ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

މުހައްމަދު ސަލާހް ލިވަޕޫލްއަށް 50 ގޯލް ކާމިޔާބު ކޮށްދިނުމަށްފަހު -- ޖޭމީ ސުމިތު

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަދި ކްރިސްޓަލް ޕެލަސް ބައްދަލު ކުރި މެޗުން ލިވަޕޫލް ކުރި ހޯދައިފިއެވެ.

ގިނަ ގޯލުތަކެއް ފެނިގެން ދިޔަ ފޯރިގަދަ މި މެޗު ނިމިގެން ދިޔައީ 3-4 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މުހައްމަދު ސަލާހު ރޭގެ މެޗުގައި ދެ ގޯލު ޖަހައިދީފައިވެއެވެ. މީ އޭނަ އެ ކުލަބަށް ކާމިޔާބު ކޮށްދިން 50 ވަނަ ގޯލު ވެސް މެއެވެ. އަދި މިއާއި އެކު އޭނާ ވަނީ މި ސީޒަނުގެ ޓޮޕް ސްކޯރާގެ ލިސްޓުގެ އެންމެ ކުރީގައި ފަރަގު ބޮޑުކޮށްފައެވެ.

ލިވަޕޫލްގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރާ މަންޒަރު -- ބީބީސީ ސްޕޯޓްސް

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ޓީމު ކުރިއަށް ޖައްސައިގެން އެޓޭކް ކުރަން ފެށި މަންޒަރެވެ. އެގޮތުން މާ ލަސްތަކެއް ނުވެ ކްރިސްޓަލް ޕެލަސްއިން ވަނީ ލިވަޕޫލްގެ ގޯލް ފޫއަޅުވާލާފައެވެ. ނަމަވެސް ލިވަޕޫލް އިން ވަނީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ރައްދުގައި ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރު ތަކެއް ނުވަނީސް ކްރިސްޓަލް ޕެލަސް އިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުން މޮޅުވުމުގެ އުންމީދު އާ ކޮށްފައެވެ. ނަމަވެސް ޕެލަސްގެ މި އުންމީދު ނާކާމިޔާބު ކޮށްލީ އެ ޓީމުގެ ގޯލް ކީޕަރެވެ.

ޖޭމްސް މިލްނާ ނަގައިދިން ހުރަހެއް ޕެލަސްގެ ގޯލް ކީޕަރު ހިފަން އުޅުމުގެ ތެރޭގައި ވެއްޓި މުހައްމަދު ސަލާހް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުު ނިމެން ދަނިކޮށް ލިވަޕޫލްގެ ޖޭމްސް މިލްނާއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ނަމަވެސް ލިވަޕޫލް އިން ވަނީ އިތުރު ގޯލެއް ޖަހައި ތިން ޕޮއިންޓް ޔަގީން ކޮށްފައެވެ. މެޗު ނިމުމުގެ ކުރިން ކްރިސްޓަލް ޕެލަސް އިން ވެސް އިތުރު ގޯލެއް ޖަހާފައިވެއެވެ.

"ގިނަ ސަބަބުތަކާއި ހުރެ މި މެޗަކީ އުނދަގޫ ވާނެ މެޗެއްކަން ކުރިންވެސް އިނގޭ. އެޓީމުގެ ބައެއް ކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ތަކެއް. ނަމަވެސް އަހަރަމެންގެ ޓީމުގެ ކުޅުމާއި ދޭތެރޭ ހިތްހަމަ ޖެހޭ. މި މޮޅަކީ ވަރަށް މުހިއްމު މޮޅެއް،" ލިވަޕޫލްގެ ކޯޗު ޔާގަން ކުލޮޕް މެޗަށް ފަހު ނޫސް ވެރިންނައި ވާހަކަ ދައްކަމުން ބުންޏެވެ.

ލިވަޕޫލްގެ ބޮސް ޔާގަން ކުލޮޕް -- ޖެމީ ސުމިތް

މި މޮޅާއި އެކު ލިވަޕޫލް އިން ވަނީ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައި ހަމަ ޖެހިލާފައެވެ. ނަމަވެސް ސިޓީއިން މިރޭ ކުޅެން ހަމަ ޖެހިފައިވާ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ހަތަރު ޕޮއިންޓަށް ލީޑު ހަނި ވާނެއެވެ. ރޭ މެޗުން ބަލިވި ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ.

comment ކޮމެންޓް