މައުމޫން، ފާރިސް، އަދި ނަދީމަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ފޮނުވާލައިފި

ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ---

ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

މިދިޔަ އަހަރުގެ ފެެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، މަޖިލީސް މެމްބަރުންނަށާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ދައުވާ އުފުލާފަ އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ވަނީ އެ ތިން ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަކަން ސިޓީއަކުން އަންގާފަ އެވެ.

ފާރިސްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާ އިރު އޭނާގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދިޔަ އިރު އެމަނިކުފާނުގެ މައްޗަށް މިދިޔަ އަހަރު ސާބިތުވި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ހައިކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެ މައްސަލައިގައި އެމަނިކުފާނު ޖަލަށް ލާން ހުކުމް ކުރީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށެވެ.

އެ ތިން ބޭފުޅުންގެ ދައުވާގެ އިތުރުން، އެކެއް ފެބްރުއަރީއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ކުރި ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ދައުވާ ވެސް ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތު ދުވަހު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

comment ކޮމެންޓް