ޕީއެންސީ އުފައްދަން ހުރަހެއް ނާޅަން: އިލެކްޝަންސް

އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި ޕާޓީ ހަދަން އެއްވެސް ހުރަހެއް ނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮންގްރެސް ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 4،000 ފޯމުގެ ތެރެއިން ސައްހަ ނޫން ގިނަ ފޯމުތަކެއް ހުރުމުން އަލުން ފޯމު ހުށަހަޅަން ފުރުސަތު ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެ ބޭފުޅުންގެ ޕާޓީ ރެޖިސްޓްރީކޮށް ނުދީ ލަސްކުރަނީ "ޒާތީ ކަމެއް އޮތުމުން" ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހިންގަނީ ޖަރީމާއެއް ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ ޖަރީމާ ހިންގާ ތަނެއް ނޫން ކަމަށެވެ.

"ކޮމިޝަނުން މަސައްކަތް ކުރާނީ ޕާޓީތަކުގެ މެމްބަރުންގެ ހައްގުތައް ކަށަވަރު ކުރުމަށް. އަދި ޕާޓީތައް އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދޭން. ޕާޓީ އުފައްދަން ހުށަހަޅާ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ޖަރީމާ ހިންގުންކަމަށް ކޮމިޝަނުން ގަބޫލެއް ނުކުރަން،" ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ކޮންގްރެސް ޕާޓީ އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިހާރުވެސް އެ ޕާޓީ އުފައްދަން ހުށަހެޅި ފޯމުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕީއެންސީއިން އެންމެ ފުރަތަމަ 4،000 ފޯމު ރެޖިސްޓްރީ ކުރަން ހުށަހެޅި އެވެ. އޭގެ ތެރެއިން ސައްހަވީ 1،950 ފޯމު ކަން "ސަން" އަށް ވަނީ އެނގިފައެވެ. އެހެންވެ 3،000 ފޯމު ހަމަކުރަން އަލުން ވަނީ ފޯމު ހުށަހަޅައިފައެވެ.

އަބްދުއްރަހީމް ތުހުމަތު ކުރައްވާ ގޮތުން އަލަށް ޕާޓީ އުފައްދަވަން ހުށަހެޅި އެހެން ޕާޓީތަކާއި ކޮންގްރެސް ޕާޓީއާ އިލެކްޝަންސް ކޮމިޝަނުން ދަނީ ތަފާތު ކުރަމުންނެވެ. އެގޮތުން އެހެން ޕާޓީތަކުގެ ފޯމު ތިން ދުވަސް ތެރޭ ޕްރޮސެސްކޮށް ނިންމާ ރެޖިސްޓްރީ ކޮށްދިން އިރު އެ ބޭފުޅުން ހުށަހެޅި ކޮންމެ ފޯމެއް ވަކި ވަކިން ޔަގީންކުރަނީ ޒާތީވުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް