އެންމެ ކުޑަ އުޖޫރައަކަށް އެމްޑީޕީ އިން 6،000 ރުފިޔާ ހުށަހަޅައިފި

އަމީނިއްޔާ ސްކޫލުގެ ފާރު ތަޅާލުމަށް ފަހު، އެ ސަރަހައްދުގެ ޕޭވްމަންޓުބޮޑު ކުރުމުގެ މަސައްކަތް ކުރަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި މަހަކު 6،000 ރުފިޔާ ހުށަހަޅައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީ އިން ތައްޔާރުކުރި ކަރުދާހުގައި، ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުގައި ވަނީ، އެންމެ ކުޑަކޮށް އުޖޫރަ ދެވޭނެ އުސޫލުތައް ބަޔާންކޮށްފަ އެވެ.

އެމްޑީޕީ އިން ބުނީ އެންމެ ކުޑަކޮށް އުޖޫރަ ލިބޭ އުސޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އެކި ވަރަށް ކަމަށާއި އެގޮތަށް އުޖޫރަ ކަނޑައަޅާނީ މަހު އުޖޫރައިން ދުވަހަކަށް ޖެހޭ އަދަދުން ކަމަށެވެ.

އުޖޫރައިގެ ގޮތުގައި ލިބޭ އެންމެ ކުޑަ އަދަދު، ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް ކަނޑައެޅޭނެ ކަމަށް އެމްޑީޕީގެ ކަރުދާހުގައިވެ އެވެ.

ވަޒީފާ އަދާ ކުރާ މީހުންނަށް ދެވޭ އެންމެ ކުޑަ މުސާރައެއް އެމްޑީޕީ އިން ހުށަހަޅާ އިރު، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ކުޑަ މުސާރައަކަށް ގިނައިން މަސައްކަތް ކުރަނީ ބިދޭސީންނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އެންމެ ކުޑަ މުސާރައެއް ކަނޑައަޅާ އިރު، އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުވާނޭ ބޭރު ފައިސާގެ ސަބަބުން އިގްތިސާދަށް އަންނާނެ ލޮޅުމާއި ދިވެހި ކުންފުނިތަކުގައި މަސައްކަތް ކުރާ ބޭރު މީހުންގެ މުސާރަ މީގެ ސަބަބުން ބޮޑުވެ ކުންފުނިތަކުގެ އޯވާހެޑް ބޮޑުވުމުން ހިދުމަތުގެ އަގު އުފުލުމުން އާންމުންނަށް ކުރިމަތިވާނެ ދަތިތަކާ ބެހޭ ގޮތުން އެމްޑީޕީގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި އެމްޑީޕީ އިން ކަނޑައެޅި އަދަދު:

- ދުވާލަކު 266 ރުފިޔާ: ދަތުރުފަތުރުގެ ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 266 ރުފިޔާ: މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 200 ރުފިޔާ: ކޮންސްޓްރަކްޝަން ސިނާއަތުގައި އުޅޭ މީހުންނަށް

- ދުވާލަކު 333 ރުފިޔާ: ރިސޯޓު ހިންގުމުގެ ވިޔަފާރީގައި އުޅޭ މީހުންނަށް

- ދުވާލަކު 200 ރުފިޔާ: ޓޫރިޒަމްގެ އެހެނިހެން ކަންކަމުގައި އުޅޭ މީހުންނަށް

- ދުވާލަކު 266 ރުފިޔާ: ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް

- ދުވާލަކު 266 ރުފިޔާ: ތައުލީމީ ހިދުމަތް ދޭ ތަންތަނުގައި އުޅޭ މީހުންނަށް

- ދުވާލަކު 200 ރުފިޔާ: އެހެނިހެން ސިނާއަތްތަކާއި ހިދުމަތްތަކުގައި އުޅޭ މީހުންނަށް

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެކެވެ.

އެމްޑީޕީން ވަނީ ކަރުދާހަށް އާންމުންގެ ހިޔާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް