ޕިއްޒާ ކޮމްޕެނީގެ ޑެޒާޓް ޕިއްޒާ ތަފާތު!

ޕިއްޒާ ކޮމްޕެނީގެ "ސްނޯވީ ޗޮކޯ ޕިއްޒާ" -- ސަން ފޮޓޯ: އަވްޝަން

ދިވެހިންނަކީ ތަފާތު ވައްތަރުގެ ކެއުންތަކަށް ލޯބިކުރާ މީހުންނެވެ. ދުނިޔޭގެ އެކި ގައުމުތަކަށްގޮސް އެ ގައުމުތަކުގެ ކެއުންތައް ރަހަބަލާ ތަޖުރިބާ ކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޮޑެތި ފްރެންޗައިސްތައް ރާއްޖޭގައިވެސް މިހާރު ގާއިމްކޮށްފައިވާއިރު، ދަ ޕިއްޒާ ކޮމްޕެނީ އަކީ މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ހިންގަމުންދާ ފްރެންޗައިސް އެކެވެ.

މައިނާ ފުޑް ގްރޫޕުން މެނޭޖުކުރާ ދަ ޕިއްޒާ ކޮމްޕެނީގެ މެނޫއަށް އެންމެ ފަހުން ތައާރަފު ކުރި ތިން ޕިއްޒާ އަކީވެސް ތަފާތު ރަހަތަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ޕިއްޒާ ތަކެކެވެ. ހާއްސަކޮށް އެ ކުންފުނީގެ ޑެޒާޓް ޕިއްޒާ އަކީ ކުޑަކުދިންނަށާއި ފޮނި ކާއެއްޗެއްސަށް ލޯބިކުރާ މީހުން ކޮންމެހެންވެސް ރަހަބަލާލާ ތަޖުރިބާ ކޮށްލަންޖެހޭނެ ޕިއްޒާ އެކެވެ.

ޕިއްޒާ ކޮމްޕެނީގެ މުވައްޒަފުން އަލަށް ތައާރަފު ކުރި ޕިއްޒާ ތަކާއެކު --- ސަން ފޮޓޯ: އަވްޝަން

ދަ ޕިއްޒާ ކޮމްޕެނީގެ ޑެޒާޓް ޕިއްޒާ ނުވަތަ "ސްނޯވީ ޗޮކޯ ޕިއްޒާ" އަކީ ޗޮކްލެޓާއި ނަޓެއްލާ، ބްރައުނީސް އަދި އަލްމަންޑްސްއާއި މާޝްމެލޯ ބޭނުންކޮށްގެން ހަދާ ޕިއްޒާ އެކެވެ. ތުނި ކްރަސްޓެއްގައި ހަދާފައިވާ މި ޕިއްޒާ އަކީ ޗޮކްލެޓަށް ލޯބި ކުރާ މީހުންނަށް ކަމުދާނެ މީރު ޕިއްޒާއެކެވެ. މިއީ ދަ ޕިއްޒާ ކޮމްޕެނީގެ އެހެން ބްރާންޗުތަކުގައިވެސް މަގުބޫލު ޕިއްޒާއެކެވެ.

ޕިއްޒާ ކޮމްޕެނީގެ ޕިއްޒާތަކަކީ ދިވެހިންނަށް ކަމުދާނެ ރަހަތަކާއެކު ތަފާތު ތަޖުރިބާއެއް ކުރެވެނެ ގޮތަކަށް ތައްޔާރު ކުރާ ޕިއްޒާ ތަކެކެވެ. އެ ރެސްޓޯރެންޓުން ވަނީ ޗައިނީޒް އާ އަހަރާ ދިމާކޮށް ވެސް އާ ރަހައެއްގެ ޕިއްޒާއެއް ތައާރަފުކޮށްފައެވެ. މީގެ އިތުރުން މީޓް ލަވާސްއަށް ހާއްސަ ޕިއްޒާއެއްވެސް ޕިއްޒާ ކޮމްޕެނީ އިން ވަނީ ތައާރަފުކޮށްފައެވެ.

ޕިއްޒާ ކޮމްޕެނީގެ ޕިއްޒާއެއް --- ސަން ފޮޓޯ: އަވްޝަން

ޕިއްޒާ ކޮމްޕެނީ އިން ވަނީ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓް ކާޑޭއްވެސް ތައާރަފު ކޮށްފައެވެ. މި ކާޑުން ވިޔަފާރު ކުރާނަމަ 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށާއި 308 ރުފިޔާއަށް ވިއްކާ މި ކާޑު ބޭނުންކޮށްގެން އެއް ޕިއްޒާ ގަތުމުން އިތުރު ޕިއްޒާ އެއް ހިލޭ ލިބޭނެ ކަމަށް ޕިއްޒާ ކޮމްޕެނީއިން ބުންޏެވެ.

ޕިއްޒާ ކޮމްޕެނީ މެނޭޖު ކުރާ މައިނާ ފުޑް ގްރޫޕުން ދަނީ ރާއްޖޭގައި ފަސް ފްރެންޗައިޒެއް މެނޭޖު ކުރަމުންނެވެ. ދަ ޕިއްޒާ ކޮމްޕެނީގެ އިތުރުން މާލެ އާއި ވީއައިއޭގައި ހިންގާ ބާގާ ކިންގް، ކޮފީ ކްލަބް، ވީއައިއޭގައި ހިންގާ ތައި އެކްސްޕްރެސް އާއި ޑެއިރީ ކުއީންއަކީވެސް އެ ކުންފުނިން މެނޭޖު ކުރާ ފްރެންޗައިސް ތަކެކެވެ.

އެ ކުންފުނިން ބުނީ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ފްރެންޒައިސް ބްރޭންޑުތައް ފުޅާކުރުން ކަމަށެވެ.

comment ކޮމެންޓް