މާކުރަތުގައި ހިންގި ވައްކަމާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފި: އެކަކު ހައްޔަރު ކުރީ ފަޅު ރަށަކުން

ރ. މާކުރަތު --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ރ. މާކުރަތު ސިއްހީ މަރުކަޒާއި، ކޯޓާއި ކައުންސިލު ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފި އެވެ.

އެ ވައްކަމާ ގުޅިގެން މިއަދު ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ 21 އަހަރުގެ ދެ މީހުންނާއި 19 އަހަރުގެ މީހެއްގެ އިތުރުން 62 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން 62 އަހަރުގެ މީހާ އަކީ ކައުންސިލުގެ އިދާރާގެ ސެކިއުރިޓީ ގާޑެވެ.

ރ. މާކުރަތު ސިއްހީ މަރުކަޒު ---

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ފަހުން ހައްޔަރު ކުރީ، 38 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރު ކުރީ ރ. ދޮންގަލި ކިޔާ ފަޅުރަށަކުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އަދި 34 އަހަރުގެ މީހާ ހައްޔަރު ކުރީ ރ. އިނގުރައިދޫ ބޭރުގައި އޮތް ދޯންޏަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މާކުރަތުގައި ބުރާސްފަތު ދުވަހުގެ ރޭ ތިން ތިޖޫރި ފަޅާލި އިރު އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައި ވަނީ ކައުންސިލް އިދާރާގެ ތިޖޫރީންނެވެ. އެ ތިޖޫރީގައި ހުރި 83،000 އަށް ވުރެ ގިނަ ރުފިޔާ އެއްކޮށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ސިއްހީ މަރުކަޒުން 16،000 ގެންގޮސްފައިވާ އިރު ކޯޓުން 3000 ރުފިޔާ ގެންގޮސްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް