ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފްރޭމް ކުރި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އޭނާ ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ފުލުހުންގެ އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދާ ބައްދަލު ކުރެއްވުމަށް ފަހު، ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފްރޭމް ކުރިގޮތުގެ ތަފްސީލު ކޮމިޝަނަރާ ހިއްސާކުރައްވާފައިވާނެ ކަމަށާއި އިއްޔެ ސިޓީ އަކުން އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް އެދި ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފައިވާ ކަމަށެވެ.
18Jan2014 gai eyruge sarukaarun hingi "Jareema" thahugeegukoh e amal hingi meehun insaafuge kurimahchah genaumah fulunge idhaaraain masakkaiy kuran jeheyne kamah alhugandu gabool kuraathy ekan sitee akun fuluhunnah iyye vaanee dhannavafai. 1/2 @PoliceMv @HomeMinistrymv pic.twitter.com/GAd5WF2G0d
— #COLNAZIM2019 (@nazim7878) January 19, 2019
ނާޒިމް ވިދާޅުވީ، އެނާ އުންމީދު ކުރަނީ ފުލުހުންގެ މުއައްސަސާ އަބުރުވެރިކަމާއެކު ރައްޔިތުންގެ އިތުބާރު ހިފޭ މުއަސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް 2014 ވަނަ އަހަރު ޖެނުއަރީ މަހު ކާނަލް ނާޒިމްގެ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އެނާ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސަބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެހުކުމަށް ހައިކޯޓުނާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކޮޮށްފައެވެ.
ނަމަވެސް އޭނާގެ ފަރާތުން އަލުން އެ މައްސަލަ ރިވިއުކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިދިޔަ މަހު އެ ހުކުމް ބާތިލް ކޮށްފަ އެވެ.