އުފާވެރިކަން އޭނާ ވަށައިލި ފަދަ އިޙްސާސަކާއެކު އޭނާއަށް ހިނިތުންވެވުނެވެ. އަނާލްގެ އަތް އޭނާގެ ދެ އަތުގެ ތެރޭގައި ހައްޔަރު ކޮށްލަމުން އިޒިއަން އަނާލްއަށް ބަލާލިއެވެ. އަނާލް އެހެން އިނދެ އިޒިއަން ގެ ދެލޮލަށް ބަލާލަމުން ވާހަކަދެއްކިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރު އެޅުމެއް ވިއެވެ.

"އެކަމަކު އަހަރެން ބޭނުން ވާހަކަ އެއްބުނަން... އަހަރެންގެ މާޒީގެ ވާހަކަ......"

"އިޓްސް އޯކޭ ނާލް! އަހަރެންނަށް މާޒީ މުހިންމެއް ނޫން....." އިޒިއަން ޔަޤީންކަން ދިނެވެ.

"އެކަމަކު އިޒް! ދިރިއުޅުމެއް ބައްޓަމެއް ނުކުރެވޭނެ ދޮގާ އޮޅުވާލުމެއްގެ މައްޗަށް، ހަމަ އެގޮތަށް ސިއްރުތަކެއް ފޮރުވައިގެން ވެސް ހަމަޖެހުމެއް ނުލިބޭނެ. ހަޤީގަތް އެނގޭ ދުވަހު އެ ވެދާނެ ކޮންމެ ފަދަ ވާހަކައަކަށް ވެސް، އެ ދުވަހުން އަނެކަކާ ދިމާލަށް އިނގިލި ވެސް ދިއްކުރެވޭނެ. މައްސަލަ ވެސް ޖެހޭނެ، އަދި..... އަދި ދޫކޮށްލާފަވެސް ގޮސްދާނެ....." އަނާލް އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި މަޑު ތުރު ތުރެއްވުމާއެކު ބައެއްފަހަރު އަޑު އައީ ކެނޑި ކެނޑިގެންނެވެ. އަނާލްގެ ވާހަކަތަކާ ދެކޮޅު ހަދަމުން އިޒިއަން އޭނާގެ އަތުގެ ދެ އިނގިލި އަނާލްގެ ދަތް ދޮޅި ދަށައް ލައްވާލުމަށްފަހު އަނާލްގެ އިސް އުފުފުލުވާލިއެވެ.

"ނުދާނަން، ދުވަހަކުވެސް ނުދާނަން އިންޝާ ﷲ... ނާލް އަހަރެން ދޫކޮށްލަންދެން އަހަރެން ނާލްއާ އެކުވާނަން، އަހަރެން ނާލްއާ ވަކިވާ ދުވަހަކީ ނާލް އަހަރެން ދޫކޮށްލާ ދުވަސް. އޭގެކުރިން ކޮންމެފަދަ ހާލެއްގައި އުޅެން ޖެހުނަސް އަހަރެން ނާލް ދުލެއްނުކުރާނަން....." އެ ވާހަކަތަކުން އަނާލްގެ ހިތަށް އާދަޔާ ހިލާފް ފިނިކަމެއް ލިބިގެން ދިޔައެވެ. ސީދާ އިޒިއަންގެ ދެލޮލަށް ބަލަން ފެށުމުން އެހިތުގެ ހިނގުން ބާރުވިއެވެ. އޭރުވެސް އިޒިއަން އޭނާގެ އަތުގެ އިނގިލިތައް އަނާލްގެ ދަތްދޮޅިދަށަށް ލައްވާފައިވުމާއެކު އަނާލް އޭނާގެ ބެލުން ތިރިކޮށްލިއެވެ.

އިޒިއަން މަޑުމަޑުން އަތް ނަގަމުން އަނާލްއަށް ގޮވާލިއެވެ. ހަމަ އެކަނި ހޫމް އެއްލައްވާލުން ފިޔަވާ އިތުރުކަމެއް އަނާލްއެއް ނުކުރިއެވެ. އޭނާގެ ޢަމަލް ތަކުން ލަދުގަނެފައިވާ ވަރު ހާމަވެގެން ދިޔައެވެ.

އެވަގުތު އުފަލުން އަނާލްގެ ގައިގައި ބައްދާލަން ވެސް އިޒިއަންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އިޒިއަން އަނާލްގެ އަތުގައިހިފާލިއެވެ. އަދި އޭނާ އަނާލް ދެކެ ލޯބި ވާވަރު ހާމަކޮށްލިއެވެ.

"އިޒް! އަހަރެންގެ ބައްޕައާ ބައްދަލުކޮށްލައްޗޭ، މަންމަމެން ބުނި އިޒްގެ ފެމެލީގެވެސް ޤަބޫލުގައޭ ކުރަން ޖެހޭނީ. އެކަމަކު އިޒް! އިޒްގެ ފެމެލީއާ ހިސާބަށް މި ވާހަކަ ގެންދިޔުމުގެ ކުރިން މަންމައާއި ބައްޕަ ބޭނުންވޭ އިޒްއާ ބައްދަލުކުރަން، އޮފީސް ނިންމާލާފައިނަމަވެސް މިއަދު ބައްދަލު ކޮށްލަން ދާނަން ދޯ" އަނާލް ވާހަކަ ދެއްކިއެވެ.

"އާ.... ދާނަން" ކުޑަކޮށް ވިސްނާލުމަށްފަހު އިޒިއަން ޖަވާބުދިނެވެ.

"އެހެންވީމަ އޮފީސް ނިންމާލާފަ ދާނީ ދޯ" އަނާލް އުންމީދުގައި ބުނެލިއެވެ.

އޮފީސް ނިންމާލުމަށްފަހު އިޒިއަން އަނާލްމެން ގެއަށް މިސްރާބުޖެހީ އަނާލްއަށް ގެއަށް ގޮސް ހަމަޖެހިލެވޭހާ ވަގުތު ދެމުންނެވެ. އޭނާ އެގެއާ ހިސާބަށް ފޯރި އިރު ފަސްގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގަޑިއަށް ބަލާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލުމާއެކު ކާރުން ފޭބިއެވެ. އޭނާ ހިތް އަވަސްވެފައި ހުރެ ގެއާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ.

"އިޒިއަން..." ދޮރާ ހިސާބަށް އަރާފައި ސަލާމް ގޮވާލަން އަނގަ ހުޅުވާލި އިޒިއަންގެ އަނގަ މަޑުމަޑުން ލެއްޕުނީ އައްމާރު ގޮވާލުމުންނެވެ. ލައްބައޭ ބުނަމުން އިޒިއަން ބޯޖަހާލިއެވެ. އޭރު އޭނާ ވަނީ ނުހަނު ބޮޑަށް ނުތަނަވަސް ވެފައެވެ. ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. އައްމާރު ދައްކާނީ ކޮންފަދަ ވާހަކަ އެއްކަމެއް ނޭނގެއެވެ.

އައްމާރު ހިނިތުންވަމުން އެތެރެއަށް ވަންނަން ބުނުމާއެކު އިޒިއަން އައްމާރުއާ ދިމާލަށް ހިނގައިގަތެވެ.

"އަހަރެން ބޭނުން އިޒިއަންއާ ވާހަކައެއް ދައްކާލަން، ސޯފާގައި އިށީނދެ ހަމަޖެހިލައިގެން ދޯ ވާހަކަ ދައްކާލާނީ. މަޒާ!... ސަރާ ގާތު ބުނޭ ކޮންމެވެސް ލުއި އެއްޗެއް ގެނެސް ދޭށޭ!" އައްމާރު އިޒިއަންއަށް ސަލާމަށް އަތް ދިއްކޮށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ. އިޒިއަން އެ އަތުގައި ހިފާ ސަލާން ކޮށްލަމުން ސޯފާއާއި ދިމާލަށް ހިނގައިގަތް އިރު އޭނާގެ ނަޒަރު އެކި ފަރާތް ފަރާތަށް ދައުރު ކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި އަނާލް އެއް އަޅައެއްނުގަތެވެ. ސޯފާގައި އިށީނދެ ހަމަޖެހިފައި ވަރަށް ނުވާކަމަކަށް ހަދާފައި އިޒިއަން އަނާލްއަށް މެސެޖެއް ކޮށްލިއެވެ. އަދި ފޯނުން އަވަސް އަވަހަށް ނަޒަރު ވަކިކޮށްލިއެވެ.

މަޒާޔާވެސް ސަރާ ގާތު އެއްޗެއް ގެނެސްދިނުމަށް ބުނުމަށްފަހު އަނާލްގެ ކޮޓަރި ކައިރިއަށް ހުއްޓިފައި އެ ދޮރު ހުޅުވާލާފައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އަދި ބޮލުން އައުމަށް އިޝާރާތް ކޮށްލިއެވެ. އެ ވަގުތު ގޭގައި ޝަފޫންގެ އިތުރުން އަފާޒުވެސް އުޅެމުން ދިޔައެވެ. ދީމް ވެސް އަނާލްއާ އެކު އައިސް ސޯފާގައި މަޑުކޮށްލިއެވެ.

"ދައްކަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް" ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލަމުން އައްމާރު ވާހަކަ ދެއްކިއެވެ. އޭނާ ފަހުފަހަރަށް އިޒިއަންއަށް ނަޒަރު ހުއްޓާލައެވެ. އާއިލާގެ ހުރިހާ އެންމެންގެ ކުރިމަތީގައި އިންނަން ޖެހުމުން އިޒިއަންގެ ހާސްކަން ދެގުނަ ވިއެވެ. އެހެން ނަމަވެސް އަނާލްއަށްޓަކާ އޭނާ ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެއެވެ. ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ.

"އިޒިއަންއާއި އަނާލްގެ ގުޅުމަށް އަހަރެން އެއްބަސްވީ ބައިވަރު ޝަރުތުތަކާ އެކު....." އައްމާރު ބުނެލިއެވެ. އިޒިއަންގެ ހިތް ތެޅިލިއެވެ. އޭނާއަށް ވަށައިގެން އެންމެންގެ މޫނަށް ވަކިވަކިން ބަލާލެވުނެވެ. އެކަމާބެހޭ މާބޮޑު މަޢުލޫމާތެއް ލިބިފައި ނެތުމާއެކު އަފާޒުއަށާއި ޝަފޫންއަށް ސުވާލުކޮށްލެވުނެވެ. އެހެންނަމަވެސް ދީމްގެ މޫނުމަތިން ހައިރާންކަން ފާޅުނުވީ އޭނާއަށް އަނާލް ކުރިން އެ ވާހަކަ ކިޔައިދީފައި އޮތުމުންނެވެ.

"ހުރިހާ ކަމެއް ވެސް ވީ ވަރަށް އަވަހަށް...." އައްމާރު ޝަފޫންއާއި އަފާޒުއަށް ދިމާލަށް ބަލާލިއެވެ.

"އިޒިއަން! އަނާލްއާ ގުޅުމުގެ ކުރިން ބޭނުންވޭ ބައިވަރު ވާހަކަ ދައްކަން، އިޒިއަންއަށް އެނގެންޖެހޭނެ އަނާލްގެ ހަޤީގަތް ރަނގަޅަށް، އަނާލްއަކީ ކޮންކަހަލަ ކުއްޖެއްކަން ވެސް، ފަހަރެއްގައިވެސް އަނާލް ދޫކޮށްލުމުގެ ނިޔަތުގައި އިޒިއަން އަނާލްއާއި ގުޅިގެން ނުވާނެ.... ދޮގު ހަދާ އޮޅުވާލައިގެން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެ..... ނާލް ބުނި އިޒިއަންއަށް އެނގޭ ނާލްގެ މައްސަލަތަކެއް ހުންނަކަން، އަދި އިޒިއަން ނާލް ޤަބޫލް ކުރަނީ އެ ހުރިހާ ކަމަކާ އެކުގައޭ، އެކަމަކު ނާލްގެ ބައްޕަގެ ޙައިސިއްޔަތުން ވެސް އަހަރެން ބޭނުންވޭ އެއްޗެއް ބުނެލަން. ބުނެލާ ހުރިހާ ގޮތަކަށް ކަންތައް ކުރަން ފަސޭހައެއް ނުވާނެ... ހަޔާތުގަ ދިމާވެދާނެ ކޮންމެ ފަދަ ކޮޅިގަނޑެއްވެސް.... އެފަދަ ކޮންމެ ވަގުތެއްގައި އަރާރުންވެ ދެބަސްވުމުގެ ބަދަލްގައި މައްސަލަ ހައްލު ކުރެވޭތޯ ދެކުދިންވެސް ބަލަން ވާނެ، އިޒިއަން ވިސްނަންޖެހޭނެ ބޭނުން ހުރިހާ ވަގުތަކު އިޒިއަން ބޭނުންވާ ހުރިހާކަމެއް އަނާލްއަށް ވަގުތުން ވަގުތަށް ނުކޮށްދެވޭނެކަން... " އައްމާރު ފުންނޭވާއެއް ދޫކޮށްލިއެވެ.

"އިޒިއަން! އިޒިއަން އަނާލްއާ ގުޅެންޖެހޭނީ އާއިލާގެ ގަބޫލުގަ، އާއިލާ ނުގަބޫލުނަމަ އަހަރެމެން މި ގުޅުމަށް އެއްބަހެއް ނުވާނަން، އިޒިއަން ވެސް ވިސްނަން ޖެހޭނެ... އަނާލްއަކީ އެހެން ކުދިންނާ ވަރަށް ތަފާތު ކުއްޖެއް....." އައްމާރު ދެންވެސް ވާހަކަ ދެއްކިއެވެ.

"އަޅުގަނޑު އަނާލްއަށް ދެރަގޮތެއް ނަހަދާނަން އިންޝާ ﷲ....." އިޒިއަން ޔަޤީންކަން ދިނެވެ.

"އިޒިއަންއަށް އެނގިފަ އޮންނާނީ ކުރިންވެސް އަނާލްގެ ކައިވެންޏެއް ކުރެވެން އުޅުނުކަން، އެކަމަކު އެކަންވީ ކީއްވެކަން ވެސް އެނގެން ޖެހޭނެ...." އައްމާރު ވާހަކަ ދެއްކިއެވެ. އިޒިއަން ހަމައެކަނި ބޯ ޖަހާލީއެވެ.

