ސޮލްޝަޔާގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑަށް ހަތް މެޗުން ހަތް މޮޅު

މާކަސް ރަޝްފޯޑް ގޯލު ޖެހުމަށްފަހު -- ބީބީސީ ސްޕޯޓސް

މެންޗެސްޓަރ ޔުނައިޓެޑުން ބުރައިޓަން ބަލިކޮށް އެމީހުންގެ އާ ކޯޗުގެ އެއްވެސް މެޗަކުން ބަލި ނުވެ ދަމަހައްޓަމުން އަަންނަ ސިލްސިލާއަށް އިތުރު މޮޅެއް ހޯދައިދީފިއެވެ.

މި މޮޅަކީ ނޯވޭގެ އޮލެ ގުނަ ސޮލްސަޔާ މެންޗެސްޓަރ ޔުނައޓެޑްގެ ކޯޗު ކަމާއި ހަވާލުވުމަށް ފަހު އެއްވެސް މެޗަކުން ބަލިނުވެ ހޯދާފައިވާ ހަތް ވަނަ މޮޅެވެ. އަދި ކުލަބުގެ ތާރީހުގައިވެސް ޓީމާއި ހަވާލުވުމަށް ފަހު ފުރަތަމަ ހަތް މަޗު ކާމިޔާބު ކުރި ހަމަ އެކަނި ކޯޗު ކަމުގެ ޝަރަފް ވަނީ ސޮލްޝަޔާ އަށް ލިބިގެން ގޮސްފައެވެ.

މެޗުގެ 27 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ޔުނައިޓެޑް އަށް ލީޑު ނަގައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއެވެ. އޭނާ އަންނަނީ ސޮލްސަޔާގެ ކޯޗުކަމުގެ ދަށުގައި މޮޅު ކުޅުމެއް ކުޅެ ގިނަ ގޯލު ތަކެއް ވެސް ޖަހަމުންނެވެ. އެގޮތުން އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ތިން މެޗުން ޕޮގްބާ ވަނީ ފަސް ގޯލު ޖަހާފައެވެ.

މާކަސް ރަޝްފޯޑް ގޯލު ޖެހުމަށްފަހު -- ބީބީސީ ސްޕޯޓސް

މެންޗެސްޓާ ޔުނައިޓެޑް އަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ 10 ނަންބަރަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް އެވެ. ރޭގެ މި މެޗަކީ ރަޝްފޯޑް އަށް ވަރަށް ވެސް ހާއްސަ މެޗެކެވެ. ސަބަބަކީ މި މެޗަކީ ރަޝްފޯޑް މެންޗެސްޓަރ ޔުނައިޓެޑް އަށް ކުޅެދީފައިވާ 150 ވަނަ މެޗެވެ.

ދެވަނަ ހާފުގައި ބްރައިޓޮން އިން ވަނީ ކުޅުން ރަނގަޅުކޮށް ގޯލެއްވެސް ޖަހާފައެވެ. ނަމަވެސް ރޭގެ ބައްޔާއެކު ވޭތުވެ ދިޔަ އަށް މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ ބްރައިޓޮން ވަނީ ތާވަލުގެ 13 ވަނައަށް ވެއްޓިފައެވެ.

"މި މެޗަކީ އަހަރަމެންނަށް ކުރިމަތިވި އިމްތިހާނެއް. އެންމެ އެދެވޭގޮތުގައި ނުކުޅެވުނު ނަމަވެސް ދެން ކުރިއަށް ހުރި މެޗުތަކަށް ކުޅުންތެރިންނަށް ލިބުނު ފިލާވަޅެއްގެ ގޮތުގައި މި މެޗު ދެކެނީ،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝަޔާ ބުންޏެވެ.

"ފުޓުބޯޅައަކީ އަބަދު ހިތް ބޭނުންވާނެ ގޮތަކަށް ކަންތަށް ވެގެންދާނެ އެއްޗެއް ނޫން. ބައެއްފަހަރު އުނދަގުލާ ވެސް ކުރިމަތި ލައިގެން ކާމިޔާބު ވާނީ. މެޗުގެ ފަހު ހާފުގައި ގިނަ ފުރުސަތު ތަކެއް ލިބުނު. ނަމަވެސް ފުރުސަތު ތަކުގެ ބޭނުން ނުހިފުމުން މެޗުން މޮޅުވާން އުނދަގޫވި. މެޗުން ތިން ޕޮއިންޓް ލިބުނީތީ އުފާކުރަން."

މީގެ އިތުރުން ރަޝްފޯޑް ގެ މޮޅު ކުޅުމަށް ސޮލްޝަޔާ ވަނީ ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ.

comment ކޮމެންޓް