ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ބަލައިގަންނަން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
ފަރެސްމާތޮޑާ ދާއިރާގައި ވާދަ ކުރި ކެންޑިޑޭޓުންތަކެއް ހުށަހެޅި މައްސަލަތަކާ ގުޅިގެން ޕްރައިމަރީގެ ޝަކުވާ ކޮމިޓީން ނިންމާފައިވަނީ، އެ ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުޙުﷲ އަޙްމަދުގެ ކެންޑިޑަސީ ބާޠިލު ކުރާނީތޯ ނުވަތަ ވޯޓު އަލުން ނެގާނީތޯ ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށެވެ.
އެހެން ނަމަވެސް، މިއަދު ޕްރައިމަރީގެ ނަތީޖާ ބަލައިގަންނަން އެ ޕާޓީން ނިންމާފައިވާ ކަމަށް އެމްޑީޕީގެ އޮފިޝަލަކު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ޕްރައިމަރީ އޮތް ދުވަހު 48 ފަރާތަކުން ގދ.ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކިކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، ޢަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުންކަމުގައިވާ ޙަމްދޫން ޢަބްދުﷲ އާއި ފަރީޝާ ޢަބްދުﷲވެސް މި މައްސަލައާއި އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާއެކު ވަނީ ހުށަހަޅާފަ އެވެ.
ވޯޓުގެ ކުރީ ދުވަހު، ރަތަފަންދޫގެ ގޭބިސީތަކަށް ލާރި ބަހައި ވަކި ކެނޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރި ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ބައެއް ފަރާތްތަކުން ވޯޓު ކަރުދާހުގައި ފާހަގަލުމަށްފަހު އެހެން މީހުންނަށް ކަރުދާސް ދެއްކި ކަމަށް ބުނާ ޝަކުވާއަކާއި ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި ދެމީހެއްގެ ވޯޓުގައި އެކަކުފާހަގަ ޖެހުމުގެ މައްސަލަވެސް ފަރެސްމާތޮޑާ ދާއިރާގެ އިންތިހާބާއި ގުޅިގެން ހުށަހަޅާފައިވާކަމަށް އެމްޑީޕީ އިން ބުންޏެެވެ.