ޕްރައިމަރީގައި ބައެއް މީހުން އެއްފަހަރަށް ވުރެ ގިނައިން ވޯޓުލި: ނިޒާރު

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ---- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ބޭފުޅުން ހޮވުމަށް ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އިންތިހާބުގައި ބައެއް މީހުން އެއްފަރަހަށް ވުރެ ގިނަ ފަހަރު ވޯޓުލި ކަމުގެ ތުހުމަތު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ކުރައްވައިފި އެވެ.

ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވި ނިޒާރު ވަނީ ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލްއާ ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ.

މިއަދު "ސަން"އާ ވާހަކަ ދައްކަމުން ނިޒާރު ވަނީ ޕްރަމަރީ ކުރިއަށް ގެންދިޔަ ގޮތާ މެދު އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ޕްރައިމަރީ ކުރިއަށް ގެންދިޔައީ ބައެއް މީހުންނަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ވޯޓު ލެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ހުރި ޝުމާރު ނަމްބަރުތައް ތަކުރާރުވެފައި. އަޅުގަނޑުމެން ދިޔައީ އެ ބޭފުޅުން ގޮވި ނަމްބަރުތައް ނޯޓުކޮށްފައި އަޅުގަނޑުމެންގެ އަތުގައި އޮތް ލިސްޓަކުން މައިނަސް ކުރަމުން. ދިޔަ އިރު އިއްތިފާގަކަށް ވެގެން ނުވާނެ ގާތްގަނޑަކަށް 65 ނަމްބަރު އެބަވޭ ތަކުރާރުކޮށް ކިޔާފައި. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަނީ އެމީހުންނަށް ދެފަހަރު ނޫނީ ތިން ފަހަރު ވޯޓު ދެވުނީމަތާ އެމީހުންގެ ނަމްބަރުތައް ތަކުރާރު ވާނީ،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ލިސްޓުގައި ދެފަހަރު ނަމްބަރު އޮތުމަކީ ބައެއް މީހުންނަށް ދެ ފަހަރު ވޯޓުލުމަށް ފަރުސަތު ލިބޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ކަމުން، ވޯޓު ފޮށި ކައިރީގައި ތިބި އޮފިޝަލުންގެ އަތުގައި އޮތް ލިސްޓު ހޯދަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަންވީ ނާކާމިޔާބު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އެހެން ޕާޓީތަކުގެ މީހުން ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީއަށް ސޮއިކޮށް ޕްރައިމަރީގައި ވޯޓުލި ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރައިމަރީ ފެށުމުގެ ކުރިން 865 މެމްބަރުން އެމްޑީޕީގައި މި ދާއިރާގައި ތިބީ. އަލަށް ޕްރައިމަރީއަށް ހުޅުވާލުމަށް ދިން ފުރުސަތުގެ ތެރޭގައި 2200 އަށް އަރާފައި އިނީ. އެހާ ބޮޑު ތަފާތެއް އައިމާ، އަޅުގަނޑު ކަޓުވާލަން ޕީޕީއެމްގެ ތެރެއިން ވަރަށް ގިނަ މީހުން އެއަށް ވަނީ. ދެން އެ ވޯޓުތައް އަޅުގަނޑަށް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެމީހުން ވަރަށް ޖޯޝުގައި ނުކުމެ އަޅުގަނޑާ ދެކޮޅަށް ވޯޓު ދިނީމާ ދެން މި ނަތީޖާތާ ނުކުންނާނީ. ވަރަށް ގަދަކޮށް އެމްޑީޕީގެ މެމްބަރުން ހަމަ އަޅުގަނޑާ އެކު ތިބި. އަޅުގަނޑު ހަމަ ޝުކުރުވެރިވަން،"

އޭނާ ވިދާޅުވީ، ޕާޓީގައި ވަކި މުއްދަތަކަށް ތިބި މެމްބަރުންނަށް ނޫނީ ޕްރައިމަރީގައި ވޯޓު ނުލެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ޕްރައިމަރީ އިންތިހާބު އިންތިޒާމުތަކާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާފަ އެވެ.

"ފެށުނީ ވެސް ލަސްކޮށް. ވޯޓުލުމުގެ އެއްވެސް އިންތިޒާމެއް ނެތި. ވޯޓުލާ މީހުން ކިއު ހަދާލި އިރު ވޯޓު ކަރުދާސް ދޫކުރާނެ މީހެއް ނެތް. އެތާ އެންމެ އޮފިޝަލެއް ހުރީ. ކަރުދާސް ދޫކުރާނެ މީހެއް ނެތް. ވޯޓު ފޮށި ކައިރީގައި ހުންނާނެ މީހެއް ނެތް. ލިސްޓު ބަލާނެ މީހެއް ނެތް. އެއްވެސް ކަމެއްގެ އިންތިޒާމެއް ނެތް،"

އޭނާ ވިދާޅުވީ، އިންތިޒާމު ދަށްވުމުގެ ސަބަބުން، ވޯޓު ފޮށި ކައިރީގައި މީހުން ބައިތިއްބަން ޖެހުނީ ކެންޑިޑޭޓުންގެ ފަރާތުން ކަމަށެވެ. އަދި އެކަމަކީ ވެސް ވޯޓަށް ނުފޫޒު ފޯރަފާނެ ކަމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ލީޑަޝިޕުން ވަކި ބަޔަކަށް ކެމްޕެއިން ކުރި ކަމަށާއި އެއީ ޑިމޮކްރެސީގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"ޕާޓީ ލީޑަރުންގެ ތެރެއިން ވަކި ބަޔަކު ނަގަން އުޅެންޏާމު ޑިމޮކްރެޓިކް ހަމަތަކާ ހިލާފު ކަމެއް އެއީ އެކަން ހިނގަންޏާމުން. އެކަހަލަ މަންޒަރުތަކެއް ފެނިފައިވާ ކަމަށް ވެސް އެންމެންނަށް ވެސް ފެންނާނެ،" ނިޒާރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގެ ކުރީން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް، ޑިމޮކްރެސީގެ ހަމަތަކަށްޓަކައި ޕާޓީގެ އޮފީހާ ދުރަށް ދިޔުމަށް އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްލާމާއިލް (އިބްރާ) ވެސް ވަނީ މީގެ ކުރީން ގޮވާލައްވާފަ އެވެ.

https://sun.mv/112765

ޕްރައިމަރީއާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވި ނަމަވެސް، ނިޒާރު ވިދާޅުވީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އޭނާއާ ވާދަކޮށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނާޒިލްއަށް އޭނާ ތާއީދު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އޭނާ އަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި މަސައްކަތް ކުރައްވާނީ އެމްޑީޕީ ކުރިއަރުވަން ކަމަށެވެ.

ޕްރައިމަރީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި ނިޒާރު ވާހަކަފުޅު ދައްކަވާފައިވާ އިރު ވިލިނގިލީ ދާއިރާއަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވެސް ވަނީ ޕްރައިމަރީއާ މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި ޓްވީޓު ކުރެއްވުމަށް ފަހު އެ ޓްވީޓު ޑިލީޓު ކުރައްވާފަ އެވެ.

comment ކޮމެންޓް