އީމެއިލުން ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ދޭން ފަށައިފި

ބަޔޯމެޓްރިކް ދިވެހި ޕާސްޕޯޓުގެ ސާންޕަލެއް. މިހާރު އީމެއިލް މެދުވެރިކޮަށް ޕާސްޕޯޓުގެ ޚިދުމަތަށް އެދެވޭނެ -- ސަން ފައިލް ފޮޓޯ

ރައްޔިތުންނަށް ލުއި ފަސޭހަކޮށް ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމުގެ ހިދުމަތް އިމިގްރޭޝަނުން ދޭން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ އެގޮތަށް އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ހެދުމަށް ހުށަހަޅާ ފަރާތްތަކުގެ ހުރިހާ ޑޮކިއުމެންޓްތައް ހަމަވާ ނަމަ ފައިސާ ދައްކާތާ 48 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ލިބޭނޭ ކަމަށެވެ.

އަދި ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ވަޑައިގަންނަވާއިރު ވެރިފަރާތް ނުވަތަ ވެރިފަރާތުން ކަނޑައަޅާ ފަރާތެއް ކަން އެނގޭނެ ލިއުމެއް ގެންނެވުމަށް އިމިގްރޭޝަނުން އެދެއެވެ.

އިމިގްރޭޝަނުން ބުނީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު ހެއްދުމަށް ލިޔުންތައް ހުށަހަޅަންޖެހޭނީ އެ މުއައްސަސާގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށެވެ. އަދި ބުނީ އީމެއިލް ފޮނުވާއިރު އީމެއިލްގެ ސަބްޖެކްޓުގައި ވެރިފަރާތުގެ ފުރިހަމަނަން، އައި.ޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރު އޮންނަންވާނެ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީއާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީއާއި ޕާސްޕޯޓް ސައިޒްގެ، އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އޮންލައިންކޮށް ޕާސްޕޯޓަށް އެދުމުގެ ފުރުސަތު ހުޅުވާލިއިރު، އިމިގްރޭޝަނާ މުއާމަލާތް ކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމްކޮށް އަންނަ މަހުގެ 25 އިން ފެށިގެން އިމިގްރޭޝަނުގައި ކޯލް ސެންޓަރެއް ގާއިމުކުރަންވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް