މަޖިލީހަށް ކުރިމަތިލައްވާތީ ސާލިމް އެސްޓީއޯގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގައި ހުސައިން ސާލިމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނ. ހޮޅުދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާތީ އެމްޑީއޭގެ ކައުންސިލް މެމްބަރު ހުސެެއިން ސާލިމް މުހައްމަދު އެސްޓީއޯގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އެސްޓީއޯގެ ޗެއާމަން ކަމުން އިސްތިއުފާ ދެއްވައި މިއަދު ނެރުއްވި ބަޔާނެއްގައި ސާލިމް ވިދާޅުވީ، އިސްތިއުފާ ދެއްވީ އެ ކުންފުނީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހުގައި ވާދަ ކުރެއްވުމަކީ ސުލޫކީ ގޮތުން އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކިވަޑައިނުގަންނަވާތީ އާއި ކުންފުނީގެ މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ދެވޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

ސާލިމް އަކީ ސަން ކޮންސްޓްރަކްޝަން އެންޑް އެންޖިނިއަރިންގް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ 1997 ވަނަ އަހަރު ކޮންސްޓްރަކްޝަން ދާއިރާއަށް ވެދެވަޑައިގަތީ ދ. މީދުއްފުށީގައި ވިލުރީފް ރިސޯޓު ހަދަމުން ދިޔަ އިރު، އެތަނުގެ ސައިޓް ސުޕަވައިޒަރެއްގެ ގޮތުގަ އެވެ.

ސާލިމް މީގެ ކުރީން ވަނީ ދިވެހި އަސްކަރިއްޔާއަށް ވެސް ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ފަހުން ޑައިވިންގް އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ހޮޅުދޫ ދާއިރާއަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން ސާލިމް މީގެ ކުރީން "ސަން"އަށް ވިދާޅުވެފައި ވަނީ، ފުރަތަމަ ކިޔަވައި ވިދާޅުވީ ހޮޅުދޫގެ މޭނާ ސްކޫލުން ކަމަށާއި އެހެން ކަމުން ތައުލީމަކީ ހަޔާތުގެ އެންމެ ފުރަތަމަ ބިންގާ ކަމަށް ވުމުން، އެ ބިންގަލުގެ އަސްލު ކަމުގައިވާ ހޮޅުދޫ ހިމެނޭ ދާއިރާއަށް ޚިދުމަތްކޮށްދެއްވަން ބޭނުންފުޅުވީ ކަމަށެވެ.

comment ކޮމެންޓް