ބައްދަލުވުން ނިންމާލުމަށްފަހު އެތަނުން އެތަނުން އިޒިއަން ދިޔައީ މިސްކިތަށެވެ. ގެއަށް ދިޔައީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. އޭރު ގޭތެރޭގައި އަކްނިޒާއާއި ފަހީމް ވެސް ތިއްބެވެ. އޭނާ ގޮސް ދެމީހުން ގާތު މަޑުކޮށްލުމަށްފަހު ކޮޓަރިއަށް ދިޔައީ ތާޒާ ވެލުމަށެވެ. ފެންވަރާހަދައިގެން އިޒިއަން އަނބުރާ ތިރިއަށް އައީ އެރޭގެ ކެއުމުގެ ވަގުތުގައި ބައިވެރިވުމަށެވެ.

ކެއުމުގެ ވަގުތުގައި އިޒިއަން އަނާލްގެ ވާހަކަ ދުރުދުރުން ބުނެލިއެވެ. އެހެންނަމަވެސް އެއްފަހަރުވެސް އަނާލްގެ ނަމެއް ނުބުނިއެވެ. ޖެހިގެން އަންނަނީ ހުކުރު ދުވަހަކަށް ވުމާއެކު ހަވީރު އެ އަންހެން ކުއްޖާ ގެންނާނޭކަމަށް އިޒިއަން ބުނެލިއެވެ.

ކައިގެން ލަސްނުކޮށް އިޒިއަން ނިދަންވެގެން ކޮޓަރިއަށް ދިޔުމުން ފަހީމްއާއި އަކްނިޒާ ވެސް އެކަކު އަނެކަކާ ވާހަކަ ދައްކައިލަން ބޮޑު ކޮޓަރީގައި ތިބުމަށްފަހު ކޮޓަރިއަށް ވަނީ އެވެ.

*****

ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުތައްމަތިން އާދަޔާ ހިލާފަށް މީހުން ގިނަކަން ފާހަގަ ކުރެވެއެވެ. ހިނި ހޮރަކުން ހިނިތައް ނުކުމެ އުޅޭ ބީދައިން މާލޭގެ ކުދިކުދި ތަންތަންކޮޅުގައި ދިރިއުޅެމުންދާ ގިނަ އާއިލާތައް ވެސް ކޮންމެވެސް ފިނި މައިޒާނަކަށް ދަނީ ހިންހަމަޖެހުން ހޯދާލުމަށެވެ. ތުއްތު ކުދިންނާ ޒުވާން އުމުރުފުރައިގެ ކުދިންތައް ވެސް ނުހަނު ގިނައެވެ. ބައިބަޔަށް އެކި އުމުރު ފުރުގައި މީހުން ފެންނަމުން ދިޔައެވެ. މަދުން ނަމަވެސް ބައެއް ކުދިން އެކުދިންގެ މުސްކުޅި މަންމަ ނުވަތަ މާމަ ގޮވައިގެން އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަ ކުރެވޭތޯ ބަލައެވެ. ދުއްވާއެއްޗެހިޗެސް އާދަޔާހިލާފަށް ގިނައީ ފަހަރުގައި ފިނި ބުރު ޖަހަން ނުކުމެ އުޅޭ މީހުން ގިނަވީމަ ކަންނޭގެއެވެ.

އިޒިއަންއާ އެކު ކާރުގައި އަނާލް ގޮވައިގެން އިޒިއަން އޭނާގެ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. މަގުމަތީގައި ޓްރެފިކް ބޮޑުކަމުން ކާރު ކިރިއަ ކިރިއާ ދުއްވާލެވޭކަމެވެ. އެއްފަހަރު ތަންކޮޅަކަށް ދުއްވާލެވިއްޖެއްޔާ އަނެއް ފަސްމިނިޓް އިންނަން ޖެހެނީ މަޑުކޮށްލައިގެން ނެވެ. ކެނޑިނޭޅި އަޅަމުންދާ ބަރުގޮނުގެ ސަބަބުން ކަންފަތަށް އުނދަގޫވެއެވެ. ކެތްތެރިކަމުގެ ކޮޅެއް ވެސް ނެތެވެ. ދެކާރު ދޭތެރެއިގައިވާ ހުސް ޖާގަކޮޅުން ފަހަރަކު ސައިކަލެއް ދެމިގަންނަމުން ދިޔުމުގެ ސަބަބުން ކާރު ދުއްވުން ވީ ދަތިކަމަކަށެވެ. މަގުމަތީގައި ދުއްވާ އެހެން އެއްޗެއްސަށާއި މީހުންނަށް ބަލާލަނީ މަދު މީހަކުއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ މަންޒިލަށް އެންމެ އަވަހަށް ދާށެވެ. ބައެއް ސައިކަލު ޕޭމަންޓް މަތިން ދުއްވާލާއިރު ކައިރި ފަށުގައި މަޑުކޮށްގެން ތިބޭ މީހުންވެސް މަދެއްނޫނެވެ.

އަނާލް ފުންނޭވާއެއްދޫކޮށްލިއެވެ. މަޑުކޮށްލުން ކީއްހެއްޔެވެ؟. ކެތްކުރުން އެހާ އުނދަގޫ ކަމަކަށް ވަނީ ކީއްވެހެއްޔެވެ؟. އޭނަ އިޒިއަން އަށްބަލާލިއެވެ. އިޒިއަން ވެސް އަނާލްއަށް ބަލާލިއެވެ.

"ހިޔެއްނުވޭ އަވަހަށް ގެއާ ހިސާބަށް ފޯރާނެހެނެއް، ބަލާބަލަ މަގުމަތި އޮތް ގޮތް....." މަގުމައްޗަށް ނަޒަރު ހުއްޓާލަމުން އިޒިއަން ބުނެލިއެވެ. ކޮންމެ ގޮތެއްވިޔަސް އެގޮތް މިގޮތަށް ދުއްވަމުން ދުއްވަމުން އެންމެފަހުން ގެއާ ހިސާބަށް އާދެވިއްޖެއެވެ.

"އައި އެމް ނާވަސް" ގެ ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ތިބެފައި އަނާލް ކުއްލިއަކަށް ބުނެލައިފިއެވެ. އަނާލް ކުރިން ވެސް އިނީ ހާސްވެފައެވެ. އިޒިއަންގެ އާއިލާއިން އޭނާ ބަލައި ނުގަންނާނޭހެން ހީވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާއަކީ ނުކުޅެދޭ އަންހެން ކުއްޖެކެވެ.

އެވާހަކަ ހާސްކަމާއެކު އިޒިއަންއާ ހިއްސާ ކުރުމުން އިޒިއަން ޔަޤީންކަން ދިނީ ކުރިން އަނާލްއާ ދޭތެރޭ ކަންތައް ވީގޮތަށް ކަންވުމުގެ ފުރުސަތު އޭނާ ނުދޭނޭކަމަށެވެ. އަނާލްގެ އަތަށް ފިތާލަމުން އޭނާ އިތުރު އެއްޗެއް ބުނަން އުޅުނަސް ކުރީގައި ހުރި ވެހިކަލްތައް ދުއްވާލުމުން އޭނަ ވެސް ކާރު ދުއްވާލިއެވެ.

