ދިވެހި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އަދި އޭނަގެ ކޮއްކޮ އަރާޝް އައްސަދު އާ އެކު ގިނަ ކުޅުންތެރިން ތަކެއް ޓީސީއާ ގުޅިއްޖެއެވެ.
ވޭތުވެ ދިޔަ އަހަރުގެ ޕުރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން މި އަހަރުގެ މުބާރާތަށް ތައްޔާރު ވުމުށްޓަކައި ދަނީ ޓީމު ވަރުގަދަ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުޓުބޯޅައިގެ މަގްބޫލު ކުޅުންތެރިންގެ އިތުރުން ކުރި އަރަމުން އަންނަ ޒުވާން ކުޅުންތެރިން ތަކެއް އެ ޓީމަށް ވަނީ ގެނެސްފައެވެ.
މިދިޔަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރި އިރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ކުޅުނު އަކްރަމް އަބަދުލް ޣަނީ ވެސް ވަނީ މި ސީޒަނަށް ޓީސީ އާއި ގުޅިފައެވެ. އޭގެ އިތުރުން ކުރިންވެސް ޓީސީ އަށް ކުޅެފައިވާ އަކްރަމް އަބްދުލް ޣަނީގެ ކޮއްކޮއެއް ކަމަށްވާ އަރާޝް އައްސަދު ވެސް އަލުން ޓީސީ އާއި ވަނީ ގުޅިފައެވެ.
އަކޫ އަދި އަރާޝްގެ އިތުރުން ޒުވާން ކުޅުންތެރިން ތަކެއް ވަނީ ޓީސީއާއި ގުޅިފައެވެ. އެގޮތުން މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީ އިން ވިދާލި އަބްދުﷲ ވާހިދު (ވާޑު) އާއި ކުރިން ބީޖީ ސްޕޯޓްސް ކުލަބް އަދި ނިއުރޭޑިއަންޓަށް ކުޅެފައިވާ އާދަމް އިޝާމް (ސަން) ވެސް ވަނީ ޓީސީ ސްޕޯޓްސް ކުލަބާއި ގުޅިފައެވެ.
ޓީސީ ސްޕޯޓްސް ކުލަބު ދިވެހި ފުޓުބޯޅައިގައި ހޯދި ކާމިޔާބު ތަކުގެ މޭސްތިރިޔާ މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މީގެ ދުވަސް ކޮޅެއް ކުރިން ޓީމަށް އަލްވަދާޢު ކިޔާފައެވެ. އަދި ނިޒާމްބެގެ ބަދަލުގައި ގެންނާނެ ކޯޗެއް އަދި އެ ކުލަބުން އިއުލާން ކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަންކަން ނެގި އިރު ޓީމުގައި ހިމެނުނު މުހިއްމު ގިނަ ކުޅުންތެރިން ތަކެއްގެ އެއްބަސް ވުންތައް ޓީސީއިން ވަނިީ އާ ކޮށްފައެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން އަހްމަދު ފައްރާހްއާއި އެ ޓީމުގައި ގިނަ ދުވަސް ތަކެއް ކުޅެދީފައިވާ އަހުމަދު ރިލްވާނު އަދި މުހައްމަދު އައްޒާމުގެ އިތުރުން ޒުވާން ގޯލް ކީޕަރު ނަދީމް (ރިކޫބެ) ވެސް ވަނީ ކުލަބުގައި މަޑުކުރަން ނިންމާފައެވެ.
މިދިޔަ ސީޒަނަށް އަލަށް ކުލަބާއި ގުޅުނު އިޝާން (ސައްޓު) އަދި ޒުވާން މިޑްފީލްޑަރު އައްޒާމް އަބްދުﷲ ގެ އިތުރުން އިތުބާރު ޑިފެންޑަރު މުހައްމަދު އަޖުފާން ވެސް ވަނީ ކުލަބުގައި މަޑުކުރަން ނިންމާފައެވެ.
"މީ އަދި މަދު ކުޅުންތެރިން ތަކެއް. ކައިރި މުސްތަގްބަލެއްގައި އިތުރު ކުޅުން ތެރިން ތަކެއް ވެސް ޓީމާއި ގުޅޭނެ." ޓީސީ ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވެއެވެ.