ވަލްވާޑޭގެ ބަހުގެ ހަމަލާއެއް ގާޑިއޮލާއަށް!

ބާސާގެ ކޯޗު އާނެސްޓޯ ވަލްވަޑޭ އަދި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ -- ފޮޓޯ: ގޯލް

އަޔެކްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގ މެންޗެސްޓަރ ސިޓީއަށް ގެންދެވޭތޯ އެޓީމުގެ ކޯޗު ޕެޕް ގާޑިއޮލާ މަސައްކަތްކުރި ގޮތާ މެދު ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

އުމުރުން 21 އަހަރުގެ ޑަޗް މިޑްފީލްޑަރުގެ ޓްރާންސްފަރ ކަންތަކުގައި ބާސާއާއި އަޔެކްސް ވަނީ، މިދިޔަ ހަފްތާގައި އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން 74.5 މިލިއަން ޕައުންޑުގެ ފީއަކަށް، އަންނަ ޖުލައިމަހު ޑި ޔޮންގ ބާސާއަށް ބަދަލުވުމަށް ވަނީ އެއްބަސްވެފައެވެ.

ޑިޔޮންގ ބާސާއަށް ބަދަލުވުމަށް އެއްބަސްވީ، މެންޗެސްޓަރ ސިޓީގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ވެސް އޭނާއަށް ފާރަލަމުން ދަނިކޮށެވެ.

ބާސާގެ ކުރީގެ ކޯޗު ގާޑިއޮލާއާ މެދު އެޓީމުގެ މިހާރުގެ ކޯޗު ވަލްވާޑޭ ހިތްހަމަ ނުޖެހުނީ، ޑި ޔޮންގ ބާސާއަށް ގެނައުމަށް ހުރިހާ ކަމެއް ނިމިފައި ވަނިކޮށް، ސީދާ ގާޑިއޮލާ އެ ކުޅުންތެރިޔާއަށް ގުޅައިގެން ޓްރާންސްފަރ ވާހަކަ ދެއްކުމުންނެވެ.

ވަލްވާޑޭ ބުނީ، އެހެން ކްލަބެއްގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކަށް އެގޮތަށް ގުޅާފައި ވާހަކަ ދެއްކުމަކީ "ކޯޑް އޮފް ކޮންޑަކްޓް"އާ ޚިލާފުކަމެއް ކަމަށެވެ. ނަމަވެސް އެކި މީހުންގެ ހުންނަނީ އެކި ސިފަ ކަމަށާއި، އެކި މީހުން މިފަދަ ކަންތަކުގައި ގެންގުޅޭ ހަމަތައްވެސް ތަފާތު ކަމަށް ބާސާގެ ކޯޗު ބުންޏެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރއިން ފެށިގެން ގާޑިއޮލާ ދަނީ ރަނގަޅު މިޑްފީލްޑަރަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭރު އޭނާ ފާރަލަމުން ދިޔަ އިޓަލީ މިޑްފީލްޑަރ ޖޯޖީނޯ ވަނީ ސިޓީއަށް ނޫނެކޭ ބުނެ، ޗެލްސީއާ ގުޅިފައެވެ.

comment ކޮމެންޓް