ޕީޕީއެމް ނުލިބުނު ނަމަވެސް މައުމޫން ވިދާޅުވަނީ "މި އަޒުމެއް ނުގުޑާނެ" ކަމަށް

ކުރީގެ ރައީސް މައުމޫން(ކ): އޭނާ ވިދާޅުވީ މި އަޒުމެއް ނުގުޑާނެ ކަމަށް -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި އެ ޕާޓީގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އެ ޕާޓީގެ ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެ ޕާޓީ އަލުން އަނބުރާ ނުލިބޭނެ ކަން މިހާރު އެ ވަނީ ކަށަވަރުވެފަ އެވެ.

ޕީޕީއެމުން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު މެންދުރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމުން ބޭއްވި ކޮންގްރެސް ސައްހަ ނޫން ކަމަށް އިލެކްޝަނުން ބުނަނީ ގާނޫނީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން އެ ގޮތަށް ހުކުމްކޮށްފައި ވަނިކޮށް މިއަދު ހަވީރު މައުމޫނު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "އިރާދަކުރެއްވިއްޔާ މި އަޒުމެއް ނުގުޑާނެ" ކަމަށާއި "މިހިތްްވަރެއް ނޭލޭނެ" ކަމަށެވެ.

ކުރީގެ ރައީސް އަދި މައުމޫންގެ އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލު ނުވެ 2016 ވަނަ އަހަރު ކޯޓަށް މައްސަލަ ހުށަހެޅުމުން، ޕީޕީއެމްގެ ރައީސް އަދާކުރައްވާ ހުރިހާ ޒިންމާތައް ޕާޓީގެ އޭރުގެ މުސްތަޝާރު، ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ.

ޕީޕީއެމްގެ ރައީސަކަށް ޔާމީން އިންތިޚާބުކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ބޭއްވި އެ ޕާޓީގެ ޚާއްސަ ކޮންގްރެސްގަ އެވެ.

ޕީޕީއެމްގެ މެންބަރުކަމުން މައުމޫން ވަކިކޮށްފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމުމާ ގުޅިގެން 2017 ވަނަ އަހަރު އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.

comment ކޮމެންޓް