ވޮކޭޝަނަލް ޓްރެއިނިން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ހުޅުވާލަނީ

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު (ކ) ވާހަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ވޮކޭޝަނަލް ޓްރެއިނިން ނުވަތަ މިހާރުގެ ނަމުންނަަމަ ބީޓެކް (ދަސްވާރު) ޕްރޮގްރާމް ރައްޖޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ވޮކޭޝަނަލް ޓްރެއިނިންއަކީ ވަކި ކުދި ބަޔަކަށް ލިބެން ޖެހޭ ތައުލީމެއް ނޫން ކަމަށެވެ. އެގޮތުން ހުރިހާ ދަރިވަރުންނަށްވެސް ވަށާޖެހޭ ތައުލީމެއް މިހާރު ފޯރުކޮށްދޭނެކަމަށެވެ.

" އެނގިވަޑައިގެންނަވާނެ ދަސްވާރަކީ ގްރޭޑް 9 އެއްގެ ދަރިވަރުން ފާސްނުވެ، ގްރޭޑް 10 ގައި މަޖުބޫރު މާއްދާތައް ހެދުމަށްފަހުގައި ކިޔަވާ މާއްދާތަކެއް. މިކަމުގެ ސަބަބުން އެބަދޭ ނެގެޓިވްކޮށް ލޭބަލް ކުރެވިގެން އެއީ ދަސްވާރަކީ ދަށްކުދިން ހަދާ އެއްޗެކޭ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުނަރުވެރި މަސައްކަތްތަކަކީ އަޅުގަނޑުމެން އެއަށް އިހްތިރާމްކުރަން ޖެހޭ މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތްތައް ހުރިހާ ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

" އާ ކަރިކިއުލަމްގެ ތަސައްވުރަކީވެސް ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން. އެވްރީ ޗައިލްޑް އިޒް ޕްރިޕެއާޑް ފޯ ލައިފް. ބީޓެކް ވެސް ދަސްވާރުވެސް އަޅުގަނޑުމެން އެކަމާ ދޭތެރޭ ރީ ކޮންސިޑާކުރުމަށްފަހު ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކުރިއަށްގެންދާނީ." ޑރ. އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޮކޭޝަނަލް ޓްރެއިނިން ދޭއިރު އެންމެ ބޮޑަށް އިސްކަންދޭނީ އެރަށެއްގެ މާހައުލާ ގުޅޭ ގޮތުން ޓްރެއިނިންތައް ދިނުމަށް ކަމަށެވެ. އެގޮތުން ބ. ތުޅާދޫގައި ނަމަ ލިޔެލާ ޖެހުން ފަދަ ޓްރެއިނިން އަދި މަސްވެރި ރަށްރަށުގައި މަސްވެރިކަމުގެ ދާއިރާއިން ޓްރެއިނިން ދިނުމަށް އިސްކަންދޭނެ ކަމަށެވެ.

ތަފާތު ތަމްރީނުތަކާއި ވަޒީފާގެ ތަޖުރިބާ ކުރަން ފުރުސަތު ދިނުމުގެ މަގްސަދުގައި ހަތަރުވަނަ ސްޓްރީމެއްގެ ގޮތުގައި ބީޓެކް ދަސްވާރު ޕްރޮގްރާމް ރާއްޖޭގެ ސްކޫލުތަކަށް ތައާރަފްކުރީ 2014 ވަނަ އަހަރުއެވެ. އެ ޕްރޮގްރާމް ފެށިފަހުން ވަރަށް ގިނަ ފާޑު ކިޔުންތަކެއްވެސް އަމާޒުވިއެވެ. އެހެންނަަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އެއީ ހެޔޮ ބަދަލެއް ކަަމަށެވެ. އެގޮތުން 2016 ވަނަ އަހަރު ބީޓެކް ނިންމި ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކު ގަދަ ދިހައެއްގައިވެސް ހިމެެނުނެވެެ.

comment ކޮމެންޓް