ނަޝީދަށް މަޖިލީހަށް ކުރިމަތި ނުލެވޭ އިސްލާހުގައި ޖޭޕީގެ ދައުރެއް ނެތް: ގާސިމް

މ.ކުރީގެ ރައީސް ނަޝީދާއި ގާސިމް: ގާސިމް ރޭ ވިދާޅުވީ، ނަޝީދަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިސްލާހުގައި ޖުމްހޫރީ ޕާޓީގެ އެއްވެސް ދައުރެއް ނެތް ކަމަށް --- ކުރކ

ރައީސްކަން ކޮށްފައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާ މެމްބަރު އަބްދުއް ލަތީފް މުހައްމަދެވެ.

ރޭ ޖުމްހޫރީ ޕާޓީ މައި އިދާރާ، ކުނޫޒުގައި ބެއްވި ރަސްމިއްޔާތުގައި "ސަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ލަތީފު އެ އިސްލާހު ހުށަހެޅުއްވުމުގައި ޖުމްހޫރީ ޕާޓީގެ ދައުރެއް ނޯންނާނެ ކަމަށެވެ.

"ޖޭޕީ ޕާލިމަންޓަރީ ގުރޫޕުގެ އެއްވެސް ދައުރެއް ނޯންނާނެ [ލަތީފު ހުށަހެއްޅުއްވި އިސްލާހުގައި]،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.

ރޭ ކުނޫޒުގައި ބެއްވި ރަސްމިއްޔާތުގައި ގާސިމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގާސިމް ވިދާޅުވީ، މަޖިލިސް މެމްބަރުންނަކީ ވަރަށް މިނިވަން ބަޔެއް ކަމަށާއި ގާނޫނު އަސާސީގައި ވާގޮތުން މެމްބަރުން ހުށަހަޅާ ހުށަހެޅުމާއި، ދައްކާ ވާހަކައާއި، މެމްބަރުން ކުރައްވާ ކަންތައްތަކާ ގުޅިގެން އެއްވެސް ޝަރީއަތެއްގައި ނުވަތަ އެއްވެސް ތަނެއްގައި އެވެސް ތަހުގީގެއް ނުހިންގޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެފަދަ ހަޑި މުޑުދާރު ކަންތައް ކުރާކަށް ބޭނުމެއް ނުވާނެ. އަޅުގަނޑުމެން ކުރަންޏާ ވަރަށް ސާބިތުކަމާއެކު މިގޮތަށް ހުންނަ ޕޯޑިއަމްއެއްގައި ރީތިކޮށް ބުނެފައި ކުރާނީ. އެއްގޮތަކަށް ވެސް ވަގުން ވައްކަން ކުރާ ގޮތަކަށް އެގޮތަކަށް ނުކުރާނެ،" އެ އިސްލާހު ހުށަހެޅުމުގައި ޖުމްހޫރީ ޕާޓީގެ ދައުރެއް އޮންނާނެތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އަކީ ވަރަށް ފުދިގެން މަސައްކަތްކުރާ ޕާޓީއެއްކަމަށް އިޝާރާތްކޮށް ގާސިމް ވިދާޅުވީ، "ފުރިފަ ހުރި ބައެއް، ގުޑުގުޑެއް ނާޅާނެ،" ކަމަށެވެ.

އެ އިސްލާހަށް ގާސިމް ތާއީދު ކުރައްވާނަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، އޭނާއަކީ މަޖިލީހުގެ ރައީސް ކަމުން އެ ސުވާލަށް ޖަވާބު ދެވެން ނެތް ކަމަށެވެ.

"އަޅުގަނޑަކީ މަޖިލިސްގެ ރައީސް. އެޔަށް ދޭންވީ ޖަވާބު އަރުވައިފިން. އެއީ ގާނޫނު އަސާސީއާ ގާނޫނުގެ ހުދޫދުން ބޭރުގައި ކަމުގައި ވާނަމަ އެއްވެސް ބޭފުޅަކު ބިރުގަންނާނެ ކަމެއް ނެތް. [އެ އިސްލާހު ގަވައިދާ ހިލާފު ނަމަ] އެ ނުހިނގާނެ ރައްޔިތުން މަޖިލިސް އިން،" އެ އިސްލާހަށް ގާސިމް ތާއީދު ކުރައްވާނަންތޯ އެހުމުން އޭނާ ވިދާޅުވިއެވެ.

https://www.sun.mv/113997

އެ އިސްލާހާ ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ލަތީފް އިސްލާހް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާވެސް ނުކޮށް ކަމަށާއި އެ އިސްލާހުގެ ސަބަބުން ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލިދާނެ ފަދަ ކަމަކަށް ވާތީ އެ ބިލް އަނބުރާ ނެންގެވުމަށް ލަތީފަށް ދަންނަވާފައިވާ ކަމަށެވެ.

ލަތީފު އެފަދަ އިސްލާހެއް ހުށަހެޅި އިރު، ރައީސް ނަޝިދު ވަނީ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތި ލުމަށް ނިންމާފައެވެ. އަދި އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީ ޕްރައިމަރީ ކާމިޔާބު ކުރައްވައި ޕާޓީގެ މަޖިލިސް ޓިކެޓް ހޯއްދަވައިފައެވެ.

މިދިޔަ ހުކުރު ދުވަހު ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިސްލާހަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ލަތީފު ހުށަހެޅުއްވި އިސްލާހެއް ކަމަށާއި ޖޭޕީގެ ފަރާތުން އެ އިސްލާހު ނެގުމަށް ބާރުއެޅުއްވުމަށް ގޮވާލައިފައެވެ.

comment ކޮމެންޓް