލާފައެވެ.

މީގެ އިތުރުން 1-7 ގެ ބޮޑު ނަތީޖާއަކުން ރޯމާ ބަލި ކުރުމަށް ފަހު ފިއޮރެންޓިނާއިން ވަނީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ލީގު ތާވަލުގެ ނުވަ ވަނައިގައި މިވަގުތު އޮތް ފިއޮރެންޓާނެގެ މި މޮޅާއި އެކު ވަނީ 2013- 2014 ވަނަ ސީޒަނަށް ފަހު މުބާރާތުގެ މިހިސާބަށް ފުރަތަމަ ފަހަރަށް ދަތުރު ކޮށްފައެވެ.

މެޗުގެ ފުރަތަމަ 20 މިނަޓުގެ ތެރޭގައި ފިއޮރެންޓީނާއިން ވަނީ ރޯމާ ކޮޅަށް ދެ ގޯލު ޖާހާފައެވެ. މި ދެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ ފެޑްރިކޯ ޗިއެސާއެވެ. ފިއޮރެންޓީނޯގެ މި ދެ ގޯލަށް ފަހު ރޯމާގެ ކެޕްޓަން އެލެކްސަންޑަރާ ކޮލަރޮވް ވަނީ ގޯލެއް ޖަހާފައެވެ. ނަމަވެސް ފިއޮރެންޓީނާއިން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ގޯލެއް ޖަހާ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.

ރޯމާ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު ފެޑްރިކޯ ޗިއެސާ -- ފޮޓޯ / ނިކޮލަސް މެގީ

ދެވަނަ ހާފު ފެށުމާއި އެކު ފިއޮރެންޓީނާއިން ދިޔައީ ރޯމާ ކޮޅަށް ގޯލުތަށް "އޮއްސަމުންނެވެ". އެގޮތުން ފިއޮރެންޓީނާއިން ވަނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި ހަތަރު ގޯލު ޖަހާފައެވެ. އެ މެޗުގައި ފެޑްރިކޯ ޗިއެސާ ވަނީ ހެޓްރިކް ހަދާފައެވެ.

ރޯމާގެ ކުޅުން އެންމެ ގޯސްވީ ހިސާބަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑިން ޒެކޯއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. ޒެކޯގެ ރަތް ކާޑާއި އެކު ޓީމު ޕުރެޝަރަށް ގޮސް ބޮއްސުންލީއެވެ.

comment ކޮމެންޓް