ގޭޓުން ކާރު ވައްދާލުމަށްފަހު އިޒިއަން ދުވެލާފައި ގޮސް ޑިކީގައި އޮތް އަނާލްގެ ވީލް ޗެއަރ ނެގިއެވެ. އެއަށްފަހު އޭނާ އެ ގެންގޮސް އަނާލްއިން ދޮރާ ދިމާ ބަހައްޓަމުން ދޮރު ހުޅުވާލަދިނެވެ. އަދި އަނާލްއާ ދިމާލަށް އޭނާ އަތް ދިށްކޮލިއެވެ. އެ އަތުގައި ހިފުމަށް އޭނާ އެދުނީ އިތުބާރު ކުރާށޭ ބުނާފަދައަކުންނެވެ.

"ޓްރަސްޓް މީ....." އަނާލް އިޒިއަންއަށް ބަލަހައްޓައިގެން އިންނަން ފެށުމުން އިޒިއަން ބުނެލިއެވެ. އަނާލް މަޑުމަޑުން އޭނާގެ އަތް އިޒިއަންގެ އަތުގެ ތެރެއަށް ލިޔެވެ. އޭނާގެ އެތެރެ ހަށީގައި ކަރަންޓްގެ އޮއިވަރެއް ހިނގައިގަތްހެން ހީވިއެވެ. އެހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. އިޒިއަން އެހީތެރިވުމުގެ ގޮތުން އަނާލްގެ ކޮނޑުގައިހިފާ އަނެއް އަތް އަޅުވާލެވުނީ އުނަގަނޑުގައެވެ. އަނާލް ތެޅިގަތް ގޮތުން އޭނާއަށް ފަހަތަށް ޖެހިލެވުނެވެ. އެއާއެކު ނުވެއްޓުނީ ކިރިއާއެވެ.

ނަފްސަށް އައި ހަރުކަށިކަން ފޮރުވާލަމުން އަނާލް އިޒިއަންއަށް ބަލާލިއެވެ. އަދި ބޯ ޖަހާލީ އޭނާއަށް އެހީތެރިވެދޭށޭ ބުނަމުންނެވެ. އިޒިއަންގެ އެހީގައި އަނާލް ތެދުވެ ގޮނޑީގައި އިށީނެވެ. އަދި ގޮނޑި ދުއްވަމުން އޭނާ އިޒިއަންއާ އެކު އައިސް ގޭތެރެއަށް ވަނެވެ. ގަރާޖުހެ އެއްފަރާތަށް ވާ ގޮތަށް އިން ގޭގެ މައި ދޮރާ ދިމާލަށް ދެމީހުން މިސްރާބުޖެހިއެވެ. އެތަނުގައި ތިން ސިޑީގެ ހަރުފަތެއް އިންއިރު އޭނާ އެތަން ހުރަސްކުރުމަށް އިޒިއަންގެ އެހީތެރިކަން ބޭނުންވިއެވެ. ހަތަރެސްކަނަށް ފިލާތަކެއްޖަހާފައިވާ ބިއްލޫރި ދޮރުވަނީ ދެފަރާތަށް ހުޅުވާލެވިފައެވެ.

ސޯފާގައި އިށީނދެގެން ތިބި އަކްނިޒާ އާއި ފަހީމް ތިބީ އިޒިއަންގެ އިންތިޒާރުގައެވެ. އެ ދެމީހުންނަށް އިރުއިރު ކޮޅަކާ ގޭގެ މައި ދޮރާ ދިމާލަށް ބަލާލެވެއެވެ. އެހެން ބަލާލެވުނު ފަހަރެކެވެ. ދެމީހުންނަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެވުނީ އިޒިއަންއާ އެކު އެއްފަރާތުގައި ފުރޮޅިލީ ގޮނޑީގައިއިން އަނާލް ފެނިފައެވެ. އަކްނިޒާއާއި ފަހީމްއަށް ވީ ގޮތުން އަނާލް ހާސްވިއެވެ. އޭނާއަށް އަތުން ގޮނޑީގެ ހިފައްޓާ ތަނަށް ބާރުކޮށްލެވުނެވެ. ލާންއުޅުނު ނޭވާ ވައިހޮޅިން ބޭރުނުވެ ތާށިވިއެވެ. ހިންދިރުވާލަން ދަތިވިއެވެ.

އެ ހާސްކަމުގައި އިންދާ އެ ދިމާލަށް ހިނގައިގަތް އަކްނިޒާއާއި ފަހީމް ފެނި އަނާލްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަނާލްއަށް އަންނަމުންދިޔަ ބަދަލުތަކުން އިޒިއަން ވެސް ހިސާބަކަށް ހާސްވިއެވެ. އަނެއްކޮޅުން މަންމައާ ބައްޕައާ ދެމީހުންގެ މޫނުމަތިން ފެނުނު އަސަރުތައް ދެނެނަންނަން އޭނާ ނުކުޅެދުނެވެ.

"މިއީތަ؟"' ޔަޤީން ނުވެފައި ހުރިގޮތަކަށް އަކްނިޒާ އަނާލްއާ ދިމާލަށް އިނގިލިން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އެ ހިނދު އިޒިއަންއާއި އަނާލްއާއި ދެމީހުންގެ ހިތުގެ ހިނގުން ވެސް އާދަޔާ ޚިލާފަށް ތެޅިގަތެވެ. މަންމައަށް ޖަވާބު ދިނުމުގެ ގޮތުން އިޒިއަން ބޯ ޖަހާލިއެވެ. އަކްނިޒާ ދޭނޭޖަވާބެއް ނޭނގި އިޒިއަންއަށް ހިންދިރުވާލެވުނެވެ.

ސިހުން ލިބުނީ އަނާލްއާ ދިމާލަށް ގުދުވުމަށްފަހު އަކްނިޒާ އަނާލްގެ ގައިގައި ބައްދާލި ގޮތުންނެވެ. އެ މޫނުމަތިން ހިނިތުންވުމެއް ފެންނަމުން ދިޔައެވެ. ފަހީމް ވެސް އިޒިއަންއާ ގާތަށް ޖެހިލާ ބައްދާލަމުން މަރުޙަބާ ކިޔެވެ.

މަންމައާއި ބައްޕަގެ އުފާވެރިކަން ފެނުމާއެކު އިޒިއަންއާއި އަނާލްގެ ހިތަށް ވެސް ފިނިކަމެއް ލިބުނެވެ. އަނާލް ގޭތެރެއަށް ވަންނަމުން ވަށައިގެން ބަލާލިއެވެ. ކޮންމެ ދިމާލަކުން ވެސް ގޭގެ ޝާހީކަމާއި ހައިބަތު ދައްކައިދެމުން ދިޔައެވެ.

"ގޭގަ ނޫޅޭނެ އެއްވެސް މީހެއް އިތުރަށް." އަކްނިޒާ އަނާލްއަށް ބަލާލަމުން ބުނެލިއެވެ. އޭނާއަށް އަނާލްގެ ސިކުނޑީގައިވި އެއްޗެއް ދެނެގަނެވުނީ ކަންނޭގެއެވެ.

އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު އެމީހުން އަނާލް ފޮނުވާލީ ހަވީރު ސައިވެސް ދީފައެވެ. އިޒިއަން އަނާލް ގޮވައިގެން ދިޔައިރު އެ ދެމީހުންވެސް ދިޔައީ ވާހަކަ ދައްކަމުން ނެވެ. ހަޤީގަތުގައި އަނާލް އިނީ ވަރަށް އުފާވެފައެވެ. އޭނާގެ އާއިލާއެކޭ އެއްގޮތަށް އިޒިއަންގެ އާއިލާ އަކީވެސް އެހާ އޯގާތެރިބަޔަކަށް ވުމާއެކު އެމީހުންނާ މެދު އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް އަނާލްގެ ހިތުގައި ލޯބި އުފެދިފައިވެއެވެ. ހިތުގައިވި ހުރިހާ ޝައްކާވަހުމެއް ފިލާދިޔައެވެ. އެ ކަހަލަ ކުދިންނަނީ ވެސް މުޖްތަމަޢުގައި އެހެން އެންމެންނެކޭ އެއްގޮތަށް ފުރިހަމަ ޝާމިލްވުން ލިބެން ޖެހޭ ބައެއްކަމަށް އިޒިއަންގެ އާއިލާ ޤަބޫލް ކުރާކަމީ އޭނާއަށް އެމީހުންގެ ތެރޭގައި އުފާވެރިކަމާއެކު އުޅޭވޭނޭކަމުގެ އަލިގަދަ ހެއްކެކެވެ. ކޮންމެ ގޮތެއްވިޔަސް އެ ހިތުގައިވި ބިރުވެރިކަމުން ސަލާމަތްވާން އަނާލް ބޭނުންވިއެވެ. އަނެއްކާ އޭނާ އާހެދި އިޒިއަން ފޫއްސެއް ނުވާނެބާއެވެ. އަނާލް އެކި ގޮތް ގޮތަށް ވިސްނިއެވެ. އެހެންނަމަވެސް އެތައް ދުވަހަކަށްފަހު ހަޔާތުގައި މި ނެގި ފިޔަވަޅު މަތީ ހުރެފައި ފަސް އެނބުރި ބަލާކަށް އަނާލް ބޭނުމެއް ނުވިއެވެ. ކުރިމަތީގައި ފެންނަން ތާޒާ އާރޯ ބަގީޗާ އޮއްވާ ފަސް އެނބުރި އެ އަނދިރިގަނޑައް ދުއްވައިގަންނަން އަނާލް ބޭނުމެއް ނުވިއެވެ.

އެ ހިތުގައިވި ބިރުވެރިކަމާ ކުރިމަތިލާ އެ ކަންތައްތަކުން އަރައިގަންނަން އަނާލް ބޭނުންވިއެވެ. އިޒިއަންއާ އެކު އާހަޔާތެއް ފަށަން އާބަސް ބުނި ކަމުގައި ވިނަމަވެސް އެހިތުގައި އަދިވެސް ބިރުވެރިކަން ވެއެވެ. އެހެންނަމަވެސް އިޒިއަންދެކެ އޭނާވާ ލޯތްބަށްޓަކާ މިހާރު ބޭނުންވަނީ މާޒީ އެކީ ހަނދާން ނައްތާލާފައި ކުރިއަށް ދާށެވެ.

ގެއަށް އަނާލް ގެންދީފައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު އިޒިއަން ދިޔައީ އަނާލް އަށް ގުޅާނަމޭ ބުނަމުންނެވެ.

*****

ހޫނުގަދަ ދުވަހެކެވެ. މަގުތައްމަތިން އާވި އަރަމުންދިޔައެވެ. އަނާލް އާދައިގެ މަތިން އޮފީހަށް ދިޔައެވެ. ކުރަންޖެހޭ އިދާރީ މަސައްކަތް ވެސް ބައިވަރެވެ. އެހެންނަމަވެސް މިއަދު އަދި އިޒިއަން އޮފީހަކަށް ނާދެއެވެ. އާއްމުކޮށް ގަޑި ނުޖެހޭ އިޒިއަން މިއަދު ގަޑީގެ ފަނަރަ މިނިޓް ލަސްވެއްޖެއެވެ. އަނާލްގެ ހިތް ނުތަނަވަސް ވުމާއެކު އޭނާ އިޒިއަންގެ ނަންބަރަށް ގުޅާލިއެވެ. ފޯން ހުންނަނީ ބިޒީ ވެފައެވެ. ދެތިން ހަތަރު ފަހަރު ގުޅުމުން ވެސް އެއްޖަވާބެކެވެ. އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގައިގަނެފިއެވެ. އަތުގައި އޮތް ފައިލަށް ސަމާލުކަން ދެވޭގޮތް ނުވުމާއެކު އޭނަ އެ ފައިލް ލައްޕާލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން އިޒިއަންއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. މިފފަހަރުވެސް ނުގުޅުނެވެ. ހާސްވުމާއެކު އޭނާ އަކްނިޒާއަށް ގުޅަން ވެގެން ނަންބަރު ޖަހާލިއެވެ. އެހެންނަމަވެސް ސިހުނީ ދޮރު ހުޅުވާލާފައި ވަތް އިޒިއަން ފެނުމުންނެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ... ކީއްވެ ފޯން ނުނަގަނީ؟" ހާސްވެ ކަންބޮޑުވެފައި އިން އަނާލްއަށް ފުރަތަމަވެސް ކޮށްލެވުނީ ޝަކުވާއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން އޭނާ އިޒިއަންއާ ދިމާލަށް ގޮނޑި ދުއްވާލިއެވެ. އިޒިއަން އައިސް ގޮނޑީގެ އަތް ގަނޑުގައި ހިފައްޓާލަމުން އިށީނެވެ. އަދި އޭނާ އަނާލްގެ ދެލޮލަށް ބަލާލިއެވެ. ދެން ހިނިތުންވެލިއެވެ.

"ސޮރީ..." މަޑު މައިތިރިކަމާއެކު މާފަށް އެދެމުން އޭނާ އަނާލްގެ ކޯތާފަތުގައި އެ އިނގިލިތައް ބީއްސާލިއެވެ. އެ އަމަލުން އަނާލް ސިހުނުކަން އޭނާގެ ހަރަކާތް ތަކުން އެނގުނެވެ.

އިޒިއަން ތެދުވެ މޭޒާ ދިމާލަށް ހިނގައިގަތެވެ. އޭރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. އޮފީހުގައި އުޅުނު އިރުވެސް އިރުއިރު ކޮޅަކާ އެ އަންނަ ސިއްރު ފޯނަކަށް ޖަވާބުދިނުމަށް އިޒިއަން އަނާލްއާ ދުރަށް ޖެހިލައެވެ. ކޮންމެއަކަސް އިޒިއަންގެ ޢަމަލްތައް މިއަދު އެހެން ދުވަސްތަކާ ވަރަށް ތަފާތުކަން އަނާލްއަށް ފާހަގަ ކުރެވުނެވެ. އިޒިއަން ފޯން ނިންމާލާފައި އައިސް އިށީނުމާއެކު އަނާލް ސުވާލުކޮށްލިއެވެ.

"ކަމެއް ދިމާވީތަ؟" އިޒިއަން އޭނާއަށް ކަމެއް ސިއްރު ކުރަނީހެން ހީވުމާއެކު އަނާލް އަހާލިއެވެ. އެއާއެކު އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ އަނާލްއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"ޓްރަސް މީ ނާލް..." އިޒިއަންގެ އަޑުގައި ވަނީ ސީރިއަސްކަމެވެ. އޭނާއަށް އިތުބާރު ކުރުމަށް އަނާލް ގާތު ބުނަމުން ދިޔައެވެ. އޭނާ ވަނީ ތެދުވެރި ލޯތްބެއްކަން އަންގައިދޭން މަސައްކަތް ކުރިއެވެ.

އާދައިގެ މަތިން އޮފީސް ނިންމާލާފައި އަނާލް ޝާހީންއަށް ގުޅާލިއެވެ. އޭރު ހޮސްޕިޓަލުގައި އެމަރޖެންސީކަމެއް ދިމާވެގެން އުޅުނު ޝާހީންއަށް އާދެވެން ނެތުމުން އަނާލް އުޅުނީ އައްމާރުއަށް ނޫނީ ރަކީންއަށް ގުޅާށެވެ.

"އަހަރެން ގެންގޮސްދެންތަ؟" އަނާލްގެ ފަހަތުގައިހުރި އިޒިއަން ބުނެލިއެވެ. އޭނާހުރީ އަނާލްއާ ކުޑަކަމަކު ވާހަކަ ދައްކަން ވެސް ބޭނުންވެފައެވެ. އެހެންކަމުން އަނާލް އޭނާއާއި އެކު ދާން އެއްބަސް ވެއްޖެނަމަ ދާ މަގުމަތީގައި ވާހަކަ ދައްކަން ވެސް ފަސޭހަވާނެއެވެ.

ކާރަށް އަނާލް އެރުވުމަށްފަހު އޭނާ ވެސް އައިސް އަނެއްފަރާތުން އިށީނެވެ. އަދި އަނާލްއަށް ބަލާލުމަށް ފަހު ކާރު ދުއްވާލިއެވެ.

"ނާލް... މިރޭ އަހަރެންނާއެކު ތަނަކަށް ގޮސްލެވިދާނެތަ؟" އިޒިއަން ސުވާލުކޮށްލިއެވެ. މީގެކުރިން ދުވަހަކުވެސް އިޒިއަން ރޭގަނޑު އޭނާއާ އެކު ތަނަކަށް ދާކަށް ނުވެސް އެދޭނެއެވެ. ދިޔަޔަސް ދާނީ އިޒިއަންމެން ގެއަށެވެ. އެހެންކަމުން މިރޭ އިޒިއަން އެހެން ބުނުމުން ހިސާބެއްގެ ހައިރާންކަމެއް އަނާލްއަށް ލިބިގެން ދިޔައެވެ.

"ކޮންތާކަށް؟" އަނާލް އަހާލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

"ދެމީހުން އެކަނި ވާހަކަ ދައްކާ ހަދާލަން.... ކަންތައްތަކާ މަޝްވަރާ ކޮށްލަން" އިޒިއަން ލާނެއް ގޮތަކަށް ހީގަނެގެން އިނދެ ޖަވާބު ދިނެވެ.

"އިޒިއަން އަހަރެންގެ މަތިން ފޫހިވެއްޖެނަމަ ކިހިނެތް ހަދާނީ" އަނާލް ކުއްލިއަކަށް ބުނެލިއެވެ. ލިބުނު ސިހުމުގައި އިޒިއަންއަށް ކުއްލިއަކަށް ކާރު ހުއްޓާލެވިއްޖެއެވެ.

"ކިހިނެތްވެގެން ތިހެން ތިއެހީ.؟ އަހަރެން ބުނީމެއްނު އަހަރެން ދުވަހަކުވެސް ނާލްދެކެ ފޫއްސެއް ނުވާނޭ! ނާލް އަހަރެން ދޫކޮށްލަންދެން ނާލްގެ ގާތު އަހަރެން ހުންނާނަމޭ ނުބުނަންތަ؟" އިޒިއަންއަށް ބުނެވުނެވެ. އޭނާގެ އަޑުގައި ވޭނީ ރިހުމެއްވިއެވެ. އަނާލް އަދިވެސް އޭނާއަށް އިތުބާރު ނުކުރާހެން ހީވަނީއެވެ.

"އެހެންވެއެއް ނޫން، ކުރިން ކަންތައް...."

"ކުރިން ކަންތައްތައް ވީ އެއީ އަހަރެންނެއް ނޫނެއްނު، މިހާރު މީ އަހަންނެއްނު. ނާލް އަހަރެންނަށް އިތުބާރު ކުރޭ! ޔަޤީންކަން ދެން ދުވަހަކުވެސް ދެރައެއް ނުދޭނެކަމަށް" އިޒިއަން ބުނެލިއެވެ.

"ސޮރީ" އަނާލް ބުނެލިއެވެ.

"އިޓްސް އޯކޭ... އެކަމަކު ދެން އެފަދަ ވާހަކައެއް ނުދައްކާތި އިނގޭ... އޭރުން މާފެއް ނުކުރާނަން!" އިޒިއަން ހީލަމުން ބުނެލިއެވެ. އަނާލް ވެސް އިޒިއަންގެ ހުނުމުގައި ބައިވެރިވިއެވެ. އަނާލްގެއަށް ލާފައި ލަސްނުކޮށް އިޒިއަން ވެސް ދިޔައީ އެވެ.

******

ރޭގަނޑުގެ ވަގުތެވެ. 'ވައިޓް ރޯޒް ވިއު' ގެއަށް ގޮސް ކާރު ހުއްޓާލުމަށްފަހު އިޒިއަން ފޭބިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި ގޭގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާ ވަތްއިރު އަނާލް ދޮރާ ދިމާލަށް އަންނަނީއެވެ. ގާތުގައި މަޒާޔާއާ ދީމް ހުއްޓެވެ. އޭނާގެ ގާތަށް އަނާލް އައުމުން އެ ދެމީހުންނަށްވެސް އިޒިއަން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަދި އަނާލްއާ ދިމާލަށް ބަލާލަމުން އެ ހިނިތުންވުން ފުޅާކޮށްލިއެވެ. އޭނާ އެދުނު ގޮތަށް އަނާލް ލާފައި ހުރީ ރަތް ކުލައިގެ ހެދުމެކެވެ. އެ ހެދުމުގެ މޭމަތީގައި ހުދު މިނާތަކެއް ހަރު ކުރެވިފައި ވާއިރު ރީތި ވިދުމެއް ހުއްޓެވެ. އިސްތަށިގަނޑު އެއްފަރާތަށްވާ ގޮތަށް ދޫކޮށްލާފައިވާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. ތުންފަތުގައި އެހެންނޫނީ ހުންނަ ވަރަށްވުރެ ގަދަ ލިޕްސްޓިކެއް ޖައްސާލާފައި ވުމުން އެ ދޮން މޫނާ ނުހަނު ގުޅެއެވެ. ލޮލުގެ ރަވަމަތީގައި ހިމަކޮށް އަނދުން ރޮނގެއް އަޅާލާފައި ވެއެވެ. އެ ދިގު އެސްފިޔަތަށް ލެނބިފައިވަނީ މަސްކަރާގެ ސަބަބުންކަން ދެނެގަންނަން އުނދަގުލެއް ނުވިއެވެ. އެބޮޑު ދެލޮލުގެ ތެރެއިން ކަޅުކަން ގަދަ ކަޅި ފެންނަނީ ޖާދުވީ ގޮތަކަށެވެ. އިޒިއަން އެވަރަށް ބަލަން ފެށުމުން ލަދުގަހެއްގައި އަތް ޖައްސާލަމުން ލަދުން މޯޅި ވާފަދައަކުން އަނާލްއަށް އިސްޖަހާލެވުނެވެ. އިޒިއަންގެ އެ ބެލުމުން އޭނާ ލަދުގަތީއެވެ.

"އުހުމް... އުހުމް...." ދީމް ކަރުކެހިލިއެވެ. އިޒިއަންއަށް ހަމަބިމަށް އާދެވުނީ ދެނެވެ.

"ދެން ދޭބަލަ، ނާލް ރީތި ދޯ! ހުރިހާ ކްރިޑިޓް އެއް ފޯރ މީ އިނގޭ! ޝުކުރުކުރޭ މިރޭ ނާލް އެހާ ރީތިކޮށްދިނީތީ..." ދީމް އަނގަތަޅުވައިގަތެވެ.

"ދެން ދޭ އަވަހަށް ނާލް ގޮވައިގެން... ޅިޔަނު" ދީމް އެހެން ބުނެލުމަށްފަހު ނިކަން އަވަސްއަވަހަށް މައި ދޮރު ލައްޕާލައިފިއެވެ. އަދި ހީގަތެވެ.

"ފޮނިގަނޑު....." މަޒާޔާ ދީމްގެ ކޮނޑުގައި ޖަހާލަމުން ވާހަކަ ދެއްކިއެވެ. އޭރު ދީމްއާއި މަޒާޔާއަށް ބަލަން ޝަފޫން ތަންކޮޅެއް ދުރުގައި ހުރިތަން އެ ދެމީހުންނަކަށް ވެސް ނުފެނެއެވެ.

ބޭރުގައި ތިބި އަނާލްއާ އިޒިއަން އާއި ދެމީހުންނަށް ވެސް ހީގަނެވުނެވެ. އަނާލް އޭނާއަށް ހާއްސަ ކުރެވިފައި ވާ ދިމާލުން ފޭބިއިރު އިޒިއަން ވެސް ފޭބީ އޭނާގެ ފަހަތުންނެވެ. ކާރާ ހިސާބުން އަނާލް އިޒިއަންއަށް ބަލާލިއެވެ. އަނާލް އެބުނަނީ ކީކޭކަން އެނގުނު އިޒިއަން އަވަސް އަވަހަށް އަނާލްއަށް އެހީތެރިވެދޭން އަވަސްވެގަތެވެ. އިޒިއަންގެ އެހީގައި އަނާލް ކާރަށް އެރުވުމަށްފަހު އިޒިއަން އައިސް އަނެއްފަރާތަށް އަރާ ދުއްވާލައިފިއެވެ.

އިޒިއަން ދިޔައީ ގެސްޓް ހައުސް ވިޔަފާރީގެ ތެރެއިން އެ މީހުންގެ ކުންފުނިން އެޅި އެންމެ ފަހުގެ ހޮޓެލްއަށެވެ. އަނާލްއާ އެކު ގޮސް އޭނާ ލިފްޓް ގާތަށް ހުއްޓިލިއެވެ. އަނާލް ގޮވައިގެން އިޒިއަން މިއައި ތަނަކުން އޭނާގެ ހިތް ނުތަނަވަސް ވިއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ދައުރު ކޮށްގަތެވެ. ބިރުވެރިކަން އެހިތަށް ވެރިވިއެވެ.

"އިޒް! ކީކުރަން މިތަނަށް؟ ހިނގާ ދާން!" އަނާލް ބުނެލިއެވެ. އެއާއެކު އިޒިއަން އަނާލްއަށް ބަލާލިއެވެ. އެމޫނުމަތިން ފެނުނު އަސަރުތައް މާނަކުރަން އަނާލް ނުކުޅެދުނެވެ.

"ހިނގާ ދާން! އަހަރެން އެބަ ވަރަށް ބިރުގަނޭ..." އަނާލް ދެންވެސް އިޒިއަންގެ އަތަށް ދަމާލަމުން ބުނެލިއެވެ. އިޒިއަން އަނާލްއާއި އެއް ހަމައެއްގައި އިށީނެވެ.

"ނާލް! ރިލެކްސް... އަހަރެން ނޫޅެމޭ ނާލްއަށް އެއްވެސް ކަމެއް ކުރާކަށް، އަހަރެންނަށް އިތުބާރު ކުރާށޭ ނުބުނަންތަ؟ ނާލްއަށް އަހަރެންނާ އެކު އެކަނިދާން އުނދަގޫ ވަންޏާ އިތުރުމީހަކު ނޫނީ ދީމް ގެނަޔަސް އެންމެ ރަނގަޅު" މީހަކަށް އިތުބާރު ކުރުމަކީ އަނާލްއަށް ކިހާ އުނދަގޫވާނޭ ކަމެއްކަން އިޒިއަންއަށް އެނގެއެވެ. އޭނާ އަނާލްއަށް ވިސްނައިދޭންބޭނުންވީ ދުވަހަކުވެސް އޭނާ އަނާލްއަށް ގެއްލުމެއް ނުދޭނޭކަމެވެ.

އިޒިއަންގެ ވާހަކަތައް ހުރިގޮތުން އަނާލްއަށް އިޒިއަންއަށް އިތުބާރު ކުރެވުނެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ. އަނާލް ހަމައަކަށް އެޅުމާއެކު އިޒިއަން އަނާލްއާއެކު ލިފްޓަށް އަރާ ޓެރަސްއަށް ދިޔުމަށް އޮބާލިއެވެ.

"ކީކުރަން ޓްރެސް އަށް...." އަނާލްއަށް ބުނެވުނެވެ.

"ކިހިނެތްވީ އަނެއްކާ؟ ނާލް މަތިން ވައްޓާލާފާނެތީ ބިރުގަންނަނީތަ؟ ޑޯންޓް ވޮރީ... އެކަހަލަ ކަމެއް އަހަރެން ނުކުރާނަން އިނގޭ... އެއަށްވުރެ މާ ލޯބިވޭ" އިޒިއަންގެ އެ ސަމާސާއިން އަނާލްއަށް ހީގަނެވުނެވެ.

"ނޫން! އެހެނެއްނޫން... ހީވީ ވަރަށް މީރު އެއްޗެއް ކާންދޭން ތިރީ ރެސްޓޯރެންޓަށް ކަމަށް ގެންނާނީ" އަނާލް ވެސް އެ ސަކަރާތުގައި ބައިވެރިވެލިއެވެ.

"ޑޯންޓް ވޮރީ ނާލް! ބަނޑުހައި ވިއްޔާ މިރޭ ކާންވެސް ދީފާނަން" އިޒިއަން ހަމަ އެސަމާސާ ރާގުގައި ބުނެލިއެވެ. އިޒިއަންގެ އެ ސިފަ އަނާލްއަށް ވަރަށް ކަމުދިޔައެވެ.

ޓެރެސްއަށް ލިފްޓް ހުއްޓުމާއެކު އަނާލް އިޒިއަންއާ އެކު ފޭބިއެވެ. ލިފްޓުން ފައިބާ ޓެރެސްއަށް ނުކުންނަ ދޮރު އިޒިއަން ހުޅުވާލުމާއެކު އަނާލް އެ ދިމާލަށް ގޮނޑި ދުއްވާލީ އިޒިއަން އިޝާރާތް ކޮށްލުމާއެކުގައެވެ. ގޮނޑި ދުއްވަމުން ދިޔަދިމާ ޓައިލްސްތަކު މައްޗަށް އޭނާ ބަލާލިއެވެ. އެއާއެކު އެތަނުގައިވި ފަނޑުއަލިކަމުގެ ތެރެއިން ވެސް ފިނިފެންމަލުގެ ފިޔަތަށް އަނާލްގެ ލޮލުގައި އަޅައިގަތެވެ. އެއްފަރާތުގައި މޭޒެއްބައިންދާފައި ވާއިރު މޭޒު މަތީގައި ވަނީ އުއްބަތިއެއް ޖަހާފައެވެ. އެއާއެކު މޭޒުމަތީގައި ހުރި ފިނިފެންމަލުގެ ފިޔަތަކަށާއި ކާ ތަށިތަކަށް ހިތްގައިމު އޮރެންޖު އައްޔެއް ވެރިވެފައި ވެއެވެ. ކުރިމައްޗަށް ވާގޮތަށް ހިތުގެ ބައްޓަމަށް ފިނިފެންމަލުގެ ފިޔަތަކުން ޖަރީކޮށްފައިވާ ބޯޑެއް ހުރިއިރު އޭގެ ތިރީގައި 'ވިލް ޔޫ މެރީ މީ' ޖަހާފައި އިންތަން ފެނި އަނާލްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާއަށް އަމިއްލަ މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. ފަހަތަށް އެނބުރުއިރު އިޒިއަން އެއް ނުފެނުނެވެ. އޭނާ ވަށައިގެން ހޯދާލިއެވެ.

އެނބުރި ކުރިމައްޗަށް ބަލާލިއިރު އޭނާ ސިހުނީ އެއްހަމައެއްގައި އިށީނދެ އިނދެ އަނާލްއަށް އިޒިއަން ދިއްކޮށްލާފައިވާ އޭނާގެ އަތެވެ.

"ހިފާބަލަ ނާލް" އިޒިއަން ބުނެލިއެވެ. އަނާލް ސީދާ އިޒިއަންގެ ދެލޮލަށް ބަލަން އިނދެ އެ އަތުގައި ހިފިއެވެ. އިޒިއަން އެ އަތަށް ބާރުކޮށްލައިގެން އިނދެ ވާހަކަ ދެއްކިއެވެ.

"މިއުޅެނީ ކޮންމެހެން ނާލްގެ އަތުގަ އަނގޮއްޓިއެއް އަޅުވާކަށް ނޫން އެނގޭ... " އިޒިއަން އެއްލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު އަނާލް އަށް ދެބުމަ އަރުވާލެވުނީ ދެން ކީކުރަން އަހާކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ގިނަ ފިލްމް ތަކުގައިވާ ގޮތަށް އޭނާ ވެސް ހީކުރީ އިޒިއަން އެ އުޅެނީ އެކަހަލަކަމެއް ކުރަން ކަމަށެވެ.

"އަނގޮޓިއެއް އެޅުވުމަށް ވުރެ އަހަރެންނަށް މުހިންމު ނާލްގެ އިތުބާރު، އަހަރެން އަނާލްގެ އަތުގައި ހިފީ ދޫކޮށްލާކަށް ނޫން އިނގޭ... އުމުރު ދުވަހު ތި އަތް މިއަތުގެ ތެރޭގައި ބޭއްވުމަށް.... އަހަރެން ނާލްއަށް ފުރިހަމައަށް ލޯބިދޭން ވައުދުވަން... ކޮންމެ ކަމެއްގައި ނާލްއާއެކު ހުންނާނެ ކަމަށް ވައުދުވަން.... " އިޒިއަން އަނާލް ގެ އަތުގައި އަތްޖައްސާލަމުން އެހެން އިނދެ ބުނެލިއެވެ. އަނާލްގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ.

"ބޭނުންވަނީ އަވަހަށް ކައިވެނި ކުރަން، ލަސްކުރާކަށް ބޭނުމެއް ނޫން. ހާއްސަގޮތެއްގައި އަނާލް ގާތު އަހަން ބޭނުންވީ އެހެންވެ އަހަރެން އެހެން ބުނީ. މި ބުނީ އަނގޮޓީގެ ވާހަކަ އިނގޭ" އިޒިއަން އެއްލޯ މަރާލަމުން ބުނެލިއެވެ. އަނާލް ހިނިތުންވެލިއެވެ. ކަރުނައިގެ ސަބަބުން އޭނާއަށް އިޒިއަން ފެންނަމުން ދިޔައީ ފުސްކޮށެވެ.

އިޒިއަން އެހެން ހުރެފައި އަނާލްއާ އެކު މިސްރާބުޖެހީ މޭޒާ ދިމާލަށެވެ. އަނާލް މޭޒު ކައިރީގައި ބެއިންދުމަށްފަހު އޭނާ އަނާލްއަށް ބަލާލިއެވެ. އަދި ކާއެއްޗެހީގެ މަތި ނެގިއެވެ.

"ޑިނާރ" އިޒިއަން ކާތަށިތަކަށް އިޝާރާތް ކޮށްލިއެވެ. އަނެއްފަރާތުން ގޮސް އަނާލްގެ ކުރިމައްޗަށް ވާގޮތަށް އިށީންނަމުން އޭނާ ތަށި އަނާލްއާއި ގާތަށް ޖައްސާލަމުން ވާހަކަ ދެއްކިއެވެ.

"ސޮރީ މިއަދި ގުޅީމަ ފޯން ނުނެގުނީމަ.... މިކަމާ ބިޒީކަމުން" އިޒިއަން ބުނެލިއެވެ.

"އިޓްސް އޯކޭ" އަނާލް މަޑުމަޑުން ބުނެލިއެވެ. އިޒިއަން ކުއްލިއަކަށް އަނާލްގެ އަތުގައި ހިފައްޓާލިއެވެ. އެއަށްފަހު އޭނާ ޖީބުން މަހުމާ ފޮއްޓެއް ނެގިއެވެ. އަދި އޭގެތޭރޭން ނެގި އަނގޮޓި އޭނާ އަނާލްގެ އިނގިލީގައި އަޅިވާލަދިނެވެ. އެއާއެކު އޭގައިވި އެހުގެ ވިދުން ފަނޑުއަލި ކަމުގެ ތެރެއިން ފެނުނީ ހިތްގައިމު ގޮތަކަށެވެ.

އަނާލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އުފާވެފައިވާވަރު އޭނާގެ މޫނުމަތިން ހާމަވަމުން ދިޔައެވެ. އިޒިއަންއާ އެކު ހަޔާތުގެ ބާކީބައި ވޭތުކުރުމަށް އޭނާ އެނެގި ފިޔަވަޅަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލް ކުރެވުނެވެ. އެރޭ އިޒިއަންއާއި އަނާލްގެއަށް ދިޔައީ އެތަކެއް އަހުދުތަކަކާ ވައުދެއް ވަމުންނެވެ. އެކަކު އަނެކަކަށް އުފާވެރިކަން ހިއްސާކުރަމުންނެވެ. ލޯބީގެ މާ ބަގީޗާއަށް އާރޯކަން ގެނެސްދީ މާތަށް މޯޅިވިޔަ ނުދީ އަބަދަށް އެ ތާޒާ ކަމުގައި ބަހައްޓަން ހުވާކުރަމުންނެވެ.

(ނުނިމޭ...)

https://sun.mv/114591

comment ކޮމެންޓް