ދިވެހި ރާއްޖޭގައި ރަސްމީ ގޮތެއްގައި ރޭވިގެން ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް، ސުވިމް މޯލްޑިވްސް ގެ އިސްނެގުމުގެ މަތިން 'ބ' އަތޮޅުގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
މި ހަރަކާތަކީ ސުވިމް މޯލްޑިވްސް އިސްވެ އޮވެ ޔޫތް މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރީ ގުޅިގެން ފެތުމުގެ ބޮޑު ޢީދެއްގެ ގޮތުގައި ބޭއްވޭ ހަރަކާތެކެވެ. މި ހަބަރު ރަސްމީ ގޮތެއްގައި އިއުލާން ކޮށްފައިވާނީ އިއްޔެ ފަތުރުވެރިކަމުގެ ވުޒާރާގައި ބޭއްވުނު ނޫސް ވެރިންގެ ބައްދަލު ވުމެއްގައެވެ.

ބައޮސްފެއާ ސުވިމިންގް އިވެންޓު އިފްތިތާހު ކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ ވަޒީރު އަލީ ވަހީދު -- ސަން ފޮޓޯ / އަހުމަދު އައުޝަން އިލްޔާސް
ދިގު ފެތުމުގެ ޓުއާއެއް ގޮތުގައި ކުރިއަށް ގެންދެވޭ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އޭދަފުށިންނެވެ. އަދި ނިންމާލާނީ ކެންދޫއިންނެވެ. ނަމަވެސް މި ފެތުމުގެ ދަތުރުގައި ޖުމްލަ 23 ރަށަކަށް ފެތުންތެރިން ދަތުރު ކުރާނެއެވެ.
'ބ' އަތޮޅުގެ މީހުން ދިރި އުޅޭ ރައްތަކާއި ރިސޯޓު ތަކުގެ އިތުރުން ފަޅުރަށްތައް ވެސް ހިމެނިގެން ކުރިއަށް ގެންދާ މި ހަރަކާތް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް ރަށުން އަނެއް ރަށަށް ފަތާފައި ދާ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް 5 ކިލޯ މީޓަރަށް ފެތުން ތެރިން ފަތަން ވަނީ ހަމަ ޖެހިފައެވެ. ހެނދުނު 8:30 ގައި ފަތަން ފަށާ ގޮތަށް މެންދުރު 12 ޖަހަންދެން ފެތުންތެރިން ފަތާނެއެވެ.
މި ހަރަކާތުގައި ރަސްމީކޮށް ބައިވެރި ވާނީ އަށް ފެތުންތެރިންނެވެ. ނަމަވެސް ފެތުމުގައި ޝާމިލް ވާ ރަށްތަކުގެ އާންމުންނަށް ވެސް އެ ރަށުން ޖެހިގެން އަންނަ ރަށަށް ފެތުން ތެރިންނާއި އެކު ފެތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި މޫދު ކުޅިވަރާއި މޫދުގެ ކަންކަން ޕުރޮމޯޓު ކުރުމާއި މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާ ތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ އިތުރުން މޫދު ސާފުކޮށް ބޭއްވުމަށް ބާރު އެޅުމެވެ.

ބައޮސްފެއާ ސުވިމިންގް އިވެންޓު އިފްތިތާހު ކުރުމުގެ ތެރެއިން ސުވިމް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދެއްކެވީ ހުސެން ޝަމީމް -- ސަން ފޮޓޯ / އަހުމަދު އައުޝަން އިލްޔާސް
މި ހަރަކާތް ކުރިއަށްދާ ކޮންމެ ރަށެއްގައިވެސް އޫރިދޫގެ އިސްނެގުމުގެ މަތިން ވޯޓާ ސޭފްޓީ ޕުރޮގުރާމު ތަކެއް ކުރިއަށް ގެންދާނެއެވެ. އަދި ސޮނެވާ އާއި ފޯ ސީޒަންސް ގެ އިސްނެގުމާއި އެކު މޫދު ސާފު ކުރުމާއި ފަތަން ދަސްކޮށް ދިނުމުގެ އިތުރުން މޫދުމަޑިއާ ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތް ތަކެއްވެސް ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ރީތިކަން ދުނިޔެއަށް ފެނި ފެތުމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރު ވެގެން ދިއުމުގެ އިތުރުން އެންވަޔަރަމެންޓު ރައްކާތެރި ކުރުމަށްޓަކާ ރައްޔިތުން ހޭލުންތެރި ވާނެ ކަމަށް ސުވިމް މޯލްޑިވްސް ގެ ފަރާތުން ނޫސްވެރިންނާއި ވާހަކަ ދެއްކެވި ހުސެން ޝަމީމް ވަނީ ވިދާޅުވެފައެވެ.