ބަދަލު ކުޅުންތެރިއެއް ގޮތުގައި އަރައި މެސީ ބާސެލޯނާ މޮޅުކޮށްދީފި

ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒް ގޯލު ޖެހުމަށް ފަހު -- ފޮޓޯ / ރަޔާން ބެންސަން

ބާސެލޯނާއާއި ލެގަނެސް ރޭ ބައްދަލު ކުރި މެޗު އެއްވަރު ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ ލިއޮނެލް މެސީ އޭނަގެ ޓީމު މޮޅުކޮށްދީފިއެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ކޯޗު އާނެސްޓޯ ވާލްވާރޑޭ އެ ޓީމުގެ ކެޕްޓަން މެސީ އަށް ފުރަތަމަ 11 އިން ޖާގަ ދީފައެއް ނުވެއެވެ. މެސީގެ ބަދަލުގައި އެތަން ފޫ ބެއްދުމައްޓަކާ ކުޅެން ނުކުތީ އުމުރުން 21 އަހަރުގެ އުސްމާން ޑެމްބެލޭއެވެ. އޭނާ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވީ 1-3 ގެ ނަތީޖާ އަކުން އެވެ.

ބާސެލޯނާއިން ލެގަނޭސް ކޮޅަށް ގޯލު ޖެހުމަށްފަހު -- ފޮޓޯ / ބީބީސީ ސްޕޯޓްސް

މެޗު ފެށުމާ އެކު ބާސެލޯނާ އިން ލެގަނޭސްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ބާސާއިން ހަމަލާ އަކަށް ފަހު ހަމަލާއެއް އުފައްދަމުން ދިޔަ އިރު، ލެގަނެސްއަށް އޮތީ އޮބި ނޯވެފައެވެ. މި ޕްރެޝަރުގައި ލެގަނެސް އޮއްވައި މެޗުގެ 31 ވަނަ މިނަޓުގައި ބާސެލޯނާއިން ލެގަނެސް ގެ ގޯލު ފޫ އަޅުވާލިއެވެ.

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ދެ ކުޅުންތެރިން ކައިރިން ބީޓު ކުރުމަށް ފަހު ފެށި ހަމަލާއެއް ވާތް ފަޅިން ކުޅެމުން ދިޔަ އަލްބާ އަށް ދިނުމުން އޭނަ ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އުސްމާން ޑެމްބަލޭއެވެ.

މި ގޯލަށް ފަހު ވެސް ބާސާއަށް ގޯލު ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބިފައި ވެއެވެ. ނަމަވެސް ފުރުސަތު ތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ލެގަނޭސް އިން ވަނީ އެމީހުންނަށް ލިބުނު ފުރުސަތަކުން ގޯލް ޖަހާފައެވެ. މި ގޯލް އެ ޓީމަށް ޖަހައިދިނީ 57 މިނަޓުގައި މާޓިން ބުރެތް ވެއިޓްއެވެ. މި ދަނޑިވަޅުގައި ބާސެލޯނާގެ ފުރަތަމަ ގޯލް ޖަހައި، މޮޅު ކުޅުމެއް ދައްކަމުން ދިޔަ ޑެމްބަލޭ އަށް އަނިޔާވެ އިތުރު ދަތި ތަކެއް އެ ޓީމަށް ކުރިމަތިވިއެވެ. ނަމަވެސް ބަދަލުގައި ލިއޮނެލް މެސީ ކުޅެން ނުކުމެ މެޗުގެ އޮއެވަރު މުޅިން ބަދަލު ކޮށްލިއެވެ.

މެސީ ކުޅެން އަރައި، މާ ގިނައިރުތަކެއް ނުވަނީސް ތަފާތ ދައްކަން ފެށިއެވެ. އެގޮތުން އޭރިއާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލައި، ކީޕަރު އަތުގައި ޖެހި ނުކުތް ބޯޅަ ސުއަރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ އިތުރުން މެޗު ނިމެން ދަނިކޮށް އިތުރު ގޯލެއް މެސީ ވަނީ ޖަހައި، ބާސެލޯނާއަށް މޮޅު ކަށަވަރު ކޮށްދީފައެވެ.

މި މޮޅާ އެކު ބާސެލޯނާއަށް ވަނީ 20 މެޗު ކުޅެ 46 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 20 މެޗު ކުޅެ ލިބިފައިވަނީ 41 ޕޮއިންޓެވެ. ރޭގެ މެޗުގައި ބަލިވި ލެގަނޭސް މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައި 22 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް