ޕްލާސްޓިކާ ދެކޮޅަށް ދުވުމެއް ބާއްވަނީ

ކުނި ގިނަވުން: މަގުތަކަށް ކުނިއަޅާ މައްސަލަ ފަހަކަށް އައިސް ވަނީ އިތުރުވެފައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ޒީރޯ ޕްލާސްޓިކް"ގެ ނަމުގައި އިންސައިޓް ކޮންސަލްޓެންސީ ސާވިސް (އައިސީއެސް)އިން ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އައިސީއެސްއިން ބުނީ "ދަ ކްލީނިން ކުއެސްޓް"އާ ގުޅިގެން ބާއްވާ މި ދުވުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގައި ކަމަށެވެ.

ދުވުން އިންތިޒާމްކުރާ ފަރާތުން ބުނީ ހިނގާފައިވެސް ފަސް ކިލޯމީޓަރު ފުރިހަމަކުރެވޭނެ ކަމަށާއި ދުވުމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް ޕްލާސްޓިކް ނޫން ކޮތަޅެއް ދޭނެކަމަށެވެ.

"މިކޮޅުން ދޭނެ ކޮތަޅެއް. ދުވަން މިޖެހެނީ ފަސް ކިލޯމީޓަރަށް. ދުވަމުން/ހިނގަމުން ދާއިރު މަގުމަތިން ފެންނަ ޕްލާސްޓިކްތައް ނަގައި ކޮތަޅަށް އަޅަމުން ދުވުން ނިންމަންޖެހޭނީ،"

ހުޅުމާލޭގައި ބާއްވާ މި ދުވުމުގައި ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

އައިސީއެސްއިން ބުނީ މި ދުވުން ބާއްވަން ނިންމި މައިގަނޑު ސަބަބަކީ މީހުން ހޭލުންތެރިކުރުވަންކަމަށެވެ.

ދުވުމަށްފަހު އާންމުން ހޭލުންތެރިކުރުމަށް ބާއްވާ ހާއްސަ ޕްރޮގްރާމެއް ވެސް އޮންނާނެކަމަށާއި ދުވަމުން ދާއިރު ލައިވް ޑީޖޭވެސް ކުރިއަށްދާނެ ކަމަށް ދުވުން އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

އައިސީއެސްއިން ބުނީ ދުވުމުގައި ބައިވެރިވުމަށް ކުންފުނިތަކަށްވެސް ހުޅުވާލާފައިވާ ކަމަށެވެ.

"ޒީރޯ ޕްލާސްޓިކް"ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓް އިން ރެޖިސްޓާ ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް