މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ފަރެސްމާތޮޑާ ދާއިރާގެ ނަތީޖާ އާމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީ އިން ބުނީ ފަރެސްމާތޮޑާގެ ދާއިރާގެ ވޯޓުފޮށިތަކުގެ ޝަކުވާ ތަކުރާރުކޮށް ކެންޑިޑޭޓުން ކުރަމުންދާތީ، މި މައްސަލަތަކަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށް، ޕާޓީގެ ޗެއާޕާސަނަށް ހުށަހެޅުމަށް އެމްޑީޕީ މަޖިލިސް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ހުކުރު ދުވަހު، 48 ފަރާތަކުން ގދ.ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކިކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، ޢަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުންކަމުގައިވާ ޙަމްދޫން ޢަބްދުﷲ އާއި ފަރީޝާ ޢަބްދުﷲވެސް މި މައްސަލައާއި އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާއެކު ހުށަހަޅާފައިވާކަމަށް އެ ޕާޓީ އިން ބުންޏެވެ.
ވޯޓުގެ ކުރީ ދުވަހު، ރަތަފަންދޫގެ ގޭބިސީތަކަށް ލާރި ބަހައި ވަކި ކެނޑިޑޭޓަކު ހޮވުމަށް މަސައްކަތް ކުރި ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.
"މި ކަންކަން މިހެން ހުރުމުން، ޝަކުވާ ކޮމިޓީން ނިންމާފައިވަނީ، މި މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުޙުﷲ އަޙްމަދުގެ ކެންޑިޑަސީ ބާޠިލު ކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް، ހުށަހެޅުމަށެވެ." އެ ޕާޓީ އިން ނެރުނު ޝަކުވާ ނިންމި ގޮތުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައިވާގޮތުން ބައެއް ފަރާތްތަކުން ވޯޓު ކަރުދާހުގައި ފާހަގަލުމަށްފަހު އެހެން މީހުންނަށް ކަރުދާސް ދެއްކި ކަމަށް ބުނާ ޝަކުވާއަކާއި ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި ދެމީހެއްގެ ވޯޓުގައި އެކަކުފާހަގަ ޖެހުމުގެ މައްސަލަވެސް ފަރެސްމާތޮޑާ ދާއިރާގެ އިންތިހާބާއި ގުޅިގެން ހުށަހަޅާފައިވާކަމަށް އެމްޑީޕީ އިން ބުންޏެެވެ.
އެމްޑީޕީ އިން ބުނެފައިވަނީ ޕްރައިމަރީއާ ގުޅޭ އަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ދާއިރާގެ ފޮށިތައް އަލުން ގުނައި އަދި އެއް ދާއިރާއެއްގެ މައްސަލަ އިތުރަށް ބެލުމަށް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމެޓީން ނިންމައިފައިވާ ކަމަށް އެ ޕާޓީ އިން ވަނީ ބުނެފައެވެ.