ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑުކުރީ އެފްއޭއެމްގެ އިސްވެރިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދާތީ ބަދަލުހިފުމުގެ ގޮތުން ކަމަށް އެ ކްލަބުން ބުނެފިއެވެ.
އެފްއޭއެމް އިން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް ނިއުރޭޑިއަންޓް ސަސްޕެންޑުކުރީ މިއަދުއެވެ.
އެ ކްލަބް ސަސްޕެންޑު ކުރީ މިދިޔަ އަހަރުގެ ސީޒަނުގައި 10 ކުޅުންތެރިއަކަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަަ ދީފައި ނުވާ ކަމަށް ބުނެ އެ ފައިސާތައް ހައްގުވެރިންނަށް ދީ ޚަލާސް ކުރުމާ ހަމައަށް ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
އެފްއޭއެމް އަށް ރައްދު ދީ ބަޔާނެއް ނިއުރޭޑިއަންޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމް އިން ނިންމި ނިންމުމަކީ ތާކުން ތާކުން ނުޖެހޭ ހަރުކަށި، ނިންމުމެއް ކަމަށެވެ. އަދި އެ ކުލަބެކޭ އެއްފަދައިން އެހެން ކުލަބު ތަކަށް ވެސް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން އެ ކުލަބު ތަކުން ވެސް ކުޅުންތެރިންގެ މުސާރަ ނުދީ އެބަހުރި ކަން ނިއު އިން ވަނީ ފާހަގަ ކޮށްފައެވެ.
ކަން މިހެން އޮތުމާ އެކު އެއްވެސް އިންޒާރެއް ދިނުމެއްނެތި ހަމައެކަނި ނިއު އަށް އަދަބު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުލަބުން ބުންޏެވެ.
ނިއު އިން ބުނީ އެ މައްސަލަ އަކީ ޒާތީ ކަމެއް ކަމަށާއި އެފްއޭއެމް އިން މިއަދު ކަންތައް ކުރަމުން ދާ ގޮތާމެދު ހިތާމަކުރާ ކަމަށެވެ. އަދި ނިއުއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ނޫސް ބަޔާން pic.twitter.com/dDX729nY0G
— New Radiant SC (@nrsc_mv) January 26, 2019
ކޮންމެ އަހަރަކު ވެސް ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް ކުލަބު ތަކަށް އެހީ ދެމުން އަންނަ ކަމަށް އެފްއޭއެމް އިން ބުނެފައި ވީ ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން އެެފްއޭއެމް އިން އެކުލަބަށް ދޭންޖެހޭ ފައިސާ ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށްޓަކައި ކުލަބުތައް މެދުވެރި ވެގެން އެކްސްޓްރާ އޯޑީނަރީ ކޮންގުރެސް އެއް ބޭއްވުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގެ އަޑީގައި ލީޑު ކުރަމުން ދަނީ ނިއުރޭޑިއަންޓު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.