ފާރިސްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އަނބުރާ ގެންގޮސްފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު --- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް، 42 މެމްބަރެއްގެ ސޮއި ހޯދުމުގެ ގޮތުން ބައެއް މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވައި، ގާނޫނާ ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމައި، ދައުވާ އަނބުރާ ގެންގޮސްފައިވާކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުރާސްފަތި ދުވަހު ވަނީ ފާރިސްއަށް އަންގާފައެވެ.

އެ ދައުވާ އަނބުރާ ފޮނުވާލާފައިވާ އިރު ރައީސް ޔާމިންގެ ވެރިކަމުގައި ފާރިސްގެ ރިޝްވަުތުގެ މައްސަލަ ވަނީ ކްރިމިނަލް ކޯޓުގައި ބަލައި ޝަރީއަތާ ހަމައަށްވެސް ގެންގޮސްފައެވެ. އަދި އެ މައްސަލައިގައި ހެކިބަސްވެސް ނަގާފައިވެއެވެ.

ރިޝްވަތުގެ ދައުވާގެ އިތުރުން، ފާރިސްގެ މައްޗަށް ދެން ކުރީ ޝަހްޝު އޮޅުވާލުމުގެ ދައުވާ އެވެ. އެ ކުށް ފާރިސްގެ މައްޗަށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބަށް ފަހު 2018 އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލު ކޮށްފައެވެ.

comment ކޮމެންޓް