ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގެ މައްސަލަ އިތުރަށް ނުބެލުމަށް ނިންމައިފި

ޖެނުއަރީ 18، 2019: މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕާޓީ ޕްރައިމެރީ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަ ކުރި ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ އިތުރަށް ނުބެލުމަށް އެމްޑީޕީގެ ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމައިފި އެވެ.

އެ މައްސަލައަކީ ފުވައްމުލަކު ދެކުނު ދާއިރާގެ އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ޝަކުވާ ހުށަހެޅި ފަރާތާއި ދެމެދުގައިވާ ފަރަގަކީ 24 ވޯޓުކަމުގައިވާތީ، އެ ދާއިރާގެ 37 މީހުންގެ ރީރެޖިސްޓްރޭޝަން މައްސަލަ އުޅޭ ކަމަށް ބުނެ ޝަކުވާ ހުށަހެޅި ފަރާތުން ހުށަހެޅި ޝަކުވާ އެކެވެ.

އެ މައްސަލައިގައި ކޮމިޓީން ނިންމީ، ޝަކުވާ ހުށަހެޅި ފަރާތުން، މީގެ ކުރީން ޕާޓީގެ ސަމާލުކަމަށް ގެނެސްފައިވަނީ 18 ނަމުގެ ރީރެޖިސްޓްރޭޝަން މައްސަލަކަމުގައި ވެފައި، އެ 18 މައްސަލަވެސް އެ ފަރާތުން އެދުނުގޮތަށް ޕާޓީން ޙައްލުކޮށްދީފައިވާތީ، އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރިކަމަށް ކުރާ އިލްޒާމް ބަލައިގަނެވެން ނެތްކަމަށެވެ.

އެ މައްސަލަ ނުބެލުމަށް ނިންމާފައިވާ އިރު، ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ހޮޅުދޫ ދާއިރާއާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނުމަށާއި ފުވައްމުލަކު ދެކުނު ދާއިރާގެ މައްސަލަ އިތުރަށް ބެލުމަށް ޝަކުވާ ބަލާ ކޮމިޓީން މީގެ ކުރީން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް