ޕީޕީއެމްއަށް ދޫނުކޮށް ހުރި ފައިސާ ދިނުމަށް ނިންމައިފި

ޕީޕީއެމް އިން ބޭވި ސައިޒު ޖަލްސާގެ ތެރެއިން : އެޕާޓީގެ ހިފެހެއްޓިފައިވާ ފައިސާ ދޫކުރުމަށް އީސީ އިން ވަނީ ނިންމާފަ -- ފައިލް ފޮޓޯ/ރައީސް އޮފީސް

އިދިކޮޅު ޕީޕީއެމްއަށް ދައުލަތުން ދޭންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދޫނުކޮށް ހިފަހައްޓާފައިވާ ފައިސާ އެ ޕާޓީއަށް ދޫކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ފައިސާ ނުދީ ހިފަހައްޓާފައިވަނީ ސުޕްރީމް ކޯޓުގައި އިލެކްޝަނުން އިސްތިއުނާފް ކުރި އެ ޕާޓީގެ ކޮންގްރެސްއާ ގުޅޭ މައްސަލަ ވަކި ގޮތެއް ނިމެންދެނެވެ. ނަމަވެސް މިއަދު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ގޮތެއް ނިންމާ ޕީޕީއެމް ކޮންގްރެސް ސައްހަ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، ފައިސާ ހިފައިޓާފައިވަނީ ސްޕްރީމް ކޯޓުން އެ މައްސަލައާ މެދު ގޮތެއް ނިމެންދެން ކަމަށާއި ނަމަވެސް މިހާރު އެ މައްސަލަގައި ކޯޓުން ގޮތެއް ނިންމާފައިވާތީ މާދަމާ ފިނޭންސް މިނިސްޓްރީން އެ ފައިސާ ޕީޕީއެމްއަށް ދޫކުރުމަށް އެދޭނެ ކަމަށެވެ.

"އީސީއިން އަބަދުވެސް ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާނެ. މާދަމާ ފިނޭންސްގައި އީސީއިން އެދޭނެ ޕީޕީއެމްއަށް ފައިސާ ދޫކުރުމަށް،" އަކްރަމް ވިދާޅުވިއެވެ.

މެމްބަރުންގެ އަދަދަށް ބަލައި އެ ޕާޓީއަށް ލިބޭ ފައިސާގެ ޖުމްލަ އަދަދަކީ 11،538،660.13 ރުފިޔާއެވެ. އިލެކްޝަން ކޮމިޝަނުން ޕީޕީއެމްއަށް ނުދީ ފަހައްޓާފައިވަނީ 8،683،477.44 ރުފިޔާއެވެ.

އެފައިސާ ހެފެހެއްޓުމުން އެ ޕާޓީ ދަރަނިތައް ނުދެއްކިފައިވާ ކަމަށް މީގެ ކުރިން ޕީޕީއެމްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް