މާކުރަތުގައި ބޮޑު ވައްކަމެއް: ކައުންސިލު، ކޯޓު، ސިއްހީ މަރުކަޒު ފަޅާލައިފި

ރ. މާކުރަތު ސިއްހީ މަރުކަޒު ---

ރ. މާކުރަތު ކައުންސިލާއި، ސިއްހީ މަރުކަޒާއި، ކޯޓު ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

މާކުރަތު ކައުންސިލުގެ ރައީސް ހަސަން އަލީ ވަނީ "ސަން"އާ ވާހަަކަ ދައްކަމުން މާކުރަތު ކައުންސިލާއި، ސިއްހީ މަރުކަޒާއި ކޯޓު މި ތިން ތަނުގެ ތިޖޫރީ ވަގަށް ގެންދިޔަ ކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރި ހަބަރު ދޮގުކޮށްފައެވެ. ނަމަވެސް، އެ ތިންތަން ވެސް ފަޅާލާފައިވާ ކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ތިން އޮފީސްވެސް ހުންނަނީ ވަރަށް ކައިރި ކައިރީގައި ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަގަށް ގެންގޮފައި ވަނީ ސިއްހީ މަރުކަޒުގެ ތިޖޫރީ އެކަަނި ކަމަށެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ، ސިއްހީ މަރުކަޒުގެ ތިޖޫރީގައި އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް އެ މަރުކަޒުގެ މެނޭޖަރު ވިދާޅުވި ކަމަށެވެ.

ރ. މާކުރަތު ސިއްހީ މަރުކަޒު ގެ ކުޑަދޮރު: ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެފައި ވަނީ ކުޑަދޮރުން ---

ހަސަން އަލީ ވިދާޅުވީ، ތިޖޫރީގައި ފައިސާ ނެތް ނަމަވެސް، ސިއްހީ މަރުކަޒުގައި ބަހައްޓާފައި ހުރި އެހެނިގެން ފައިސާގެ ތެރެއިން ގާތްގަނޑަކަށް 15،000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ކައުންސިލުގެ އިދާރާގެ ތެރެއަށް ވަދެފައި ވަނީ ކުޑަދޮރެއް ފަޅާލައިގެން ކަމަށެވެ. އަދި އެ އިދާރާގެ ތިޖޫރީ ފަޅާލުމަށް ފަހު ގާތްގަނޑަކަށް 40،000 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުގެ އިދާރާގެ ފަޅާލާފައި ވަނީ ވެސް ސީދާ އަޅުގަނޑު އިންނަ ކެބިން. އެ ކެބިން ތެރޭގައި ތިޖޫރީ ހުންނާނީ. ތިޖޫރީގައި ހުންނާނެ ޔަގީނުން ވެސް 40،000 އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ،"

ރ. މާކުރަތު ކައުންސިލުގެ އިދާރާގެ ކުޑަދޮރެއް: ކައުންސިލުން ފައިސާ ވަގަށް ގެންގޮސްފައި ވަނީ އެ ކުޑަދޮރުން ވަދެގެން ---

ހަސަން އަލީ ވިދާޅުވީ، އެ ރަށު ކޯޓުވެސް ފަޅާލާފައިވާ ނަމަވެސް އަދި ވަގަށް ގެންދިޔަ ފައިސާގެ އަދަދު ނޭނގޭ ކަމަށެވެ. އަދި ކޯޓުގެ ތިޖޫރީ ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކޯޓުން ވަގަށް ނަގާފައިވާ ފައިސާގެ އަދަދު މެންދުރު ފަހުން އެނގޭނެ ކަމަށެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ހަސަން އަލީ ވިދާޅުވި އެވެ. ނަމަވެސް، އެކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް